ވަކީލާ ނުލައި މުއްދަތު ޖެހުމުން ޑްރަގް މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ބަންދުން ދޫކުރަން ޖެހިއްޖެ

ދިވެހިރާއްޖޭގެ ހައިކޯޓު --- ސަން ފޮޓޯ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކަށް ވަކީލެއްގެ ފުރުސަތު ނުދީ ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓުން އެ މީހާގެ ބަންދު މުއްދަތު ޖެހުމުން އެ ކޯޓުގެ އެ އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

ވަކީލާ ނުލައި ބަންދު މުއްދަތު ޖެހީ، މިދިޔަ ނޮވެމްބަރު 19ގައި ލަވާޒާ ކޮފީ މެޝިނެއްގެ ތެރޭގައި މަސްތުވާތަކެތި އެޅި 23 ޖޫސްޕެޓީ ކޮތަޅާއި، މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި 23 ދަޅު ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ މައްސަލައިގަ އެވެ.

ތުހުމަތު ކުރެވޭ މީހާގެ ވަކީލާ ނުލައި މާޅޮހު ކޯޓުން އޭނާގެ ބަންދު މުއްދަތު ޖެހީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިއަށްގެންދެވޭނެ ވަސީލަތްތައް އެ ކޯޓުގައި ގާއިމްވެފައި ނެތުމުންނެވެ. އެހެންވެ، ވަކީލާއެކު އަޑުއެހުން ކުރިއަށްގެންދަން އުޒުރުވެރިވާ ކަމަށް އެ ކޯޓުން ވަކީލަށް އަންގާފައިވާ ކަމަށްވެ އެވެ.

ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި އޮވެ އެވެ. އެހެންވެ އެ ނުކުތާ ނަގައި، ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ވަނީ މާޅޮހު ކޯޓުގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައި ވަނީ ވަކީލަކު ލިބިިދިނުމުގެ ހައްގަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގަކަށްވާއިރު އެ ހައްގު ނުދީ ބަންދު އިތުރު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެކަމަށާއި އެއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާއިން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ ހައިކޯޓުން ވަނީ މާޅޮހު ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ.

އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

comment ކޮމެންޓް