ހާއްސަ އެހީއަށް ބޭނުންވާ ދެ ކުދިންނާއެކު ޕްލައިވުޑް ގޮޅިއެއްގައި، ފްލެޓް އަތުލައިފި!

އިބްރާހީމް މުހައްމަދާއި އާއިލާ ދިރިއުޅޭ ތަން: ނަމަވެސް ފްލެޓް ކޮމިޓީން ނިންމީ އެ މީހުންނަށް ފްލެޓް ހައްގު ނޫން ކަމަށް.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެޅި ފްލެޓަށް ކުރިމަތި ލައިގެން އިބްރާހީމް މުހައްމަދަށް 98 ޕޮއިންޓް ލިބުނު ނަމަވެސް، ފްލެޓެއް ނުލިބުނެވެ. އެ ކަންބޮޑުވުން ހިއްސާކުރީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާ އެވެ. މުއިއްޒު ވިދާޅުވީ އަނެއްކާވެސް މަސައްކަތް ކޮށްލުމަށެވެ.

މުއިއްޒު ވިދާޅުވި ގޮތަށް އިބްރާހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެޅި "ހިޔާ" ފްލެޓަށް ވެސް ކުރިމަތިލައިފަ އެވެ. ނަސީބު ދިމާކުރި ގޮތުން، 90 ޕޮއިންޓާ އެކު އިބްރާހީމް އަށް ހިޔާ ފްލެޓެއް ލައްވައިލި އެވެ.

ނަމަވެސް ސަރުކާރު ބަދަލުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓަށް ޕޮއިންޓް ދީފައި ވަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އަދި އެ ކޮމެޓީން ލިސްޓުތައް ދިރާސާކޮށް ނިންމި އިރު، އިބްރާހީމްގެ ނަން ލިސްޓުގެ ފަހަތަށް ސޮއްސާލައިގެން ގޮސް، ފްލެޓެއް ލިބޭ ވަރެއް ނުވި އެވެ.

އިބްރާހީމަށް ޕޮއިންޓް މަދުވީ، ދިރިއުޅުމުގެ ހާލަތުގެ ބައިންނެވެ. ކުރީ ސަރުކާރުން ފްލެޓް ދޫކުރި އިރު އެ ބައިން އޭނާއަށް 50 ޕޮއިންޓް ލިބުނެވެ. ފްލެޓް ކޮމެޓީން ހާލަތު ބަލަން އައި އިރުވެސް އިބްރާހީމްގެ އާއިލާ އުޅުނީ 2018 ގައި ވެސް އުޅުނު ތަނުގަ އެވެ. އާއިލާ އަކަށް ބަދަލެއް ނާދެ އެވެ. ހާލަތު ބަދަލެއް ނުވެ އެވެ. ނަމަވެސް އެ ބައިން ލިބުނު ޕޮއިންޓް އޮތީ 28 އަށް ވެއްޓިފަ އެވެ.

ކުރިން 90 ޕޮއިންޓު ލިބުނު އިބްރާހީމަށް މިފަހަރު ލިބުނީ 68 ޕޮއިންޓެވެ.

ޕޮއިންޓް މަދުވި އިރު އިބްރާހީމް އާއި އޭނާގެ އާއިލާގެ ހާލަތު ހުރީ ކިހިނެތް ހެއްޔެވެ؟

ސަފާރީއެއްގައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިބްރާހީމް އާއި އޭނާގެ އަންހެނުންގެ ފަސް ކުދިން އެބަ ތިއްބެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދެކުދިން ވެސް ހިމެނެ އެވެ. އެއް ކުއްޖަކީ އޯޓިސްޓިކް ކުއްޖަކަށް ވާއިރު، އަނެއް ކުއްޖާގެ އެއް ލޮލުގެ ފެނުން ވަނީ މުޅިން ގެއްލިފަ އެވެ. އަނެއް ލޮލަށް ކޮންމެސް ވަރަކަށް ފެނުނު ނަމަވެސް، ހިނގާ ބިނގާވެ އުޅުމުގައި ބައެއް ކަހަލަ ދަތިތަކާ ކުރިމަތިވި އެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، ފަސް ކުދިންނާއެކު ދެމަފިރިން ދިރިއުޅެނީ އެންމެ ކޮޓަރިއެއްގަ އެވެ. ޕްލައިވުޑުން ހަދާފައި ހުންނަ އެ ކޮޓަރި ތެރޭގައި ވައި ވަންނާނެ ގޮތެއް ނެތެވެ.

"ރޭގަނޑެއް ދުވާލެއް ވެސް ވަކި ނުވޭ އެތަނުގައި. ސިޓިން ރޫމެއް ނުހުރޭ. އުނދުން ބަހައްޓާނެ ތަންކޮޅެއް ހުރޭ. ފާހާނާއިން ކޮޓަރި ތެރެއަށް ފެން އެޅޭ،" އިބްރާހީމް ކިޔައިދިނެވެ.

ހިޔާ ފްލެޓަށް އިބްރާހީމްގެ އިތުރުން އޭނާގެ އަންހެނުން ވެސް ކުރިމަތިލި އެވެ. ދެމީހުންނަށް ވެސް ފްލެޓް ލިބުމުން، އިބްރާހީމް އޭނާގެ ފްލެޓް ދޫކޮށްލީ އެވެ. ފްލެޓް ކޮމެޓީން ހާލަތު ބަލަން ގޮސް ޕޮއިންޓް ދިން އިރު، ދެމަފިރިންނަށް ވެސް ފްލެޓް ލިބޭ ގޮތެއް ނުވި އެވެ. އަދި ޕޮއިންޓް ލިބުނީ ވެސް ތަފާތުކޮށެވެ.

