އަންދަލުސްގެ ޕްރިންސް 13

އަންދުލުސް ޕްރިންސް

އާާލްފްގެ ނަން އިވުމާއެކު ފްލޮރިންޑާ ކުއްލިއަކަށް ހަށިގަނޑު ސީދާކޮށްލީ ހުވަފެނެއްގައި އިނދެފައި ހޭލެވުނުފަދައަކުންނެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އަދި ކޯތާފަތުގެ ރަތްކުލަ ގަދަވިއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އާލްފް ނަން ވެސް ނުގަނެބަލަ ބޮޑުދައިތާ. މި ހިތާމަތަކުގެ ބަޔެއް ގުޅިފައިވަނީ އޭނައާއި. ބޮޑުދައިތައަށްވެސް އެނގޭނެއްނު އަހަރެން ހީކުރީ އަހަރެންގެ އުފާތަކުގެ އަސްލަކީ އޭނަކަމަށް...އާހް. އަހަރެން ރުއިމަށް ދޫކޮށްލަ ދީ..ބޭނުމީ ރަގަޅަށް ރޯލަން.........."

"މިހާ ބޮޑު ހިތާމައެއްގައި ފްލޯރާ އިންނަން ޖެހޭނެ ސަބަބެއް ޚިޔާލަށް ގެންނަން ދަތި. ތިފަދަ ނަސީބެއް ލިބިފައިވާ އަންހެންކުއްޖަކު ދުނިޔޭގައި މަދުވާނެ. ހިތާމަތައް އާލްފްއާއި ގުޅިފައިވެއޭ ބުނީ ކީއްވެ؟އެއީ ވާން އުޅޭ ފިރިމީހާ. ކަލޭ އުފާކޮށްފައި ބަހައްޓަން އޭނަ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެ..."

"އަހަންނަށް ތިކަން ޔަގީންކުރެވޭ. މިހާ ވިސްނަން ޖެހެނީ އެކަމާހެދި. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވޭ އެކަމަކު އޭގެ ހިތްހަމަޖެހުމެއް ކޮބާ؟ ބޮޑުދައިތައާއިހުރެ ވާހާ ކަންތައްތަކޭ.އެއްވެސް ފިކުރެއް ޚިޔާލެއްނެތި އުޅެނިކޮށް އާލްފްއާއި ބައްދަލުކުރުވައިފި. މާތް ރަސްކަލާނގެ ބޮޑުދައިތަގެ ފާފަ ފުއްސަވާށި....."ފްލޮރިންޑާ ރުމާލަކުން ކޯތާފަތް ފޮހެލިއެވެ.

"އެކަމާއި ހެދި ދުވަހެއްގެ ކޮޅުންވެސް ހިތާމައެއް ނުކުރާނަން. ތި ދެ ހިތް ގުޅުވަން އަހަރެން އުފުލި އެއްވެސް ބުރައަކަށް. ސަބަބަކީ ހުރިހާ ގޮތަކުންވެސް ދެކުދިން ގުޅޭތީ. ޝާހީ މާތް އާއިލާއަކުން އައިސްފައި ތިބީ. އަހަރެން ތި ކަންތައް ހަމަޖައްސަން މަސައްކަތްކުރިއިރު އާލްފްއަކީ ބޮޑު ރަސްކަމެއްގެ ވަލީ އަހުދު. ތިއީ ކައުންޓު ޖޫލިއަންގެ ދަރިފުޅު. ތި ދެކުދިން އެންގޭޖްކުރުވިއިރު ކަލެއަށްޓަކާ މަތިވެރި އުފަލަކާއި މާތްކަމެއް ހޯދަދެވުނުކަމުގެ ޔަގީންކަމެއް ލިބުނު. އޭރު އާލްފްއަށް ރަސްކަން ލިބި ވިޒިގޯތުންގެ ރާނީއަކަށް ކަލޭ ވުމުގެ ޝަރަފު ލިބުމަށް ދުވަސްތަކެއް ނެތް. ކެހިވެރި މަކަރުވެރި ބަޔަކު ރަސްކަން ފޭރި ބަޣާވާތްކޮށް ވެރިކަން ބަދަލުކުރާނެ ކަމުގެ ހިލަމެއްވެސް ނުވި. އަދި ކުރިއަށް ތިބި އެންމެން ރަސްގެފާނުގެ ކޮމާންޑަރަކަށް ރަސްކަން ދޭން ނިންމީ." ބޮޑުދައިތަ ވަށައިގެން ހޯދައި ބަލައިލުމަށްފަހު ކިރިޔާ ފްލޮރިންޑާއަށް އިވޭވަރަށް އަޑު މަޑުކޮށްލިއެވެ. "ތި ހިތާމަކުރަނީ ރަސްކަން ބީވެގެން ދިޔުމުން ކަމުގައިވާނަމަ އަަހަރެން ކަލޭގެ ތި ހިތާމައަށް އެއްޗެކޭ ނުބުނާނަން.."

"ނޫން ނޫން....." ފްލޮރިންޑާއަށް ބާރަށް ބުނެވުނެވެ.

"އަހަންނަކީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއްނޫން. އަހަރެން ދެރަވަނީ އާލްފްއަށް ކުރިއެކޭ އެއްގޮތަށް ދެން ނާދެވޭތީ. އެންމެ ފަހަށް ދިމާވިފަހުން ކޮން ދުވަހެއް. މިހާރު މި ގަނޑުވަރަށް ބަދަލުކޮށްލީމަ މަސްތައް އަހަރުތަކަށްވެސް ވެގެން ހިނގައިދާނެ. މާތްރަސްކަލާނގެ މި ހާލަތުން އަހަރެން ރައްކާތެރިކޮށް ދެއްވާށި. އަހަރެންގެ ހިތް ބުނާގޮތުން މީގައި ނުބަޔެއް އުޅޭ. އެހެންވެ މިތަނުގައި ހުރުމުން ކަންބޮޑުވެ ވިސްނެނީ...."

"އަހަރެންގެ ލޯބިވާ ދަރިފުޅާ. ތިގޮތަށް މޮޔަ ވާހަކަ ނުދައްކާ. މި ގަނޑުވަރުގައި ކަލޭ އުފާކޮށްދޭނެ ބައިބަރު ކަންތައްތައް އެބަހުރި. ނޭގުނަސް ތި ހިތާމަކުރަނީ ހަމައެކަނި އާލްފްއަށްޓަކާ. އާލްފްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން. ދުރުގައި ހުރިކަމަށްޓަކާ އޭނައަށް މާފުކޮށްދޭން ޖެހޭނެ. ރަސްގެފާނަށް އާލްފްގެ އަތުން ނަގައިގަނެވުނީ ކިހާވަރުގެ އެއްޗެއްކަން ވިސްނޭނެ އެހެންވެ އޭނަ އާލްފް އުޅޭ ތަނާއި ހުރިހާ ހަރަކާތްތަކަށް ބަލާނެ..." ބޮޑުދައިތަ ބުނަމުން ދިޔައެވެ.

ފްލޮރިންޑާގެ ނަޒަރު ހުއްޓިފައިވާ ކުޑަ އުޅަދު ކޯރުގައިވާ ބޮޑެތި ހިލަތަކަކާއި ނިވައިވެ ލޯމަތިން ގެއްލިއްޖެއެވެ. އިރުކޮޅެއްފަހުން އެ ބޯޓު އަލުން ދައްކައިލީ އެމީހުން ތިބި ބަގީޗާގެ ދާދި ކައިރިންނެވެ. އޭގައި ތިބި މީހުން ވަކިކުރަން އެނގޭނެހާ ކައިރިންނެވެ. އާލްފްގެ ރީތި ސޫރަ ފެނުމުން ފްލޮރިންޑާގެ ހުރިހާ ހިތާމަތައް ފިލާ އުފާވެރިކަން ވަށާލައިފިއެވެ. ބުނާނެ އެއްޗެއް ދުލަށް ނައުމުން އެކަނި އަތް ތިލަ އުފުލައިލެވުނީއެވެ. އާލްފް ބޯޓުން ފުންމައިލިގޮތަށް އަވަސްވެގަތީ ލޯބިވެރިޔާ ގާތަށް އައުމަށެވެ. އޭނަ ހުރީ ފާރަވެރިންގެ ރަސްމީ ޔުނިފޯމުގައެވެ. ފުއްޕާފައިވާ ކުރު ހަރުވާޅަކާއި އެކު ކަކުލާއި ހަމަޔަށް ކެހެރި އަދި މޭމައްޗަށް ފިޓްވާފަދަ ގޮތަކަށް އަޅާފައިވާ ދަހަނާގެ މަތިން ވައިލެޓް ގައުނެއް ވައްޓާލާފައެވެ. އުނަގަނޑުގައި ލެދާ ބެލްޓެކެވެ. އިސްތަށިފަނޑުގައި ވާ ތޮފީގައި ގިނިކާމާ ދޫންޏެއްގެ ފަތެއް ހަރުކޮށްލާފައެވެ. އުމުރުން އެންމެ ވިހި އަހަރުކަމުން އަދި ތުނބުޅިއާއި މަތިމަސް ފަޅަން ކިރިޔާ ފެށިކަމެވެ. ދޮންކަން ލިބިފައިވުމާއެކު އެ ރީތި ލޮލުން ހިތްހެޔޮކަމާއިއެކު ޝާހީކަން ފެނެއެވެ. އަނިޔާވެރި މަކަރުވެރިކަމުގެ ސިފައެއް ނެތް މޫނެކެވެ. އާލްފްގެ ބައްޕަ ރަސްކަލަށް ހުރިއިރު އެދެކުދިން އެންގޭޖްކުރުވިއެވެ. ބޮޑުދައިތައާއި އާލްފްގެ މަންމަގެ އޮތް ގާތް ގުޅުމުގެ ސަބަބުން އާލްފްއާއި ފްލޮރިންޑާގެ ގުޅުމަށް މަގުކޮށައިދިނެވެ. އޭރު އާލްފްއަށްވެސް ފްލޮރިންޑާދެކެ މޮޔަވާހާ ލޯބިވެވިއްޖެއެވެ.

އާލްފްގެ ބައްޕަ މަރާލުމަށްފަހު ލުޒްރީކް ރަސްކަމަށް އެރުމަށްފަހު އާލްފްގެ އުއްމީދޔުތައް ވަޅުޖެހުނެވެ. އަދި ފްލޮރިންޑާގެ ގާތަށް އައުމަށް ހުރަސް އެޅުނެވެ. ކުރިން ކޮންމެ ދުވަހަކު އޭނަ ފްލޮރިންޑާއާއި ވާހަކަދައްކަން ބައްދަލުކޮށް އުޅުނެވެ. ލުޒްރީކްގެ ޖާސޫސުންނާއި މައުލޫމާތުދޭ މީހުން އާލްފް އުޅޭހާ ގޮތް ބަލާ އޭނައަށް ފާރަލާކަން އޭނަ ދަނެއެވެ. އެހެންވެ ލޯބިވެރިޔާއާއި ބައްދަލުކުރަން އޭނަ ޖެހެނީ ސިއްރިއްޔާތުގައި އަންނާށެވެ. އެފަދަ ފުރުސަތަކަށް ބަލަބަލާ ހުއްޓާ އެންމެން ކްރިސްމަސް ފާހަކަ ކުރާކަން އެނގި ވަގުތު ހޯދައިގެން އައީއެވެ. ހުރިހާ ކަމެއް ބަދަލުވިޔަސް އާލްފް ގެ ހުވަފެނަކީ ވީހާ އަވަހަށް ފްލޮރިންޑާ އޭނަގެ އަންބަކަށް ހެދުމެވެ. އޭނަ އަމިއްލަ ނަފުސަށް ބުނަމުން ދިޔައީ ފްލޮރިންޑާ އޭނައާއި ދުރުން އުޅެނީ އޭނަގެ އަތުން ރަސްކަމުގެ ބާރުތައް ދިޔައީކަމުގައެވެ.

ފްލޮރިންޑާ ބަލިވެ އުޅޭކަމުގެ ޚަބަރު އިވިފާ ކްރިސްމަސް ފާހަގަކުރަން ނުދާނެކަމަށް ހީކުރެވުނެވެ. އޭނަ އަވަހަށް ބޯޓެއްގައި މިތަނަށް އައީ ވަފާތެރި ދެ ޚާދިމުން ގޮވައިގެންނެވެ. އެކަކަށް އެންގީ އޭނަގެ އަސް ތައްޔާރުކޮށްގެން ގެނައުމަށެވެ. އޭރުން ރަސްގެފާނު އަޅުކަމުން ނިމޭއިރަށް އޭނައަށް ބައިވެރިވެވޭނެއެވެ. އަނެއް ޚާދިމަށް އެންގީ ބޯޓުގައި މަޑުކުރުމަށެވެ. ކުއްލިގޮތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަކު ތައްޔާރަށް ބެހެއްޓުން ބުއްދިވެރިއެވެ.

އާލްފް އޭނައާއި ދިމާލަށް އައި މަންޒަރު ބަލަން އަޖައިބުވެ އަންތަރީސްވެފައި ފްލޮރިންޑާ އިނެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެމުންދާއިރު ފައިކޮޅުން ވާގި ދޫވެދާނެހެން ހީވިއެވެ. އާލްފްއަށް މަރުހަބާ ކިޔަން ތެދުވަން އުޅުނަސް އެކަމަށް ނުކުޅެދުނެވެ. އަދިވެސް އާލްފް މިގޮތަށް ފެނިދާނެކަމަށް ގަބޫލުކުރަންވެސް ދަތްޗެވެ. ފްލޮރިންޑާގެ ހިމޭންކަން އާލްފްގެ ހިތުގައި ޝައްކުތަކެއް ހިނގުވައިލިއެވެ. އޭނަދެކެ ފްލޮރިންޑާ ފޫޙިވެފައިކާމަށް ކުރެވުނު ހީ ޔަގީނަށް ބަދަލުވެއްޖެއެވެ. ލޯބިވެރިޔެއްގެ ހުރިހާ ޖޯޝަކާއި ފޯރިއަކާއެކު އޭނަ އައެއްކަމަކު ލޯބިވެރިޔާގެ ފަރާތުން ފެނުނީ ފިނިކަމެވެ. މިތަނަށް އައިސް އުދަގޫކުރެވުނު ކަމުގެ މޮޔަ ހީވިއެވެ. އެކަމަކު ދުރުގައި ހުރި ބޮޑުދައިތަ އޭނަގެ ގާތަށް އަންނަން އަވަސްވެގަތް ގޮތުން ހެދުމަށް ފައިން އެރި ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާއެވެ.

"އަހަރެމެންގެ އާލްފްއަށް ހޫނު މަރުހަބާއެއް....."

