"ވަގުތު" ނޫހުން ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން، އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދެމުންދާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފ އެވެ.
އެ ނޫހުގެ ނޫސްވެރިންނަށް ބިރުދައްކައި އިންޒާރުދެމުން އަންނަނީ 31 ޑިސެމްބަރުގައި "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ވަގުތު އޮންލައިން އަށް އެކި ގޮތްގޮތުން އިންޒާރު ދެމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، އެ ނޫހަށް ބޭނުންވާ ރައްކާތެރިކަން ފުލުހުން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މީޑިއާގެ ފަރާތްތަކަށް ދޭ އިންޒާރުތައް ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކޮށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން، އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރުދޭތީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.