ބިދޭސީން ގެންނަން ސައްހަ ނޫން ލިޔުން ހުށަހަޅާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ބިދޭސީން ގެނައުމުގައި ގަވާއިދާ ހިލާފަށް އެޓެސްޓު ކުރުމަށްފަހު ހުށަހަޅާ ލިޔުންތައް ބަލައިނުގަންނާނެ ކަމަށާއި އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަން އިކޮނޮމިކް މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކޯޓުގައި ރަޖިސްޓްރީކޮށް ނުވަތަ އެޓެސްޓް ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކެއް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިފަދަ ލިޔުން ހުށަހެޅުމުގައި އެޓެސްޓް ކުރުމުގެ ބޭނުމާއި މަގްސަދު ގެއްލޭ ގޮތަށް ހުންނަ ލިޔެކިޔުން އެޓެސްޓް ކުރުމަށްފަހު ބައެއް ފަރާތްތަކުން ހުށަހަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން މައުލޫމާތު ފުރިހަމަނުކޮށް ހުންނަ ލިޔުން އެޓެސްޓް ކުރުމާއި އެޓެސްކޮށްފައިވާ ލިޔުމުގައި ހިމެނޭ މައުލޫމާތު ބަދަލުކުރުމަށްފަހު ހުށަހަޅަމުންދާކަންވެސް ފާހަގަވެފައިވާ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެފަދަ ލިޔުން ހުށަހަޅާ ފަރާތްތަކާމެދު ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ލިޔުން އެޓެސްޓް ކޮށްދޭ ފަރާތްތަކުން އެޓެސްޓް ކޮށްދޭ ލިޔުން އިތުރަށް ބަލައިނުގަންނާނެ ކަމަށެވެ.

ހަމައެއާއެކު ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިޔުމާއި މައުލޫމާތު ފުރިހަމަ ނުވެ އޮއްވާ އެޓެސްޓް ކޮށްފައި ހުންނަ ލިޔެކިޔުން އަދި އެޓެސްޓް ކުރުމަށްފަހު ބަދަލު ގެނެސްފައި ހުންނަ ލިޔުންތައް ވެސް ބަލައިނުގަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ޕަބްލިކް ނޮޓަރީސްގެ ގޮތުގައި ރަޖިސްޓްރީވެ، ނޮޓަރައިޒް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ 133 ފަރާތަކަށެވެ. އެ ލިސްޓު ބާ ކައުންސިލުގެ ވެބްސައިޓުން ފެންނަން އެބަ ހުއްޓެވެ.

comment ކޮމެންޓް