މެސީގެ 500 ވަނަ މެޗުގައި ބާސެލޯނާއަށް މޮޅެއް

ބާސެލޯނާއާއި ހުއެސްކާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 0-1 ގެ ނަތީޖާއަކުން --- ފޮޓޯ//ގެޓީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅުނު ސްޕެނިޝް ލީގުގެ 500 ވަނަ މެޗުގައި އެ ޓީމުން ހުއެސްކާ އަތުން މޮޅުވެއްޖެ އެވެ.

ހުއެސްކާގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ އަތުން ބާސެލޯނާ ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި އެއިބާ އަތުން ލިބުނު ޕޮއިންޓާ އެކު، ބާސެލޯނާއަށް ކުރިމަތިވި އުނދަގުލުން އަރައިގަނެ، ރޭގެ މެޗުން މޮޅުވުމާ އެކު އެ ޓީމު ވަނީ ފަސްވަނައަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 16 މެޗުން 28 ޕޮއިންޓް ހޯދި ބާސެލޯނާގެ ކުރީގައި ވިޔަރެއާލް 29 ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގައި ރެއާލް ސޮސިއެޑޭޑް އޮތީ 30 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 36 ޕޮއިންޓް ލިބިފައި އޮތް އިރު، އެތުލެޓިކޯ މެޑްރިޑް އެއްވަނައިގައި އޮތީ 38 ޕޮއިންޓާ އެކު އެވެ.

ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ އެއިބާ މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައި ނުވާ މެސީ ޓީމުގައި ހިމަނައިގެންނެވެ. އެގޮތުން އައު އަހަރުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ހަނި ގޮތަކަށް މޮޅުވި ނަމަވެސް މެޗުގައި ބާސެލޯނާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޒުވާން ފޯވާޑް ޕެޑްރީއަށް ހުސް ތިން ފުރުސަތެއް ލިބުނު އިރު، މެސީ ވެސް ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ބާސެލޯނާއިން މެޗުގައި ޖެހި ހަމައެކަނި ގޯލަކީ 27 ވަނަ މިނަޓުގައި މެސީ ޑިފެންޑަރުންގެ ބޯމަތިން ވައްޓާލި "ޗިޕް" ކުރޮހަކުން ފްރެންކީ ޑެޔޮންގް ޖަހައިދިން ގޯލެކެވެ. އެ ގޯލަށްފަހު ބާސެލޯނާއިން ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތުތައް ނަގާލި އިރު، ދެވަނަ ހާފުގައި ހުއެސްކާއިން ވަނީ ކުޅުން ރަނގަޅުކޮށް ކައުންޓާ އެޓޭކުގައި ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ، ބާސެލޯނާގައި ގިނައީ މިޑްފީލްޑަރުން ކަމަށާއި، ޓީމަށް އިތުރު ފޯވާޑެއް ބޭނުންވާ ކަމަށެވެ. އަދި ޓީމުގައި މިވަގުތު ތިބި ފޯވާޑުންނަށް ފުރުސަތު މަދުވަނީ ސްޓްރައިކަރެއްގެ މަގާމު ފުރިހަމައަށް ނަގާނެ ކުޅުންތެރިއަކު ނެތުމުން ކަމަށާއި، މިވަގުތު އެ މަގާމަށް ކުޅުވާ މާޓިން ބްރެތްވެއިޓް އެ މަގާމަށް އެންމެ ރަނގަޅު ނޫން ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

ބާސެލޯނާއިން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ ބުދަ ދުވަހުގެ ރޭ އެވެ. އެ މެޗުގައި އެ ޓީމުން ވާދަކުރާނީ ނުވަ ވަނައިގައި މިވަގުތު އޮތް އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

comment ކޮމެންޓް