ޓާފަށް ބަދަލު ނުކޮށްދެވޭނެ ކަމަށް ބުނުމުން ރޯކޮށްލީ ދަނޑުގައި

ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލާފައި --- ފޮޓޯ: ގއ. އަތޮޅު ކައުންސިލް

ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި އަންގާރަ ދުވަހުގެރޭ ރޯކޮށްލީ، އެ ދަޑުގައި އަޅާފައި އޮތް މެޓް، ޓާފަށް ބަދަލު ކުރަން ޔޫތް މިނިސްޓްރީން ބުނި މުއްދަތުގައި ނުކުރުމުން ކަމަށް ހާމަވެއްޖެ އެވެ.

ވިލިނގިލީގައި ޒުވާނުން މަރުކަޒުގައި މިިދިޔަ ސަރުކާރުން ގާއިމްކޮށްފައިވާ ޓާފް ދަޑުގެ މެޓްތަކުގައި ރޯކޮށްގެން އެކަމުގެ ރިޕޯޓު ފުލުންނަށް ކުރީ އެ އެރޭ 7:54ގަ އެވެ.

ވިލިނގިލިން ވާހަކަ ދެއްކި ބައެއް ޒުވާނުން "ސަން" އަށް ބުނީ، މެޓް ދަނޑުގެ ސަބަބުން އެތަށް ޒުވާނުންތަކަކަށް އަނިޔާވަމުންދާތީވެ، އެތައް ދުވަސްތަކެއްގެ މަތިން އެކަން ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ދަނޑު ޓާފު ދަނޑަށް ބަދަލު ކުރުމަށްވެސް އެތަށް ދުވަސްތަކެއްގެ މަތިން އެދިފައިވާނެ ކަމަށް ޒުވާނާ ބުންޏެވެ.

"ސަރުކާރުން ބުނަމުން ދިޔައީ 2020 އަހަރު ނިމުމުގެ ކުރިން ޓާފު ބަދަލު ކުރާނެ ކަމަށް. އެ އަހަރު ނިމިގެން ދިޔަ އިރުވެސް އެކަން ނުވެ، އެ ދިޔައީ،" ވިލިނގިލިން ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.

އޭނާ ބުނީ، ރަށުގައި އޮތް ހަމައެކަނި ދަނޑު ރޯކޮށްލުމުން މިހާރު ވިލިނގިލީ ޒުވާނުން ފުޓްސަލް ކުޅުން އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

ރޯކޮށްލުމުން ޒިންމާ ވާން ޖެހޭނީ ޓާފު ބަދަލުކޮށްދޭނަމޭ ބުނި މީހުން: ކައުންސިލް ރައީސް

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއެކު ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ (ކ): މުސްތަފާ ވިދާޅުވީ، ޒިންމާ ނަގަން ޖެހޭނީ ޓާފު ބަދަލުކޮށްދޭނަމޭ ބުނި މީހުން ކަމަށް ---

ދަނޑު ރޯކޮށްލީ މެޓްތައް ބަދަލުނުކޮށްގެން ކަން ވިލިނގިލީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާގެ ވާހަކަތަކުންވެސް ބާރު ލިބެ އެވެ.

މުސްތަފާ "ސަން"އަށް ވިދާޅުވީ، ޑިސެމްބަރު 2018ގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު އެރަށަށް ކުރެއްވި ޒިޔާރަތުގައި ޒުވާނުންނާ ބައްދަލުކުރުމުން ޒުވާނުންގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރި ކަމަށެވެ. އެގޮތުން، ޒުވާނުން އެދުނު ކަންތައްތަކުގެ ތެރޭގައި ދަނޑު ޓާފަށް ބަދަލު ކުރުން ހިމެނޭ އިރު، އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މަހްލޫފު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ހަފްތާއެއްހާ ދުވަސް ފަހުން، ޔޫތް މިނިސްޓްރީން ސިޓީ ފޮނުވި، މިިނިސްޓްރީން ޓާފް ފޮނުވުމުން ކައުންސިލުން އަމިއްލަ ޓާފް އަޅެމުށާއި އެކަމިުގެ ޕްލޭނެއް ހެދުމަށް. އަޅުގަނޑުމެން އެއްބަސްވިން ޓާފް ފޮނުވުމުން އެކަން އަމިއްލައަށް ކުރުމަށް. އަދި ޕްލޭންވެސް ފޮނުވިން،" މުސްތަފާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މުސްތަފާ ވިދާޅުވީ، އޭގެ ފަހުން އަހަރެއް ފާއިތުވީ އިރުވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށެވެ. އަދި އެ މުއްދަތުގައި އެތައްފަހަރެއްގެ މަތިން ކައުންސިލުން މިނިސްޓްރީގައި އެކަމަށް އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔޫތް މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް، މިދިޔަ އަހަރު ފެބްރުއަރީ މަސް ތެރޭ ވިލިނގިއްޔަށް ޒިޔާރަތް ކުރުމުންވެސް ޒުވާނުންގެ ކަންބޮޑުވުމަކަށްވީ، ފުޓްސަލް ދަަނޑުގެ ކަންބޮޑުވުމެވެ.

އެފަހަރު ޔޫތް މިނިސްޓްރީގެ ނައިބު މުހައްމަދު ނާސިހް ރަޝީދު ޒުވާނުންގެ ކުރިމަތީ ވިދާޅުވެފައި ވަނީ އެ މަސައްކަތް 2020 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައިދޭނެ ކަމަށެވެ.

