ސީއެމްބިއުލާންސަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާވެއްޖެ

13 ޖެނުއަރީ 2017: އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރި ވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބުނީ މިރޭ 01:00 އެހައިކަންހާއިރ ުއެވެ.

އެ އެކްސިޑެންޓު ހިނގުމުން ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި އަށް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ދެ މީހަކައަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި އަނެއް ލޯންޗުގައި ދެ މީހަކު ތިބި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އޭގެ ތެރެއިން އެ ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ،" އާޒިމް ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް