އެސް 21 މި މަހު 14ގައި ދައްކާލަނީ

ސެމްސަންގް އިން ނެރުމަށް ހަމަޖެހިފައިވާ ގެލެކްސީ އެސް ސީރީޒްގެ މިއަހަރުގެ ފްލެގްޝިޕް ފޯނު ކަމަށްވާ އެސް21 މި މަހުގެ 14 ގައި ދައްކާލުމަށް ތައްޔާރުވެގެންދާ ކަމަށް އެ ކުންފުނީން އިއުލާނުކޮށްފިއެވެ.

ސެމްސަންގް އިން އެ ކުންފުނީގެ ފްލެގްޝިޕް ފޯނު ރިލީޒްކުރުމަށްޓަކައި ބާއްވާ އިވެންޓުގައި ބައިވެރިވުމުގެ ދައުވަތު މިހާރު ވަނީ ފޮނުވަން ފަށާފައެވެ.

މައުލޫމާތު ލިބޭގޮތުގައި މިއަހަރު ސެމްސަންގް އިން އެސް 21ގެ ތިން ފޯނެއް ނެރޭނެއެވެ. އެއީ އެސް21 އާއި އެސް21 ޕްލަސް އަދި އެސް21 އަލްޓްރާ އެވެ. އެ ތިން ފޯނަކީވެސް ފްލެގްޝިޕް ފޯނުތަކަށް ވިނަމަވެސް އޭގެތެރެއިން އެންމެ ޕްރީމިއަމް ފީޗާސްތައް ލިބެން ހުންނާނީ އެސް21 އަލްޓްރާއިންނެވެ.

އިވެންޓު އިއުލާނު ކުރުމުގެ ގޮތުން ސެމްސަންގް އިން ވަނީ ހާއްސަ ޓީޒާއެއް ނެރެފައެވެ. އެ ޓީޒާއިން ފެނިގެންދަނީ ފޯނުގެ ފަހަތާއި ކެމެރާ މޮޑިއުލްތަކެވެ. ލީކްތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އެސް20 އާ އަޅާ ބަލާއިރު މިއަހަރުގެ ކެމެރާ މޮޑިއުލްތައް ތަފާތުވެފައި ވަރުގަދަ ވާނެއެވެ.

އެގޮތުން އެންމެ ކުޑަ ފޯނު ކަމަށްވާ އެސް21ގެ ފްރޮންޓް ކެމެރާ ލައިގެން އެ ފޯނުގައި ހަތަރު ކެމެރާ މޮޑިއުލް ހިމެނޭއިރު އެސް21 އަލްޓްރާ ގައި ޖުމްލަ ހަ ކެމެރާ މޮޑިއުލް ހިމެނޭނެއެވެ. އެއިން ފަސް ކެމެރާ އަކީ ފޯނުގެ ފަހަތުގައި ހިމެނޭ ކެމެރާތަކެވެ.

އެސް21 އަކީ މިއަހަރު ނެރޭ ދެވަނަ ފްލެގްޝިޕް ފޯނެވެ. މިއަހަރަށް ވީ ފުރަތަމަ ފްލެގްޝިޕް ފޯނު ދައްކާލާފައިވަނީ ޝިއޯމީއިން މިދިޔަ މަހުގެ 30ގައެވެ. އެކުންފުނީން ދައްކާލާފައިވާ މީ 11 އަކީ މިއަހަރު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފްލެގްޝިޕް ފޯނެވެ.

comment ކޮމެންޓް