މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓަކީ އިންޑިއާ

އިންޑިއާގެ އެއާލައިނަކުން ރާއްޖެ އައި ފަތުރުވެރިން ތަކެއް --- ފޮޓޯ: ވީއައިއޭ

މިދިޔަ 2020 ވަނަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިން ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

އިންޑިއާގެ ސެލެބްރިޓީންގެ މެދުގައިވެސް ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއާއި އިންޑިއާ އާއި ދެމެދު ގާއިމް ކުރި ޓްރެވަލް ބަބުލްގެ ދަށުން އެ ގައުމުގެ ގިނަ އެއާލައިންތަކަކުން ރާއްޖެ އަށް ދަތުރު ކުރެ އެވެ.

އޭގެ ތެރޭގައި އެއާ އިންޑިއާ، އިންޑިގޯ، ގޯ އެއާގެ އިތުރުން ސްޕައިސްޖެޓު ހިމެނެ އެވެ. އެއާ ވިސްޓާރާ އިންވެސް ރާއްޖެއަށް ޗާޓާޑް ދަތުރުތައް ބާއްްވަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އިންޑިއާ އިން 62,905 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ މާކެޓް ޝެއާ ޕަސެންޓުން ބަލާނަމަ 11.3 ޕަސެންޓެވެ. އޭގެ ކުރީ 2019 ވަނަ އަހަރު އިންޑިއާ އަކީ ރާއްޖޭގެ ދެވަނަ މާކެޓެވެ. އޭރު އެއްވަނާގައި އޮތީ ޗައިނާ އެވެ. ނަމަވެސް ކޮވިޑު19 ގެ ސަބަބުން ޗައިނާ ޓޫރިސްޓުން ގެނައުން ހުއްޓާލިފަހުން މިހާތަނަށް ޗައިނާގެ ފަތުރުވެރިން އަންނަން ފަށައިފައެއް ނުވެ އެވެ.

މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. ރަޝިއާ އިން 61,388 ޓޫރިސްޓުން އައި އިރު އެއީ 11.1 ޕަސެންޓެވެ. އިނގިރޭސިވިލާތުން 52,716 ޓޫރިސްޓުން އައި އިރު، އިޓަލީ އިން 46,690 ޓޫރިސްޓުން އަދި ޖަރުމަނުން 36,435 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަކީ 555,399 އެވެ.

comment ކޮމެންޓް