ގާނޫނަށް ބަދަލުގެނެސްގެން ވިޔަސް ކައުންސިލް އިންތިހާބު އަވަސް ކުރަން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް، ވީހާވެސް އަވަހަށް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ނިޔަލަށް އުވާނުލައިފި ނަމަ މާޗް މަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އިއްޔެ އެޗްޕީއޭއިން ވަނީ އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކަށް ދަންމާލާފަ އެވެ.

އެހެންވެ، އިންތިހާބު ބޭއްވުން އަނެއްކާވެސް ވަނީ ލަސްވެފަ އެވެ. އިންތިހާބު ބޭއްވޭނެ ތާރީހެއް އަދިވެސް ނޭނގެ އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވީހާވެސް އަވަހަށް ކައުންސިލް އިންތިހާބު ބޭއްވުން މުހިންމު ކަމަށާއި، ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރަން ޖެހޭ ކަމަށެވެ.

"މިކަން ކުރަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ނަމަ، އެކަން ކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު ފަސް ކުރީވެސް އިންތިހާބު ބާއްވައިފި ނަމަ ކޮވިޑް-19 ފެތުރިދާނެތީ އެ ދުވަސްވަރު ފާސް ކުރި ހާއްސަ ގާނޫނަކުންނެވެ. އޭރުވެސް އަމާޒު ހިފީ މާޗުގައި އިންތިހާބު ބާއްވާށެވެ.

އެ ގާނޫނުގައިވާ ގޮތުން އިންތިހާބާ ބެހޭ މަސައްކަތްތައް ފެށޭނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އޭގެ އިތުރުން، އިންތިހާބު ބޭއްވުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމެއް ކަމަށް އެޗްޕީއޭއިން އިއުލާން ކުރުމުންނެވެ.

އެ ގާނޫނުގައި އެެހެން އޮތުމުން އިލެކްޝަންސް ކޮމިޝަނުގެ ބާރު އެ ކޮމިޝަނަށް ގެއްލޭ ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ އެޗްޕީއޭއާއެކު އިންތިހާބާ ގުޅޭ މަޝްވަރާތަކެއްވެސް ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދި އުވާލެވެން ނެތް ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު ނުބޭއްވި ލަސްވަމުންދާއިރު، އެ އިންތިހާބަށް ކުރިމަތިލާފައިވާ ގިނަ ބަޔަކު ދަނީ ނަން އަނބުރާ ގެންދަމުންނެވެ. އެގޮތުން މިހާތަނަށް 100އަށް ވުރެ ގިނަ މީހުން ވަނީ ނަން އަނބުރާ ގެނެސްފަ އެވެ.

އިދިކޮޅުން ތުހުމަތު ކުރަމުން ދަނީ އިލެކްޝަންސް އިން އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނަމުން ދަނީ ސަރުކާރުން ރާވައިގެން ކަމަށާއި ތާއީދު ނެތުމުން އިންތިހާބުން ބައލިވާނެކަން ސަރުކާރަށް އެނގޭތީ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު އިސްލާހުކޮށްދޭން ގޮވާލައިފި

comment ކޮމެންޓް