"ޒުވާނުންގެ މަރުކަޒުގައި އޮތް ބައްދަލުވުމުގައި ނާސިހް ވިދާޅުވީ 2020 އަހަރު ނިމުމުގެ ކުރިން ނިންމައިދޭނެކަމަށް. އެކަމަކަކު އެކަމަށް އަމަލީ ސިފައެއް ނެތް އައިސްފައި،" މުސްތަފާ ވިދާޅުވި އެވެ.

ޒުވާނުންނާްއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ނައިބު (މ): 2020 އަހަރު ނިމުމުގެ ކުރިން ޓާފު ބަދަލުކޮށްދޭނެ ކަމަށް ވިދާޅުވި ---

އޭނާ ވިދާޅުވީ، ޑިސެމްބަރު 31، 2018ގައި ޓާފް ދިނުމަށް ޔޫތް މިނިސްޓްރީން ކައުންސިލާއެކު އެއްބަސްވުމެއްވެސްވި ކަމަށާއި އެހެން ނަމަވެސް އެ އެއްބަސްވުމަށްވެސް ވީގޮތެއް ނެތް ނޭނގޭ ކަމަށެވެ.

"އެހެންވީމަ [ދަނޑު ރޯކޮށްލުމުން] އޭގެ ޒިންމާ ނަގަން ޖެހޭނީ ޒުވާނުންނާއި ކައުންސިލުން ނޫން. އޭގެ ޒިންމާ ނަގަން ޖެހޭނީ އެކަން ކޮށްދޭން ބުނި މީހުން. އެގޮތަށް ކަންތައްވާން މަގުފަހުވީ އެ ފުރުސަތު ދިނުމުން،" ޔޫތް މިނިސްޓްރީއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވި އެވެ.

ޓާފް މިވަގުތައް ބަދަލު ނުކުރެވޭނެކަމަށް އެތަށްފަހަރެއްގެ މަތިން އެންގިން: މަހްލޫފް

މިނިސްޓަރު މަހްލޫފު ގއ. އަތޮޅު ކައުންސިލްގެ މެމްބަރުނާއެކު --

މިކަންތައްވުމުގެ ދެ ދުވަސް ކުރިން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ފޭސްބުކްގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ، ވިލިނގިލީގައި ބޮޑު ފުޓުބޯލަ ދަނޑެއް އެޅުމުގެ މަޝްރޫއު ކުރިއަށްދާތީވެ، މިވަގުތަށް ފުޓްސަލް ދަނޑުގެ ޓާފު ނޭޅޭނެކަން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓްރީގެ ވިސްނުމަކީ އެހެން ރަށްތަކަށް އިސްކަން ދިނުން ކަމަށް މަހްލޫފު ވިދާޅުވި އެވެ.

"ބޮޑު ދަނޑު އަޅާތީ، ޓާފް މިވަގިތަށް ނޭޅޭނެކަން ތަކުރާކޮށް ވަނީ ދަންނަވާފައި. އޭދަފުށި އަދި އެހެން ބައެއް ރަށްތަކުގައިވެސް އެކަން ނުކުރަނީ ބޮޑު ދަނޑެއް އޮވެ. ރާއްޖޭގައި އެ ފުރުސަތު ލިބިފައި ނެތް ރަށްރަށަށް އިސްކަން ދީގެން މަސައްކަތް ތަރުތީބު ކުރެވޭތޯ،" މީހަކު އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ، ބޮޑު ދަނޑުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރަމުން އަންނަ ކަމަށެވެ. އަދި ފުޓްސަލް ދަނޑުގެ ބަދަލުގައި ރަނގަޅު އައުޓްޑޯ ވޮލީ ކޯޓެއް އެޅޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މަހްލޫފު ވިދާޅުވި އެވެ.

ޑިސެމްބަރު 31، 2018: ޓާފް އެޅުމަށް ޔޫތް މިނިސްޓްރީގެ އިސް ބޭފުޅަކާއެކު އެގްރިމަންޓްގައި ސޮއި ކުރައްވަނީ: ރަށު ކައުންސިލްގެ ފަރާތުން އެ އެގްރިމަންޓްގައި ސޮއި ކުރެއްވީ، ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ---

ނަމަވެސް މަހްލޫފުގެ އެ ވާހަކަތައް ކައުންސިލްގެ ރައީސް މުސްތަފާ ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވީ، ޓާފު ނޭޅޭނެކަމަށް ކައުންސިލަށް އަންގާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރާ އެކު ދެކެވުނު ވާހަކަ ތަކުގައި ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގެ ރަށްރަށުގައި ފުޓްސަލް ދަނޑު އެޅުމަށްވުރެ، ފުޓުބޯޅަ ދަނޑު އެޅުން ކަމަށް މަހްލޫފު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫން. ދެން ކީއްވެގެންތޯ ޓާފު ބަދަލު ކުރާނަމޭ ބުނީ، އަދި އެގްރިމަންޓްގައި ސޮއި ކުރީ. މާ ކުރިން ކޮށްފައިވާ އެގްރިމަންޓެއް އެއީ. އެ އެގްރިމަންޓަށް ކިހިނެތްތޯވީ، އޭގެ އެއްވެސް ކަމެއް ކައުންސިލަށް އަންގާފައި ނެތް،" މުސްތަފާ ވިދާޅުވި އެވެ.

comment ކޮމެންޓް