ބޮޑެތި ވިޔަފާރިތަކަށް 578 މިލިއަން ރުފިޔާ ދޫކޮށްފި

ރާއްޖޭގެ ރިސޯޓެއް --- ފޮޓޯ/ ބުކިން. ކޮމް

ކޮވިޑް19ގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 578.5 މިލިއަން ރުފިޔާގެެ ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 411 ވިޔަފާރިއަކަށް 578.5 މިލިއަން ރުފިޔާ އާއި އަށް މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 602 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފަ އެވެ. މިހާތަނަށް 437 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

މީގެ އިތުރުން ލޯނަށް ހުށަހެޅި 20 އެޕްލިކޭޝަނެއް އެކި ސަބަބުތަކާ ގުޅިގެން ރިޖެކްޓް ކޮށްފައިވެ އެވެ.

ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލް އިން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާއިރު، ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ.

ކޮވިޑް ރިކަވަރީ ލޯން ސްކީމަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމާ އެކު ތައާރަފްކުރި ލޯން ސްކީމެކެވެ.

މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށެވެ.

މި ސްކީމުގެ ދަށުން ރިސޯޓުތަކަށް ލޯނު ދޫކުރަނީ އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭއެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯނެއް ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތް، އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާ ވެފައިވާ އަދި ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮޒިޓިވް ރިސޯޓު ވިޔަފާރިތަކަށެވެ.

ރިސޯޓު ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެނުއަލް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތިން ހޯދާފައިވާ އަދި އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭ އެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯން ފައިނޭންސިން ފެސިލިޓީއެއް ނެތް އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާވެފައިވާ ނަމަ އެވެ.

މި ލޯނު ސުކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ލިބޭއިރު، ލޯނު އިންޓްރެސްޓަކީ އަހަރަކު ހަ ޕަސެންޓެވެ.

comment ކޮމެންޓް