ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހު ތިނަކަށް އިތުރުކޮށްފި

އޮގަސްޓު 23، 2020: މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއް މަސް ދުވަހަށް އިިތުރުކޮށްފި އެވެ.

މިހާރު އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކާ ހަމަވަނީ މިރެއަށެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށާއި މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއޮތް ކަމަށެވެ.

އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ގަބޫލުކުރެވޭ ކަމަށް، ހެލްތު މިނިސްޓަރަށް ލަފާދެއްވާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓާ ޖެނެރްއަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 13،867 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 13،191 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެެ. ބަލީގައި 48 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ. އެއީ 40 ދިވެހީންނާއި އަށް ބިދޭސީންނެވެ.

comment ކޮމެންޓް