ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ގްރީންސްޓްރީޓްސްއާ އެއްވަރުކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ބަލި ނުވެއައުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ލީގުގެ ހަތަރުވަނަ މެޗް ވީކުގެ ފުރަތަމަ މެޗުގައި ގްރީން އަތުން ސަސް ޕޮއިންޓެއް ހޯދީ 0-0 އިންނެވެ. އެ ނަތީޖާއާ އެކު ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެން ސަސް ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފަ އެވެ. އެ ޓީމު ކުރީގައި ހަތް ޕޮއިންޓާ އެކު ވެލެންސިއާއާއި މާޒިޔާ އޮތް އިރު، ގްރީން ސްޓްރީޓްސް މިއަދުގެ ޕޮއިންޓާ އެކު ވަނީ ހަވަނައަށް އަރައިފަ އެވެ.
ދެ ޓީމުގެ ފަރައިތުން ވެސް ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ފެނުނު މިއަދުގެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި ގްރީންގެ ކެޕްޓަން ރިލްވާނެ ވަހީދު އޭރިއާ ބޭރުން ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ސަސްގެ ކީޕަރު މަމަތްކޮނޯވް ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުން ވަރުގަދައަށް ޑިފެންސްކޮށްގެން ކުޅުނު އިރު އެ ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ސަސްއިންނެވެ. އެއީ އޭރިއާ ކުރިމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ފޮނުވާލި ހިލޭ ޖެހުމެކެވެ. އެ ބޯޅަ ގޯލުގެ މަތީ ކަނަށް ބެންޖޯ އަމާޒުކޮށް ފޮނުވާލި ނަމަވެސް ގްރީންގެ ކީޕަރު ސާގިބް ހަނީފް ވަނީ އެބޯޅަ ދިފާއު ކޮށްފަ އެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ، މެޗުން ލިބުނު ޕޮއިންޓަކީ ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށާއި، ލީގުގައި އެއްވެސް މެޗަކުން ބަލި ނުވެ އައުމަކީ ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް ކަމަށެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު ނިޝްތާރު ބުނީ، މެޗުން އެއްވަރަކުން ފުއްދާލުން ރަނގަޅު ނަމަވެސް އުންމީދަކީ މޮޅުވުން ކަމަށެވެ. އަދި ހަތަރު މެޗު ކުޅެވުނު އިރު ދެ ގޯލު ޓީމަށް ޖެހުމަކީ އެކަމަށް ތަންކޮޅަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ އެއްވައިނައިގައި އޮތް މާޒިޔާއާއި ދަ ގްރާންޑޭ ސްޕޯޓްސް އެވެ. އެ މެޗު ފަށާނީ މިރޭ 9:00 ގަ އެވެ.