އަނަސް މަރާލި މައްސަލައިގައި ދައުވާ ކުރި "ކުޑަކުއްޖާ"ގެ މައްޗަށް ކުށް ސާބިތެއް ނުވި

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން މަރާލާފައި އޮއްވައި ފެނުނު ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް ---

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ ގައިގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިއަދު ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި އަށް މީހަކަށް ފިލަން އަނަސް ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން ސައިކަލުން އައި ހަތަރު މީހަކު އެތާ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު އެވެ.

އެ މައްސަލައިގައި ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

އެ މީހުންގެ އިތުރުން، އެ ހާދިސާ ހިނގި އިރު އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށްވެސް ދައުވާ ކުރި އެވެ. މިހާރު އޭނާގެ އުމުރުން 20 އަހަރެވެ. އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހަޅާފައި ވަނީ އޮކްޓޯބަރު 8، 2017 ގަ އެވެ.

ކުޑަކުދިންނަަށް ގާނޫނުން ހާއްސަ ރައްކާތެރިކަން ލިބިގެންވާތީ އެ މައްސަލައިގައި ދައުވާ ކުރި ކުއްޖާގެ މައުލޫމާތު ވަނީ ސިއްރު ކޮށްފަ އެވެ.

އޭނާގެ މައްސަލަ ބެލުމަށް ފަހު މިއަދު އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައިވާ ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.

އަނަސްއަށް އިންސާފު ހޯދަން ގޮވާލައި ރ. މީދޫގައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން ---- ފޮޓޯ/ ނާޝިތު

އެ މައްސަލައިގައި ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން ހާދިސާ ހިނގި ވަގުތު ހާދިސާ ހިނގި ތަނުގައި ތުހުމަތު ކުރެވޭ ކުއްޖާ ހުރިކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

"މި ދައުވާ ސާބިތުކުރުމަށް ހަތަރު ހެކީން ދައުލަތުން ހުށަހަޅާފައިވޭ. އެ ހެކީން ހެކިބަސް ދެމުން ބުނެފައި ވަނީ މުހައްމަދު އަނަސްއަށް ހަމަލާދިންތަން ފެނުނު ނަމަވެސް، ހަމަލާ ދިން މީހުން މޫނު ނިވާކޮށްގެން ތިބުމުން އެއީ ކޮން ބައެއްކަން ބުނަން ނޭނގޭ ކަމަށް،" ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އަދި ދިފާއުން ހުށަހެޅި ހެކީންގެ ހެކިބަހުން ހާދިސާ ހިނގި ވަގުތު ހާދިސާ ހިނގި ތަން ނޫން އެހެން އެކި ތަންތަނުގައި އެ ކުއްޖާ އުޅެފައިވާކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

"ދިފާއީ ހެކީންގެ ގޮތުގައި ތިން ހެކީން ހުށަހަޅާފައިވޭ. އެ ތިން ހެކީން ހެކިބަސް ދެމުން ބުނެފައި ވަނީ ހާދިސާ ދުވަހުގެ ހެނދުނު 10:00 ގައި ދައުވާ ލިބޭ ކުއްޖާގެ ގެޔަށް ދިޔަކަމަށާއި އެއަށްފަހު އެމީހުންނާ އެކީ ކުއްޖާ ހުޅުމާލެ ތެރޭގައި ސައިކަލް ދުއްވުމަށްފަހު ބާބަކިއު ޕޮއިންޓްގައި ތިބުމަށްފަހު، ރޭގަނޑު 10:00 ހާއިރު، ދައުވާ ލިބޭ ކުއްޖާގެ ގެއަށް ގޮސް، އެގެއިން އެންމެން ކައިގެން، ދަންވަރު 2 ޖަހަންދެން، ޕްލޭސްޓޭޝަނުން ގޭމް ކުޅެން ތިބި ކަމަށް. އެއިން އެއްވެސް ވަގުތެއްގައި ދައުވާ ލިބޭ ކުއްޖާ އެމީހުންގެ ލޯމަތިން ގެއްލިފައިނުވާ ކަމަށް ހެކިބަސް ދެމުން އެމީހުން ބުނެފައިވޭ،" ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އަނަސް މަރާލަން އޭނާއަށް ސީދާ ހަމަލާދިން ކަމުގެ ތުހުމަތު ކުރެވެނީ އެ ކުޑަކުއްޖާގެ އިތުރުން އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފަށެވެ. އެ މީހުންގެ މައްޗަށްވެސް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މީހުންނަކީ ސައިކަލު ދުއްވަން ތިބި މީހުން ކަމަށް ތުހުމަތު ކުރެވެ އެވެ.

އެ ހަތް މީހުންގެ މައްސަލަތައް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެ އެންމެންވެސް ވަނީ މީގެ ކުރިން ދައުވާއަށް އިންކާރު ކޮށްފަ އެވެ. މިހާރު އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ.

comment ކޮމެންޓް