ބޮޑުދައިތަގެ ޖުމްލައިން ކުޑަކޮށް ހިތަށް ހަމަޖެހުމެއް ލިބުނަސް އޭނަ ހުރީ އުދަގޫވެފައެވެ. އާލްފްގެ ފިޔަވަޅުތައް ހުއްޓުނީ ފްލޮރިންޑާއާއި ފޫޓެއްހާ ދުރުމިނުގައެވެ. ފްލޮރިންޑާގެ ހަށިގަނޑުގައި އޮޅާލާފައިވާ ކްލޯކްގެ އެތެރެއަށް އަތް ކޮށްޕާލައިގެން އިދެފައި އިސްއުފުލާ ބަލާލައިފިއެވެ. އެ ނަޒަރުން އާލްފްއަށް ހުރިހާ އެއްޗެއް ބުނެދީފިއެވެ. އެންމެ ނަޒަރަކުން އެ ބުނެދިން ވާހަކަ ސަފުހާތަކެއްގައި ލިޔެވޭނެނަމަ ލޯތްބާއި އިންތިޒާރު ހަމްދަރުދީ ދޭހަވުން ފަދަ ކިތަންމެ ސިފަތަކުން އެތައް ސަފްހާއެއް ފުރައިލެވޭނެއެވެ. ހުރިހާ އެއްޗެއް އެ ނަޒަރުގައި ވިއެވެ. އެހުރިހާ މެސެޖްތަކެއްގެ ޖަވާބު ދޭން ވިސްނުނު ހަމައެކަނި ގޮތަކީ ކަކޫމައްޗަށް ތިރިވުމެވެ.

"ހިތުގެ ފުންމިނުން ހެޔޮއެދުންތައް ފޮނުވަން ޑިއަރ ފްލޮރިންޑާ......" ދީވާނާ ލޯބިވެރިޔެއްގެ ހުރިހާވެސް ލޯތްބެއް އެކުލެވޭގޮތަކަށް އާލްފް ބުނެލިއެވެ.

ދެންވެސް ފްލޮރިންޑާ ހިމޭންކަން ޚިޔާރުކުރިއެވެ. ހިލަބުދެއްފަދައިން ހިރިވެސް ނުލައެވެ. ދެމީހުން ތިބިތާ ތިބެ ލޮލުން ހިމޭންކަމުގެ ބަސްމޮށުމުން ހިއްސާކުރަނީއެވެ. ފްލޮރިންޑާގެ ކެތްތެރިކަން ކޮޅުންލާ ކަރުނަތައް ނުފިހެއްޓުމުން އޭނަ ދެލޯ މަރާލައިފިއެވެ. އޭނަގެ ލޯމަތިން އާލްފްގެ ރީތި ސޫރަ ގެއްލިއްޖެއެވެ. ހެދުމުގެ ތެރެއިން އަތް ނެރެފައި އޭނަ ލޯ ފޮހެލަން އުޅުނެވެ. އޭގެ ކުރިން އާލްފް ޖީބުން ނެގި ރުމާލަކުން ފްލޮރިންޑާގެ ކޯތާފަތް ފޮހެލަދީފައި އަމިއްލަ މޫނު ފޮހެލިއިރު އެ ރުމާލުގައި ހިފާފައިވާ މީރުވަހުން އުފާލިބިގަތެވެ. އޭނަ ފުން ނޭވައެއް ދޫކޮށްލިއެވެ. އާލްފް ސަލާމް ކުރަން އަތް ދިއްކޮށްލުމުން މިފަހަރުވެސް ފްލޮރިންޑާ އަތް ނިވާކުރިއެވެ. އާލްފްއަށް ވިސްނުނެވެ. އޭނަ ގަސްތުގައި ކުރާ ސަމާސާއެކެވެ. އެކަން ދަނެގެން އާލްފް އެ އަތުގައި ހިފެހެއްޓިއެވެ.

އެދެމީހުން ވާހަކަދައްކަމުން ދިޔައީ ލޯބީގެ ބަސްމޮށުމުންނެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ވިސްނުން އެނގޭތީ އަނގައިން ބުނުން މުހިއްމެއް ނުވީކަން ނޭގެއެވެ. އޭރު ބޮޑުދައިތަ އެކުދިންނަށް ފުރުސަތު ދީފައި ތަންކޮޅެއް ދުރުގައި މާތައް ބިންނަން މަޝްޣޫލުވެގެން ހުއްޓެވެ. ދެމީހުންގެ ލޮލުންވެސް ކަރުނަ ހިލިފައެވެ.

