ސެޓަލައިޓް ފޮޓޯތަކުން އެމެރިކާގެ ކޯރުތަކުގެ ކުލަ ނޫކުލައިން، ރީދުކުލައަށް އަދި ފެހި ކުލައަށް ބަދަލުވާ ކަމަށް ދައްކައިފި އެވެ.
ފާއިތުވި 34 އަހަރުގެ 235،000 ސެޓެލައިޓް ފޮޓޯތަކަށް ރިއާޔަތްކޮށް ދިރާސާވެރިން ބުނެފައިވާ ގޮތުގައި އެންމެ ގިނައިން ފޮޓޯތަކުގައި ފެންނަންހުރީ ރީދޫ ކުލައިގެ ކޯރުތަކެކެވެ. އެއަށްފަހު ތިންބައިކުޅަ އެއްބައި ފޮޓޯތަކުގައި ފެހި ކުލަ ހުރިއިރު، ގާތްގަނޑަކަށް އަށް ޕަސެންޓް ފޮޓޯތަކުގައި ހުރީ ނޫ ކުލަ އެވެ.
ނަވާރަސްތޭކައަށްޑިހަ ހަތަރަކުން 2018އާ ހަމައަށް ނެގިފައި ހުރި އެކިއެކި ސެޓަލައިޓް ފޮޓޯތައް ދިރާސާ ކުރާ ޓީމުގައި ހިމެނެނީ ނާސާ އާއި އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްއެސްޖީއެސް) ގެ މެންބަރުންނެވެ.
"ގިނަ ކޯރުތައް ބަދަލުވަމުންދަނީ އިންސާނެއްގެ ލޮލަށްވެސް ނޭގޭފަދަ ގޮތަކަށް ލަސްލަހުން. އެކަމަކު ވަރަށް އަވަހަށް ބަދަލުވާ ކޯރުތަކަށް މިފަދަ ބަދަލެއް އަންނަ އެންމެ ބޮޑު ސަބަބަކީ އިންސާނުންކަމަށް ލަފާކުރެވޭ" އިސް ދިރާސާވެރިއެއް ކަމުގައިވާ ޖޯން ގާޑްނާ ބުނެފައި ވެއެވެ.
މިފަދައިން ކޯރުތަކުގެ ކުލަ ބަދަލުވާ ސަބަބުތަކުގެ ތެރޭގައި ކޯރުގައި ހުންނަ މާއްދާއެއްކަމުގައިވާ އަލްގޭ އާއި، ޕޮލިއުޝަން އާއި، ފެނުގައި ތަޣައްޔަރުވެފައިވާ އެހެން މާްދާތައްވެސް ހިމެނެ އެވެ.
މި ދިރާސާގައި ބެލި 34 އަހަރުގެ މުއްދަތުގައި 67،000 މޭލުގެ ދިގު ކޯރުތަކުގެ ގާތްގަނޑަކަށް 16 މިލިއަން މިން ނަގާފައި ވެއެވެ.
މިފަދައިން ކޯރުތަކުގައި ކުލަ ބަދަލުވަމުން އަންނަ ވަކި ޓްރެންޑެއް ފާހަގަކުރެވިފައި ނުވާއިރު 55 ޕަސެންޓް ކޯރުތަކުގެ ކުލަ ބަދަލުވެފައިވާކަން ވަނީ ދިރާސާގެ އަލީގައި ޔަގީން ކުރެވިފަ އެވެ. އަދި ކުލަ ބަދަލުނުވެ ހުރީ އެންމެ 12 ޕަސެންޓް ކޯރުގަ އެވެ.
ގާޑްނާ ވިދާޅުވެފައިވާ ގޮތުގައި އުތުރާއި ހުޅަނގުގެ ސަރަހައްދުތަކުގައި ކޯރުގެ ކުލަ ބޮޑަށް ބަދަލުވެފައިވަނީ ފެހި ކުލައަށެވެ. ނަމަވެސް އިރުމަތީ ބައެއް ސަރަހައްދުތަކުގައި ރީދޫ ކުލަ ގިނައިން ފެނިފައި ވެއެވެ. ބޮޑެތި ކޯރުތައް ކަމުގައިވާ އޯހައިއޯ ބޭސިން އއި މިސިސިޕީ ބޭސިންގެ ކުލަ ބަދަލުވަމުންދަނީ ނޫކުލައިން ފެއްސަށެވެ.
މޫސުމާއި ގުޅިގެންވެސް ކޯރުތަކުގެ ކުލައަށް ބަދަލުއާދެއެވެ. މިގޮތުން ސްނޯއާއި، ވާރޭގެ އަސަރު މިކަމުގައި ކުރާއިރު، ރީދޫ ކުލަ ކޯރުތަކުގައި ހުރުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.
އެމެރިކާއަކީ ކޯރުތައް ގިނަ ގައުމަކަށްވާއިރު މިފަދައިން ކޯރުތަކުގައ ކުލަތައް ބަދަލުވުމަކީ އެގައުމުގެ ތިމާވެއްޓާއި އަދި އެތަނުގައި ދިރިއުޅޭ ދިރުންތަކުގައި ދުޅަހެޔޮކަމާއި ސީދާ ގުޅިފައިވާ ކަމެކެވެ.