ރާއްޖޭގެ ރިސޯޓެއްގައި އިންޑިއާގެ މީހަކު ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފި އެވެ.
އިންޑިއާ ރައްޔިތަކު ރިސޯޓެއްގެ އިންޓާންއަކަށް މަސައްކަތް ކުރަމުންދިޔަ އުމުރުން 19 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ. އަދި އެ އިންޑިއާ މީހާ އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "ސަން" އަށް ވިދާޅުވީ މި މައްސަލަ ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަމަށެވެ. އަދި ކަމުގެ ހަގީގަތް ހާމަ ނުކޮށްފިނަމަ އެދާއިރާގައި މަސައްކަތް ކުރަން އާންމުން ޖެހިލުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މި ގޮވާލަކީ ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާފަ މިކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް. އެހެންނޫނީ މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ވަރަށް ބޮޑު ބިރުވެރިކަމަކަށް ވާނެ. ހަމައެއާއެކު ތުހުމަތު ކުރެވުނު މީހާ ފުރުވާލީ ކޮން ހަމައަކުންތޯ ވެސް ކަމާ ބެހޭ މުއައްސަސާތަކުން ސާފްކޮށްދިނުމަށް ގޮވާލަން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މީގެ ކުރިން އިންޑިއާއަށް ނިސްބަތްވާ މީހަކު މަގުމަތީގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވުމުން އޭނާވެސް ފުރުވާލާފައިވާ ކަމަށާއި މިފަދަ ބޮޑެތި ތުހުމަތުތަކުގައި މީހުން ފުރުވާލުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ވަކި ގައުމެއްގެ މީހަކު ރާއްޖޭގެ ގާނޫނު މަނާކުރާ ކަމެއް ކުރީމަ އެއަށް އަމަލުކުރުމުގެ ބަދަލުގައި އެމީހުން ރާއްޖެއިން ފުރުވާލާ ފުރުވާލުން މިއީ ކިހިނެތް ވާ ކަމެއްތޯ އަޅުގަނޑުމެން ސުވާލު އުފައްދަން ޖެހޭ." އަދުރޭ ވިދާޅުވި އެވެ.
"މިވަރުގެ ބޮޑުކަމެއް ހިނގައިގެން އުޅޭ ކަމަށް މީޑިއާތަކުން ޚަބަރު ފަތުރަމުން ގެންދާއިރު، ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން މިކަމުގައި އެއްވެސް އެއްޗެއް ބުނަމުން ނުދާކަމީ ހައްތާ މިކަމުގެ ބިރުވެރިކަން ބޮޑުވެގެންދާ ކަމެއް."
މި ވެރިކަމުގައި ރާއްޖޭގައި އަންހެނުންނަށް އުޅެން ނުރައްކާ ބޮޑުވާނެ ކަމަށް މީގެ ކުރިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވިކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، އެކަން ހަގީގަތަކަށް ވާން ފަށާފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ކުރިން ދެއްކި ވާހަކަ. އަޅުގަނޑުމެންގެ ނައިބު ރައީސް ޝުޖާއު މީގެކުރިން ވިދާޅުވީ ރާއްޖޭގެ އަންހެނުންނަށް ނުރައްކާ ވާނެއޭ. މަތިމަސްލީ މީހުން އެމީހުން ކައިރިއަށް އަންނާނެއޭ. ޝުޖާއު އެ ވާހަކަ ދެއްކީމަ ވަރަށް ބޮޑަށް ޝުޖާއު އަށް މަލާމާތްކޮށް ހެދި. އެކަމަކު މިއަދު މިއޮތީ އެކަން ހަގީގަތަކަށްވާން ފަށާފައި. އެމީހުންނާ މެދު ފިޔަވަޅު އެޅޭތަނެއް ނުފެނޭ." އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގެ ގާނޫނު އެންމެންގެ މައްޗަށް ވެސް ހިނގަންވާނެ ކަމަށާއި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައި ބައިވެރިވާ ކޮންމެ ބަޔަކަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރު ހިނގާނެ ކަމަށެވެ.
ހަމައެއާއެކު މިވަރުގެ ކަމެއް ހިނގައިގެން އުޅޭއިރު ކަމާބެހޭ ފަރާތްތަކުން ވަކި އެއްޗެއް ބުނެފައި ނުވާތީ އަދުރޭ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މިވަރު ކަމެއް ހިނގައިގެން އުޅޭއިރު ކޮބައިތޯ ހިއުމަން ރައިޓްސް ކޮމިޝަން. ނިދާފަތޯ އޮތީ. ކޮބައިތޯ ދައުލަތުގެ ޕީޖީ. ކީއްވެގެންތޯ އެއްޗެއް ނުބުނީ. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ރާއްޖޭގައި މިވަގުތު މިއޮތީ ތިންބާރު ވަކިވެފައި އޮތް ނިޒާމެއް ނޫނޭ. ޖެންޑާ މިނިސްޓަރަށް އަޅުގަނޑު ދަންނަވާލަން ބޭނުން ކަމަނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާށޭ. ކަމަނާ އޮފީހަށް ނިކުމެވަޑައިގެން މުސާރަ ނެންގެވުމަކުން ނުފުދެޔޭ." އަދުރޭ ވިދާޅުވި އެވެ.
ކަމާބެހޭ ފަރާތްތަކުން މިކަމުގައި ހަނުތިބުމުން ސަރުކާރުން އަންގާ ގޮތަކަށް ނޫނީ ފިޔަވަޅު އަޅަން ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުކުރޭކަން ހާމަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.