"އާލްފް ކީއްކުރަން ތިއައީ؟ "

"އަހަރެން ގެ ލޯބިވާ ފްލޯރާ.އަހަންނަކަށްވެސް ނޭގޭ އަހަންނަށް އާދެވުނީ ކީއްވެކަމެއް. ފްލޯރާއަށް ސަބަބު އެނގޭތަ؟ އަހަންނަށް އެނގޭހާވެސް އެއްޗަކީ ތިޔަ ލޯބި އަހަރެން އަސީރަކަށް ހަދައިފިކަން. ފްލޯރާގެ ހިތް ހަމަޖެހުން ހޯދަން އަހަރެން ދުނިޔޭގައި މިހިރީ އަދި ދޫކޮށްފިއްޔާ އަހަރެން މަރުވެދާނެ. ޑާލިން ފްލޯރާ. އަހަރެން ފަދައިން ހަމަ މި އިހުސާސްތައް ފްލޯރާގެ ހިތުގައިވެސް ވޭތަ؟ ކުރިން އަހަރެންދެކެ ލޯބިވީ ވަރު އެނގޭ އެކަމަކު މިހާރު ހާލަތު ބަދަލުވުމުން އެ ލޯތްބަށް ކުޑަ ކުޑަ ބަދަލެއް ނަމަވެސް އަތުވެއްޖެތަ؟ "

ފްލޮރިންޑާއަށް އާލްފް އެ އިޝާރާތްކުރީ ކޮން ހާލަތަކަށްކަން އެނގުނެވެ. އެބުނީ ބައްޕަގެ ރަސްކަން ބީވެގެން ދިޔަ ވާހަކައެވެ. އެ ހާލަތުގެ ވާހަކައެވެ. އާލްފްގެ އިނގިލިތަކާއި ލާމެހިފައިވާ އަތްތިލަ އޭނަ ނައްޓުވައިލިއެވެ. އަދި ދުރު ބަލަން އުޅޭފަދަ އިޝާރާތެއްކޮށްފައިވެސް އެ ނަޒަރު ހުރިގޮތަށް އާލްފްއާއި ގުޅުވައިގެން ހުރިއިރު އެ ލޯ ބުނާފަދައެވެ. " ލޯތްބާއި ލޯބިވެރިއެއްގެ އިހުސާސްތަކާއި ބެހޭގޮތުން އެނގެނީ ހަމަ ތިހާ ވަރަށްތަ؟ "

އެ ނަޒަރު ބުނީ ކީކޭކަން އާލްފްއަށް ރަގަޅަށް ނަގައިގަނެވުނެވެ.

"ފްލޯރާ. އަހަރެން ކޮންމެހެން ތި ލޯބީގެ ތެދުވެރިކަމާއި ވަފާތެރިކަމާއިމެދު ޝައްކު ކުރީއެއް ނޫން. އަހަރެމެންގެ ހިތް ގުޅި ލާމެހިފައިވާތީ. އަހަރެން ބިރުގަތީ އަހަރެންގެ ބަދުނަސީބުކަމުން ފްލޯރާ ބަދަލުވެދާނެތީ. އަދި އަހަރެންނަށް ހީކުރެވުނީ އަހަރެންގެ ބައްޕައާއި ރަސްކަން ގެއްލިގެން ދިޔުމުގެ އިތުރުން އަހަރެންގެ ބަދުނަސީބުގެ ސަބަބުން އަހަންނަށް މުޅި ދުނިޔެއަށް ވުރެ އަގުހުރި އެންމެ އެއްޗެއް ގެއްލިގެން ހިގައިދާނެކަމުގައި...." އާލްފް އެހެން ބުނެލިއިރު އެ ލޯ ކަރުނައިން ވިދައެވެ. ފްލޮރިންޑާގެ ޖަވާބަށް އިންތިޒާރުކުރަމުން ބަލަން އިނދެވުނެވެ.

ފްލޮރިންޑާ އަނެއްކާވެސް ހިމޭންވިއެވެ. ކޯރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިންއިރު އެހިމޭންކަމުގެ ތެރެއިން އިވެނީ ކޯރުގެ ބާނިތައް އަދި ދޫނިތައް ލަވަ ކިޔާ އަޑެވެ. އެ ހިމޭންކަން ދިގު ދެމިގެން ދާން ފެށުމުން އާލްފް ތެދުވުނެވެ. އޭރު ބޮޑުދައިތަ މާ ކޯންޏެއް އަތުން ހިފަހައްޓާލައިގެން ހުރެ ފުޅާ ހިނިތުންވުމެއްގައި ހުރެ އެ ދިމާލަށް އަންނަތަން ފެނުނެވެ.

"ބޮޑުދައިތާ. އަވަހަށް އާދެބަލަ." އާލްފް ހަޅޭއްލަވައިގަތެވެ. "ބޮޑުދައިތަ ފްލޯރާއާއި ވާހަކަދައްކަބަލަ. އަހަރެން އުއްމީދުކުރަނީ ފްލޯރާ އަހަރެންގ މި ވަރުގަދަ ލޯތްބަށް ހިތަށް ތަސައްލީއެއް ގެނެސްދޭނެފަދަ ބާމަކަށް ވެދާނެފަދަ އެއްޗެއް ބުނެލާނެކަމަށް......"

ބޮޑުދައިތަ އޭނަ ގެނައި މާ ކޯނި ފްލޮރިންޑާއަށް ހަދިޔާކުރިއެެވެ. އެއީ ވިންޓަރ ރޯޒް ބޮނޑިއެކެވެ. އަދި އާލްފްއަށް ނަޒަރު ހުއްޓައިލިއެވެ.

