އިނގިރޭސިވިލާތުން އޮކްސްފޯޑުގެ ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި

އިނގިރޭސިވިލާތުން އޮކްސްފޯޑުގެ ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ޖެހީ 82 އަހަރުގެ ބްރައަން ޕިންކާ -- ފޮޓޯ: ޕީއޭ

ލަންޑަން (ޖެނުއަރީ 4): އިނގިރޭސިވިލާތުން އެގައުމުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން މިއަދު ޖަހަން ފަށައިފި އެވެ.

އިނގިރޭސިވިލާތުން އޮކްސްފޯޑުގެ ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ޖެހީ 82 އަހަރުގެ ބްރައަން ޕިންކާ ކިޔާ މީހެކެވެ. އޭނާއަކީ ކިޑްނީގެ ބައްޔެއްގެ ސަބަބުން ޑައެލިސިސް ހަދަމުންދާތާ އަހަރުތަކެއް ވެފައިވާ މީހެކެވެ. އަދި ޕިންކާ ވަނީ އެއީ އޮކްފޯޑުން އުފެއްދި ވެކްސިނަކަށް ވާތީ "ވަރަށް ފަހުރުވެރިވާ" ކަމަށް ބުނެފަ އެވެ.

"އަހަރެންގެ އަންހެނުން ޝާލީއާ އެކު އަހަރެމެންގެ ކައިވެންޏަށް 48 އަހަރު ފުރުން މި އަހަރުގެ ފަހުކޮޅު ފާހަގަ ކުރަން މިހާރު އުފަލާއެކު އިންތިޒާރު ކުރާނަން،" ޕިންކާ ބުންޏެވެ.

އިނގިރޭސިވިލާތުން އޮކްސްފޯޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދިނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އޭގެ ކުރިން މިދިޔަ މަހުގެ ދޭއްގައި އެގައުމުން ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި އެވެ. ނަމަވެސް އޮކްސްފޯޑް ވެކްސިނަކީ އަގު ހެޔޮ އަދި އެގައުމުގައި ގިނަ އަދަދަކަށް އުފެއްދޭ ވެކްސިންއެއް ކަމުން އެ ވެކްސިން ޖަހަން ފެށުމުން އެގައުމުގެ ވެކްސިން ޕްރޮގްރާމް އަވަސްވެ، ފުޅާ ވެގެން ދާނެ އެވެ.

މީގެ އިތުރުން ފައިޒާގެ ވެކްސިންއަކީ މައިނަސް 70 ޑިގްރީ ސެލްޝިއަސްގައި ރައްކާ ކުރަން ޖެހޭ ވެކްސިނެއް ނަމަވެސް އޮކްސްފޯޑް ވެކްސިން ސްޓޭންޑާޑް ފްރިޖުތަކުގައި ބެހެއްޓެ އެވެ. އެހެންކަމުން އެ ވެކްސިން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ފަސޭހަ ވާނެކަން ވެސް އެގައުމުން ފާހަގަ ކުރެ އެވެ.

އެސްޓްރާޒެނެކާއިން ބުނާ ގޮތުގައި އެ ވެކްސިން ދިނުމުން އެވަރެޖުކޮށް 70 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރި ކުރެވެ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ އޮކްސްފޯޑް ވެކްސިންގެ 100 މިލިއަން ޑޯޒް ހޯދަން އެއްބަސްވުންތައް ހަދާފަ އެވެ.

އިނގިރޭސިވިލާތުން އެ ވެކްސިންތަކަށް ހުއްދަ ދިނީ އެގައުމުން ކޮރޯނާވައިރަހުގެ އާ ވޭރިއެންޓެއް ފެނުނު ފަހުންނެވެ. އަދި އެއީ އާއްމުކޮށް ފެތުރޭ ވޭރިއެންޓަށް ވުރެ ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަހެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ފަހުންނެވެ. އެގައުމުން މިހާތަނަށް 2.65 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 75,024 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް