މުހިންމު ލިޔުމެއް ހުށަހަޅާފައި ނެތުމުން ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ބޭރު

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދައުލަތުން ހުށަހަޅަން ޖެހޭ ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭފަދަ ލިޔުމެއް ހުށަހަޅާފައި ނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުދިންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. އަދި ކުޑަކުއްޖަކު ކަމަށް ބުނެފައިވާ މާނައިގައެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 18 އަހަރު ފުރިފައިވިޔަސް، ބުއްދީގެ ތަސައްރަފު ނުފުދޭ ކުދިންނާއި މީހުން ހިމެނެ އެވެ.

މި މައްސަލައަކީ އުމުރުން 18 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އޭނާގެ ޅިޔަނު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ނަމަވެސް، އެ މައްސަލައިގައި ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭފަދަ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން މައްސަލަ ކޯޓުން ބޭރުކޮށްލައިފަ އެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ޖިންސީ ގޯނާ ލިބުނު ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ 18 އަހަރުން މަތީގެ ކުއްޖެއް ނަމަ އެ ކުއްޖާއަކީ ބުއްދީގެ ތަސައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ގަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގައިވެ އެވެ.

އެ މައްސަލައިގައި ބުއްދީގެ ތަސައްރުފު ނެތް ކުއްޖެއްކަން ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ނަމަވެސް، އެ ރިޕޯޓުގައި "ސައިކޮލޮޖިކަލް ޓެސްޓު ހެދުމަށް ބޭނުންވި ސަބަބު" ކަމަށް ބަޔާން ކޮށްފައިވަނީ ތުހުމަތު ކުރެވޭ ފަރާތުގެ "ޅިޔަނެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެއްވެސް މީހެއްގެ ފަރާތުން އޭނާއަށް އެފަދަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށާއި، އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިތޯބަލާ އެސެސްމަންޓް ރިޕޯޓް ހެދުން" ކަމަށެވެ.

އުމުރުން 18 އަހަރު ފުރިފައިވީނަމަވެސް ކުޑަކުއްޖެއް ކަމަށް ބެލެވޭނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ގަބޫލު ކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާކަން ފާހަގަކޮށް، އެ ފަދަ ލިޔުމެއް އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލައިގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވިޔަސް، އެއީ ދައުލަތުން ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާ ނުވާން ޖެހޭ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު އަބްދުﷲ ހަމީދު، އަދި އިސްފަނޑިޔާރެއް ހާތިފް ހިލްމީ އެވެ.

comment ކޮމެންޓް