"ބަސްމޮށުމަކާއި ނުލައި އެ ބުނާ އެއްޗެއް ދޭހަނުވަންޏާ އެމީހަކު ލޯބިވެރިޔަކަށް ނުވާނެ. ޒުވާން ފިރިހެންކުދިން ފަދައިން ހިތުގައިވާ ޖަޒުބާތުތައް ފާޅުކުރުމަކީ އަންހެންކުދިން ކުރަން ރަގަޅުކަމެއްހެން ހީވަނީތަ؟ "ބޮޑުދައިތަ ގެ ނަޒަރު އާލްފްގެ މޫނުން ދަތުރުކުރީ ފްލޮރިންޑާއަށެވެ. "އާން މިހާރު މިހިރީ އާލްފް. އޭނައާއި ވާހަކަދައްކާ. ސުވާލުކުރޭ. އޭނަ އަދިވެސް އަހަރެން ދެކެ ލޯބިވާނެހެއްޔޭ އަހަމެއްނު. އަހަރެން ބުނީމެއްނު އޭނަ އެހެރީ ފްލޯރާއަށްޓަކާ ޖާނާއި މާލުން ގުރުބާންވާށޭ. މިހާރު އަހަރެން ބުނީ ރަގަޅުވާހަކައެއް ކަމުގައި ގަބޫލުކުރެވިއްޖެތަ؟ "

ފްލޮރިންޑާ ގެ ހިތުގައިވި ޝުއޫރުތަކާއި އިހުސާސްތައް އެ ރީތި ލޮލުން ފައުޅުވޭވޭ ހުއްޓެވެ. އާލްފް ގެ އެންމެ ބަލައިލުމަކުންވެސް އޭނަގެ ހިތް އޭގެ މަގާމުން އުދުހިގެންދާ ވަރުކޮށްލައެވެ. އާލްފްއަށްވެސް އޭނަގެ ރަސްކަމާއި ބާރާއި އެވެރިކަމަށް އޮތް ހައްގު މަތިން ހަދާން ނައްތައިލެވުނެވެ. ފްލޮރިންޑާގެ ހަޔާތަށް އުފާވެރިކަން ގެނެސްދޭން އޭނައަށް ކުރެވުނު ކޮންމެ ކަމެއް ކުރާނެއެވެ. އެކި ޚިޔާލުތައް އެހިތުގައި ރަސްކަން ކުރަމުން ދަނިކޮށް ފްލޮރިންޑާ ސުވާލެއްކޮށްލިއެވެ.

"އަހަރެންގެ ލޯތްބާއި މެދު އެއްވެސް ވަރަކަށް ޝައްކު ކުރިންތަ އާލްފް؟ "

"އާން އަހަރެންގެ ފުރާނަޔާ. އަހަރެން ކުރިން. ލޯބިވެރިންނަކީ ޝައްކުބަލީގެ ބޮޑު ބަޔެއް...."

"ތިބުނީ ހަމަ ތެދެއް." ފްލޮރިންޑާ އިސްޖެހިއެވެ. "އަހަރެންވެސް ހަމަ އެވަރަށް ޝައްކުކުރިން. ބޮޑުދައިތަ ބުނި ހެން އެކަމަކު.............."

"އަހަރެންގެ ލޯތްބާއިމެދު ޝައްކު ކުރާނެ ސަބަބެއް މަގޭ ލޯބި.ރަގަޅަށް އެނގޭނެ ތިޔަ ލޯބީގެ އަސީރަކަށް ވެފައިވާ މިންވަރު. އެކަމަކު އަހަރެން ޝައްކުކުރުމަށް އުޒުރެއް އެބައޮތް. އަހަރެންގެ ތަގުދީރު ނުބައިން ނުބަޔަށް ދިޔައީ. އަހަންނަކީ ވަލީ އަހުދު އެކަމަކު މިހާރު އާއްމުންގެ މީހެއް.............." އާލްފް ފްލޮރިންޑާގެ ވާހަކަ ހުއްޓުވާފައި ފެށިވާހަކަ ކުރިއަށް ގެންދިޔަ ނުދީ މެދުކަނޑައިލަން އޭނަވެސް ބޭނުންވިއެވެ.

" އަހަރެންގެ ލޯބިވެރިޔާ. އަހަންނަށް ލޯބިވެވުނީ އާލްފްދެކެ. ވަލީ އަހުދަކު ދެކެއެއް ނޫން. ލޯބީގައި މަގާމާއި ދަރަޖައަކަށް ނުބަލާނެ. ހިތެއްގައި ލޯބި އުފެދި އަގުދުތައް ވުމަށްފަހު އެކުވުމުން މީޒާންގައި ކިރާއިރު އޭގެ ރަގަޅުގޮތާއި ނުބައިގޮތްތައް ވަޒަންކޮށް ކޮޅުކޮޅަކަށް ނުދާނެ. ބަޔަކު ހަމަޖައްސާދިނަސް ރަސްކަމާއި މުދަލާއިހެދިއެއްވެސް ނޫން ހިތް ގުޅުނީ. އިންސާނާގެ ހިތަކަށް އެކަންތައް ދެނެނުގަނެވޭ. އެ ގަދަރެއްނުކުރާނެ ތާޖަކަށް އަދި ބިރެއް ނުގަންނާނެ....... އިންސާނާގެ ހިތް ލޯބިވާނީ އެހެން އިންސާނެއްގެ ހިތެއްދެކެ......." ފްލޮރިންޑާ އެވާހަކަތައް ދައްކަމުން ދިޔައިރު ކޯތާފަތަށް ރަތްކުލަ ވެރިވެއްޖެއެވެ. އެ ވާހަކަތަކުގެ ހުރި ސީރިޔަސްކަން އެލޯ ހާމަކޮށްދިނެވެ. އޭނަ އިސް ޖަހައިގެން އިރުކޮޅެއްވާންދެން އިނަސް އޭނަ ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް ހުރިކަން ޔަގީނެވެ.

