އެކި ދާއިރާތަކުން ރާއްޖެއަށް އެހީ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޔޫއޭއިީއިން ދީފި

އަބޫދާބީގެ ވަލީއަހުދު ނަހުޔާންގެ ގަނޑުވަރުކޮޅުގައި ރައީސް ސޯލިހުއާ ބައްދަލުކުރެއްވުން- ފޮޓޯ/ ރައީސް އޮފީސް

ގިނަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަލީއަހުދު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހުޔާން ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ވަލީއަހުދު ނަހުޔާންގެ ގަނޑުވަރަށް ޒިޔާރަތްކުރައްވާފަ އެވެ.

ވަލީއަހުދާއި ރައީސް ސޯލިހުއާ ބޭއްވެވި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ކޮވިޑް19 ޕެންޑެމިކްގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި އެކި ގައުމުތަކާ ގުޅިގެން ޕެންޑެމިކް ކޮންޓްރޯލު ކުރުމަށާއި ޕެންޑެމިކްއާ ދެކޮޅަށް ޔޫއޭއީއިން ޓެކްނޮލޮޖީގެ ބޭނުން ކުރި ގޮތަށް ރައީސް ސޯލިހު ވަނީ ތައުރީފު ދަންނަވާފަ އެވެ.

އެ ބައްދަލުވުމުގައި އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި ޔޫއޭއީއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިހާރެކޭވެސް އެއްފަދައިން ކުރިއަށް އޮތް ތަނުގައިވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ވަލީއަހުދު ނަހުޔާން ރައީސް ސޯލިހަށް ދެއްވި އެވެ. އެގޮތުން އެހީ ފޯރުކޮށްދޭނެ ކަމަށް ވަލީއަހުދު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް، މަސްވެރިކަން، ފުޑް ސެކިއުރިޓީ، ޓްރާންސްޕޯޓް އަދި ފަތުރުވެރިކަމުގެ ސިނާއަތް ހިމެނެ އެވެ.

ޔޫއޭއީގެ އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ވަނީ މިދިޔަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އެއާޕޯޓު ތަރައްގީކުރާ މަޝްރޫއުތަކަކީވެސް ޔޫއޭއީގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއުތަކެވެ.

comment ކޮމެންޓް