ފުރަތަމަ ތިން ދުވަހު 10،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފި

އެއާޕޯޓުގައި ޓޫރިސްޓުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ޖެނުއަރީ މަހުގެ ފުރަތަމަ ތިން ދުވަސް ތެރޭ 10،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، މި ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު 2,005 ޓޫރިސްޓުން، ދެވަނަ ދުވަހު 4,160 ޓޫރިސްޓުން އަދި އިއްޔެ 4,195 ޓޫރިސްޓުން އައިސްފައި ވެއެވެ.

މިއާއެކު މި ޖެނުއަރީ މަހުގެ ފުރަތަމަ ތިން ދުވަހު އައި ފަތުރުވެރިންގެ ޖުމްލަ އަކީ 10,360 އެވެ.

މި އަހަރުގެ ފުރަތަމަ ތިން ދުވަހު ރާއްޖެ އައި ޓޫރިސްޓުންނަށް ބަލާއިރު އެންމެ ގިނަ ޓޫރިސްތުން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 3,226 ޓޫރިސްޓުން، ޔޫކްރެއިން އިން 979 ޓޫރިސްޓުން، އިންޑިއާ އިން 778 ޓޫރިސްޓުން، ކަޒަކިސްތާން އިން 613 ޓޫރިސްޓުން އަދި އިނގިރޭސިވިލާތުން 554 ޓޫރިސްޓުން އެ މުއްދަތުގައި ރާއްޖެ އައިސްފައި ވެއެވެ.

މިވަގުތު 541 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އޮތްިރު އޭގެ ތެރޭގައި ހިމެނެނީ 141 ރިސޯޓު/މެރީނާ އާއި 11 ހޮޓެލްސް، 130 ސަފާރީ އަދި 259 ގެސްޓުހައުސް އެވެ. މިއީ ޖުމްލަ 41،660 ޓޫރިސްޓު އެނދެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ކޮވިޑުގެ ބަލިމަޑުކަމާއެކު ޓޫރިޒަމް ދާއިރާ އަށް އައި ހީނަރުކަމުގެ ސަބަބުން މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 555،399 ޓޫރިސްޓުންނެވެ.

comment ކޮމެންޓް