މާޒިޔާއަށް ސްޕެނިޝް ޓީމުތަކާއި ސާބިއާގެ ގައުމީ ޓީމުގެ ތަޖުރިބާހުރި ކޯޗެއް ގެނެސްފި

މާޒިޔާއަށް އަލަށް ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް --

އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކުލަބުގެ ހުސްވެފައިވާ މަގާމަށް ސްޕެނިޝް ލީގާއި، ސާބިއާގެ ގައުމީ ޓީމުގެ އިތުރުން އޭޝިއާގައި ވެސް މަސައްކަތް ކޮށްފައިވާ ރިސްޓޯ ވިޑަކޮވިޗް ހަމަޖައްސައި، އެއްބަސް ވުމުގައި ސޮއި ކޮށްފި އެވެ.

މިއަދު މެންދުރު ފަހު ސޮލައިޓް ރެސްޓޯރަންޓުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި މާޒިޔާގެ ކޯޗުކަން ވިޑަކޮވިޗްއާއި ހަވާލު ކުރީ ލީގުގެ ތިންވަނަ މެޗުގައި ވެލެންސިއާ އަތުން އެ ޓީމު އެއްވަރުވުމާ ގުޅިގެން އޭރު ކޯޗަކަށް ހުރި އަހުމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުންނެވެ. ނިޒާމްބެގެ އިސްތިއުފާ ގަބޫލުކޮށް މާޒިިޔާއިން އާ ކޯޗެއް ގެނައި އިރު، މިއީ މިހާތަނަށް އެ ޓީމުން ގެނައި ދެވަނަ ބިދޭސީ ކޯޗެވެ. މިދިޔަ ސީޒަނުގައި އެ ޓީމަށް ކޯޗުކަން ކޮށްދިން މެސަޑޯނިއާގެ މަރްޖާން ސެކުލޮސްކޯގެ އެއްބަސްވުން ހަމަވުމުން އޭނާ ޓީމު ދޫކޮށްލީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ.

ލީގުގެ އެއްވަނާގައި މިވަގުތު އޮތް މާޒިޔާގެ ކޯޗުކަމާ މިއަދު ވިޑަކޮވިޗް ހަވާލުވި ނަމަވެސް މިރޭ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) އެވެ.

ޔުގޮސްލޭވިއާއަށް އުފަން 51 އަހަރުގެ ވިޑަކޮވިޗް ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ގައުމީ ޓީމަށް އަށް މެޗު ކުޅެދީ، ކުލަބް ލެވެލްގައި ވެސް އެކި ޓީމުތަކަށް 277 މެޗު ކުޅެދީ 27 ގޯލު ޖަހައިފަ އެވެ. ސެންޓްރަލް ޑިފެންޑަރެއްގެ މަގާމު ކުޅުންތެރިއެއްގެ ގޮތުގައި ހޭދަ ކުރި ވިޑަކޮވިޗް ސާބިއާއާއި މުރްޝިއާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ ވަނީ މިހާރު ސްޕެނިޝް ލީގުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ކާޑިޒް އަށާއި، ރެއާލް ބެޓިސްގެ ބީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.

ވިޑަކޮވިޗް އޭނާ އެންމެ ފަހުން ތިން އަހަރުގައި މަސައްކަތްކުރީ ފިލިޕީންސްގެ ޗެމްޕިއަން ސެރެސްގަ އެވެ. އެ ތިން އަހަރު ވެސް އޭނާ ވަނީ ސެރެސް އަށް ފިލިޕީންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިޑަކޮވިޗް ބުނީ، އޭނަގެ އަމާޒަކީ މާޒިޔާއާ އެކު ރަނގަޅު ނަތީޖާތަކެއް ގައުމީ ފެންވަރުގައި ހޯދުމުގެ އިތުރުން، އޭއެފްސީގެ ރަނގަޅު ހިސާބަކަށް ދަތުރު ކުރުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ފިލިޕީންސްގެ ސެރެސްއާ އެކު 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މެލޭޝިއާގެ ވަރުގަދަ ޖޮހޯރް ބަލިކޮށް އާސިއާން ޒޯންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ފަހަރު އިންޓަ ޒޯން ސެމީ ފައިނަލުން ސެރެސް ބަލިވީ ތަޖިކިސްތާންގެ އިސްތިގްލާލް އަތުންނެވެ.

comment ކޮމެންޓް