އާލްފްވެސް ފްލޮރިންޑާގެ ޚިޔާލުތަކަށް އުދަގޫކުރާކަށް ނޫޅުނެވެ. އެކަމަކު އޭނަގެ އެ ބެލުމުން އަންގައިދިނީ ފްލޮރިންޑާ ވިސްނަމުންދަނީ ކޮންކަމެއްކަން އެނގެން ބޭނުންވާ ކަމެވެ. ފްލޮރިންޑާއަށްވެސް އެކަން ޔަގީންވިއެވެ.

"އެހެންވިޔަސް ރަސްކަން ގެއްލުނީމަ ދެރަވި. ކޮންމެހެން އަހަރެން ރާނީއަށް ވާން ބޭނުންވާތީއެއް ނުން.. އެކަމަކު....."

އެހިސާބަށް ބުނެވުނުއިރު ރުޅިވެރިކަމާއި ލަދުވެތިކަމުގެ ވަރުގަދަ ޖަޒުބާތުގައި އޭނަ އޮޔާ ދާގޮތްވިއެވެ. ކުރިއަށްވުރެ މޫނުގައިވާ ރަތްކަން ގަދަވެ ލޯހަނިކޮށްލެވިއްޖެއެވެ. ބިރުން އިން ފާޑަކަށް އެނބުރި ގަނޑުވަރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު އަނެއްކާވެސް ހިމޭންވިއެވެ. އެކަމުން އާލްފްއަށް އުދަގޫވިއެވެ. ބުނަން އުޅުނު އެއްޗެއް ދޭހަވިޔަސް އެނގުނުކަމަކަށް ނެހެދިއެވެ.

"އެކަމަކު ކީކޭ ފްލޯރާ....ބުނެބަލަ ލޯބިވާ ފްލޯރާ. އަހަންނަށް ތަފްސީލުކޮށް ކިޔާދީ......"

" އެ ބަދަލާއިހެދި ނޫންނަމަ އަހަންނަށް މިހާ އުދަގޫ ދަތި ހާލަތެއް ކުރިމަތިނުވީސް. ސިންގާއެއްގެ ވަކިތަކުގެ ދަށުވެ ހިމާޔަތް ދޭނެ ފަރާތް އެހާ ދުރުގައި...." އޭނަގެ އަޑު ކުރެހުނު ސިކުންތުކޮޅެއް ދިޔައެވެ. " އާލްފްގެ ބައްޕަ ވިޓިޒާ ދުނިޔޭގައި ހުންނަވާ ތަޚުތު އާލްފްއަށް ދޫކުރެއްވިނަމަ އަހަންނަށް ހިތްފަސޭހަކަމެއް ލިބޭނެ. މިހާރު މި ގަނޑުވަރުގައި..........."

އާލްފްއަށް ލިބުނު ކުއްލި ސިހުމާއި ހައިރާންކަމާއެކު ބިރުވެރިކަން އޭނަގެ ލޭވެސް ގަނޑުކޮށްލިފަދައެވެ.

"ކީއްވެހޭ ތިހާ ބޮޑު ހިތްދަތިކަމެއް ލިބުނީ؟ އޭނަ ދުވަހަކުވެސް އަނގައިން ބުނިތަ؟ އެއްވެސް ގެއްލުމެއް ދިންތަ؟ ބުނެބަލަ ހެޔޮނުވާނެ..........." އާލްފް ސުވާލުތައް އެއްފަހަރާ ކުރިއެވެ.

"ނޫން. އޭނަ އެއްވެސް ކަމެއް ކުރީއެއްނޫން. އެކަމަކު އަހަންނަށް ރައްކާތެރިކަން އިހުސާސެއް ނުކުރެވޭ. އަދި ޚާއްސަކޮށް އެ ގަނޑުވަރު ތެރެއިން ވަދެވެން ހުރި ގަނޑުވަރަކަށް ބަދަލުކުރީމަ. އަހަންނަކަށް އެއީ ކީއްވެކަން ބަލައިގަންނަން އުދަގޫވޭ. ހަމަ ހިތަށް އަރަނީ ރަސްކަން އަލްފް އާއިލާއަށް އޮތްނަމަ މާ އުފާވާނެއޭ......."

