އެމްޓީސީސީ ހުނަވަރު ޕްރޮގްރާމް: ހަޔާތް އަލުން ފަށައިގަންނަން ދޮރެއް

އެމްޓީސީސީއިން ހުނަވަރު ޕްރޮގްރާމު އިއުލާނުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ

މަސައްކަތުގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ "ހުނަވަރު ޕްރޮގްރާމް" އިއުލާންކޮށްފި އެވެ.

އެމްޓީސީސީ ޓަވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމު އިއުލާނުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އާޒިމް ވިދާޅުވީ މި ޕްރޮގްރާމުގެ މައިގަނޑު މަސައްކަތަކީ ވީހާވެސް ގިނަ ދިވެހިންނަށް އެކުންފުނިން ތަމްރީން ދީގެން ވަޒީފާގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

މިފަހަރު ހުނަވަރު ޕްރޮގްރާމްގައި ތަމްރީން ކޮށްދޭނީ ހެވީ ވެހިކަލް އޮޕަރޭޓު ކުރުމާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ބާޖު، ޓަގު، އެކްސްކެވޭޓަރު، ލޮރީ، ކްރޭން ލޮރީ އަދި ރޯލަރާއި ޕޭވާގެ އިތުރުން ގްރޭޑާއާއި ލޯޑަރު ހިމެނެ އެވެ.

"މުވައްޒަފުން ތެރޭގައި 130 ބިދޭސީން އެބަތިބި މި މަސައްކަތްތައް ކުރާ. މިއީ ފަސޭހައިން ދަސްކުރެވޭ، ވަރަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭ މަސައްކަތްތަކެއް." އާޒިމް ވިދާޅުވި އެވެ.

ހުނަވަރު ޕްރޮގްރާމުގެ މުއްދަތަކީ ތިން މަސް ދުވަހެވެ. ޕްރޮގްރާމްގެ ބައިވެރިން މަސައްކަތް ކުރަމުންދާނީ އެމްޓީސީސީގެ ސައިޓުތަކުގަ އެވެ. އަދި އެ މުއްދަތުގައި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ދޭނެ އެވެ.

އާޒިމް ވިދާޅުވީ ޕްރޮގްރާމް ކުރިއަށްދާއިރު ހާޒިރީއަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ. އަދި އެންމެ ރަނގަޅު ކުދިންނަށް ވަޒީފާވެސް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މީގެން ފާސްވާ ކުދިންގެ ތެރެއިން މިވަގުތުވެސް 50 ކުދިންނަށް ވަޒީފާ ހަމަޖައްސައިދޭނެ. ވަޒީފާ ހަމަޖައްސައިދެނީ ކިޔަވައިދީފަ، ކިޔަވަމުންދާއިރު އެލަވަންސެއް ވެސް ދީފައި. އިތުރު 130 ޖާގަވެސް އެބައޮތް އެމްޓީސީސީގައި ދިވެހިންނަށް ފުރުސަތު ހުޅުވާލާފައި." އާޒިމް ވިދާޅުވި އެވެ.

ތަމްރީނަށް އެހެން ރަށަކަށް ދާން ޖެހިއްޖެނަމަ ހުރުމާއި ކެއުންވެސް ހަމަޖައްސައިދޭނީ އެމްޓީސީސީއިންނެވެ.

މި ޕްރޮގްރާމުގައި ތަމްރީނުކޮށްގެން ލިބޭ ވަޒީފާތަކުގެ މަހު މުސާރަ އުޅެނީ މަހަކު 12،000 އާއި 20،000އާ ދެމެދުގަ އެވެ. އާޒިމް ވިދާޅުވީ މި ޕްރޮގްރާމަށް ވަނުމުގައި އެއްވެސް ޝަރުތެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ކޮލިފިކޭޝަން ހުރި ފަރާތްތައް މި ޕްރޮގްރާމަށް ކުރިމަތިލައިފިނަމަ މުސްތަގްބަލުގައި އެ ފަރާތްތައް ބޭރު ގައުމުތަކަށް ފޮނުވައިގެންވެސް ތަމްރީނު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް ސްކޫލްގައި ނުކިޔެވިފައި ތިބި ކުދިންވެސް ވޮކޭޝަނަލް ޓްރެއިނިންގެ ތެރެއިން އައިސް އެމްޓީސީސީ ކަހަލަ ރަނގަޅު ކުންފުންޏެއްގައި މަސައްކަތްކުރަން ލިބޭ." އާޒިމް ވިދާޅުވި އެވެ. "އޯލެވެލް ކޮލިފިކޭޝަން ނެތް ކުދިންނަށްވެސް ފުރުސަތު އެބައޮތް އަދި އޯލެވެލް، އޭލެވެލް ކޮލިފިކޭޝަން ހުރި ކުދިން މި ވަޒީފާތަކަށް އައިސްފިނަމަ މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލަދޭނަން."

މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި އޯޕަންޑޭ ހަރަކާތްތައް އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިއުމަށް ވަނީ ރާވާފަ އެވެ. ފުވައްމުލަކު އޯޕަން ޑޭ އޮންނާނީ މި މަހު 9ވަނަ ދުވަހުގަ އެވެ. އަދި އައްޑޫ ސިޓީ އޯޕަން ޑޭ އޮންނާނީ މި މަހުގެ 11ވަނަ ދުވަހުގަ އެވެ.

ރާއްޖޭގެ އެހެން ކަންކޮޅުތަކުން މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ.

comment ކޮމެންޓް