އިބްރާހިމް އާއި އޭނާގެ އާއިލާ ދިރިއުޅޭތަނުގެ ހާލަތު --

"އެއް ކޮޓަރީގައި އެއް އެނދުގައި އެއް ބާލީހެއްގަ ނިދައިގެން މި އުޅެނީ. ކާން މި އަރަނީ އެއްކޮށް، އިންނަނީ އެއް ގޮނޑިއެއްގަ އެކަމަކު ވެސް ދެމީހުންނަށް ދެވަރަށް ޕޮއިންޓް ލިބުނީ،" އިބްރާހީމް ބުންޏެވެ.

އިބްރާހީމްގެ އަންހެނުން އަޒީނާ އަބްދުﷲ އަށް ކުރިން ލިބުނީ ހަމަ 90 ޕޮއިންޓެވެ. ނަމަވެސް ފްލެޓް ކޮމެޓީން ދިނީ 63 ޕޮއިންޓެވެ. ދިރިއުޅުމުގެ ބަޔަށް ލިބުނީ 23 ޕޮއިންޓެވެ.

އިބްރާހީމް ވަނީ ހާލަތު ބަލަން އައިސް ކޮމެޓީން ކުރާ ސުވާލުތަކާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާގެ 13 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖާއަކަށް ލިޔަން ކިޔާކަށް ނޭނގެ އެވެ. އަމިއްލަ އަށް ބައެއް ކަހަލަ ކަންކަން ކުރެވުނު ނަމަވެސް، ގިނަ ކަންތައްތައް ނުކުރެވެ އެވެ. މީހުންނާ އެކީގައި އުޅޭކަށް ނޭނގެ އެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަންކަން ހަނދާން ނެތެ އެވެ.

"އެކުއްޖާއަށް ހެދުން ލެވޭތީ އަޅުގަނޑު ބުނީ ލެވެޔޭ. އަޅުގަނޑު ބޭނުމެއް ނޫން ދޮގު ހަދާކަށް. އެކަމަކު ހެދުން ލާން އެނގޭތީ ޕޮއިންޓް ގެއްލުނީ. ދެން އަޅުގަނޑުގެ އެހާ ހޭލުންތެރިކަން ނެތީމަ ކަމަށް ވެސް ވެދާނެ ޖަވާބު ދޭން ނޭނގުނީ،" އިބްރާހިމް ބުންޏެވެ.

ދެމަފިރިން މާލޭގައި ދިރިއުޅެނީ ހާއްސަ އެހީއަށް ބޭނުންވާ ދެކުދިންނަށް ބޭނުންވާ ފަރުވާ ދެވޭނެ ގޮތެއް ރަށުގައި ނެތުމުންނެވެ. މާލޭގައި ދިރިއުޅެން ފަސޭހައެއް ނޫނެވެ.

ފޯމު ހުށަހެޅި އިރު، އެ ދެމަފިރިންގެ އެއްވެސް ކުއްޖަކަށް 18 އަހަރު ނުވި ނަމަވެސް، މިހާރު ދެކުދިންނަށް 18 އަހަރު ފުރިއްޖެ އެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދެވަނަ ކުއްޖާ ވެސް ހިމެނެ އެވެ.

އެކުއްޖާގެ ލޮލަށް ރާއްޖެއިން ފަރުވާ ކުރެވެން ނެތް އިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދޭނެ ތަނަވަސްކަމެއް އެދެމަފިރިންގެ ނެތެވެ. ކުލި ދައްކަމުން އެހެން ހަރަދުތައް ކުރަމުން މާލޭގެ ގޮޅިއެއްގައި ގަނަތެޅެން ވަނީ މަޖުބޫރުވެފަ އެވެ.

އެ ދެމަފިރިން މިހާރު ވަނީ ކުރިން އުޅެމުން ދިޔަ ތަނުން ނުކުމެފަ އެވެ. އެތަނުން ނުކުތީ އެތައް ދުވަހެއް ވަންދެން ފެން ކަނޑާލާފައި ހުރުމުގެ ސަބަބުން، އުޅެވޭނެ ގޮތެއް ނެތިގެން އޭނާ މަސައްކަތް ކުރާ ސަފާރީގައި ވެސް އާއިލާ ގޮވައިގެން 20 އަކަށް ދުވަހު އުޅުމަށްފަހު އެވެ.

އިބްރާހީމްގެ ދެމަފިރިން މިހާރު ވެސް ތިބީ ޝަކުވާ ހުށަހަޅައިގެންނެވެ. ނަމަވެސް ދާއިމީ ލިސްޓުގައި ދެމަފިރިންގެ ނަން އޮންނާނެ ކަމުގެ ކުޑަވެސް އުންމީދެއް ނެތެވެ.

"އަޅުގަނޑުމެބް ވަރަށް ބޮޑަށް މާޔޫސްވެފަ މި ތިބީ. ފްލެޓް ލިބޭނެ ކަމުގެ އުންމީދެއް ނެތް. އަޅުގަނޑުމެންގެ ޝަކުވާ އަކީ ޕޮއިންޓް ލިބުނު ގޮތް އެއްގޮތަކަށް ވެސް ސާފު ނުވާތީ. އިންސާފުވެރިކޮށް ބަލާފަ ލިބެންވާ މީހުންނަށް ލިބުނީމަ ހިތްހަމަޖެހޭނެ،" އިބްރާހީމް ބުންޏެވެ.

comment ކޮމެންޓް