ފްލޮރިންޑާގެ ވާހަކަތަކުން އޭނަގެ ހަށިގަނޑަށް ހޫނު ފެން އޮއްސާލުމެކޭ އެއްވަރުވިއެވެ. އޭނަ ކުށްވެރިކުރިކަމުގެ އިހުސާސުން ހިތާމައާއި މޮޅިވެރިކަމުގެ ތެރެއަށް ގެނބުނެވެ. ދިފާއުގައި ބުނަންވީ ކީކޭހެއްޔެވެ؟

"ފްލޯރާ. ތިއީ ހަގީގަތް. އަހަރެން ކުށްވެރިކުރުމުގެ ހައްގު އެބައޮތް. އަހަރެން އަމިއްލަ ހައްގުތައް ހޯދުމުގައި އަދި ނުކުޅެދިފައި ހުރީ. ބޮޑަށް އަހަންނަށް ފްލޯރާއާއިމެދު ޔަގީންކަމެއްވެސް ނެތީ. އަހަރެން މަސައްކަތްކުރަމުން މިދަނީ ރަސްކަން އަނިޔާވެރިކޮށް ފޭރިގަތުމުން އަތުލަން އެކަމަކު އަދި ކާމިޔާބުވުމުގެ ކޮޅުމައްޗަށް ނާދެވޭ. އަހަރެން ހުރީ އެ މަގާއި ހަމަޔަށް ވާސިލު ވުމުގެ ކުރިން ފްލޯރާގެ ކުރިމައްޗަށް ނާންނަން އަޒުމް ކަނޑައަޅައިގެން. އެކަމަކު އިތުރަށް ހިތަށް ކެތްނުވީ. ފްލޯރާގެ ލޯތްބާއިމެދު ލިބުނު ޔަގީންކަމާއެކު އިތުރު ހިތްވަރެއްލިބިއްޖެ. އަހަރެން ހުއްޓާލާނީ އެ ލުޒްރީކް ބަލިކޮށް އޭނަ ރަސްކަމުން ދުރުކޮށްފައި ކަމުގެ ޔަގީންކަން ދެން. ހަގީގަތުގައި ފާދިރީއިން ރޫމީންގެ ތާއީދު ހޯދަން އޭނަ ރަސްކަމުގައި ބޭންދިޔަސް ރަސްކަމުގެ އެހެން ޕާޓީތަކުން އޭނައަކަށް ތާއީދެއް ނުކުރޭ. ގޫތުންނާއި ޔަހޫދީން އަދި އެހެނިހެން އެންމެންވެސް އެ އަނިޔާވެރި ރަސްކަމަށް ނަފްރަތުކުރޭ. މުސްލިމުންގެ އެދަނީ ތަންތަން ފަތަހަ ކުރަމުން މިހިސާބާއި ކައިރިކުރަމުން. އަދި މިވަރުން ރަސްކަމާއި ބެހޭ ހުރިހާ ތަފްސީލެއް ދެވުނީއެއްނޫން. އެވާހަކަ ފަހުން ދައްކަމާ. އަހަރެންގެ ބައްޕަ ދުނިޔޭގައި ނެތަސް ބައްޕަގެ ފުރާނަ ހެކިކޮށް މިބުނަނީ އަހަރެން އޭނަގެ ދުވަސް ދުއްވާލާނަން......" އާލްފް ވައުދުވިއެވެ.

"އޭނަ ވައްޓާނުލެވިއްޖެއްޔާ އަހަރެންގެ ބޯ ބާލާނަން..." އާލްފްގެ އެ ޖުމްލައިން ފްލޮރިންޑާއަށް އެ ވާހަކަތަކުގެ ސީރިޔަސްކަން ހާމަކޮށްދިނެވެ. ގޫތުންގެ ތެރޭ އިސްތަށިގަނޑު ދިގުކުރުމަކީ ޝާހީ ސިފައެކެވެ. ބޯބާލާފައި ނޫނީ ކުރުކޮށް ކޮށާލާފައި ތިބެނީ އަޅުންގެއެވެ.

އާލްފްއަށް މަޖުބޫރުކުރެވި ނުރައްކަލަށް ހުށަހެޅުނުކަމުގެ ބިރު ހީވެފައި ފްލޮރިންޑާ އަތުގައި އޮތް ފިނިމޫސުމްގެ ފިނިފެންމާތައް ފިޔަތައް ވަކިކޮށް އެއްލާލަމުން ފްލޮރިންޑާ ތެދުވުނެވެ. " އާލްފް.އަމިއްލަ ނަފުސް ނުރައްކަލުގެ ތެރެއަށް ވައްޓާނުލާ. އަޅުން ދިރިއުޅޭފަދަ ޖިފުޓިއެއްގައި އުޅެން ޖެހުނަސް އަހަރެން ބޭނުމީ ހިމާޔަތާއި ރައްކާތެރިކަން. އެވަރުން ފުދޭނެ. އެފަދަ ދިރިއުޅުމެއް ބޭނުމީ...."

އާލްފް އެއްޗެކޭ ބުނަން އުޅެފައިވެސް އިވުނު އަޑަކުން ސިހުނެވެ.

ނުނިމޭ

comment ކޮމެންޓް