ޖެކް މާ ގެއްލިއްޖެ ކަމުގެ ތުހުމަތުތަކެއް

ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުތަކުގައިވޭ -- ފޮޓޯ: ގެޓީ

ދިއްލީ (ޖެނުއަރީ 4): ޗައިނާގެ ބިލިއަނަރު ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

ޔާހޫ ފައިނޭންސްއިން ރިޕޯޓު ކުރި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ޖެކް މާ އާއްމު ތަނަކުން ފެނިފައި ނުވެ އެވެ. އަދި އޭނާ ޖަޖެއްގެ ގޮތުގައި ހުންނަ ޝޯއެއް ކަމަށްވާ އެފްރިކާސް ބިޒްނަސް ހީރޯސްގެ ފައިނަލް އެ މަހު ބޭއްވި އިރު، އޭނާ އެ ޝޯއިން ފެނިފައި ނުވާތީ ޖެކް މާ އަށްވީ ގޮތާ ބެހޭ ގޮތުން ސުވާލު އުފެދެން ފެށި އެވެ.

ބިޒްނަސް އިންސައިޑާގައިވާ ގޮތުން ޖެކް މާ އެ ޝޯއިން ނުފެނުމާ ބެހޭ ގޮތުން ސުވާލު ކުރުމުން އަލީބާބާގެ ތަރުޖަމާނަކު ވިދާޅުވީ ޖެކް މާ އަށް ޝޯގައި ބައިވެރިނުވެވުނީ އޭނާއަށް ވަގުތު ނުވުމުން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ދޭނެ އިތުރު މައުލޫމާތެއް ނެތް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

މާގެ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އޭންޓް ގްރޫޕްގެ ހިއްސާ ޝަންހާއީ އާއި ހޮންކޮންގްގައި ވިއްކަން އެ ކުންފުނިން މިދިޔަ ނޮވެމްބަރު މަހު ތައްޔާރުވި އެވެ. ނަމަވެސް ޗައިނާގެ ރެގިއުލޭޓަރުން އެކަމަށް ހުރަސް އެޅި އެވެ. އަދި އެގައުމުން ވަނީ އޭންޓްގެ ބޭންކިން ހިދުމަތުގެ ގަވާއިދުތައް ހަރުކަށި ކުރުމަށް ގޮވާލާ، އަލީބާބާއާ ގުޅުން ހުރި އެންޓި-މޮނޮޕޮލީ ތަހުގީގެއް ފަށާފަ އެވެ.

ޗައިނާއިން އެ ފިޔަވަޅު އެޅީ މިދިޔަ އޮކްޓޯބަރު މަހު މާ، އެގައުމުގެ ފައިނޭންޝަލް ރެގިއުލޭޓަރީ ސިސްޓަމުން އީޖާދީ އުފެއްދުންތެރިކަމަށް ހުރަސް އަޅާ ކަމަށް ބުނެ އެ ސިސްޓަމަށް ފާޑު ކީ ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް