މިދިޔަ އަހަރު އޭޖީ އޮފީހުން 800އަށް ވުރެ ގިނަ ލަފާ ދިން

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު: އެ އޮފީހުން މިދިޔަ އަހަރު 800އަށްވުރެ ގިނަ ގާނޫނީ ލަފާ ދީފައިވޭ --- ފޮޓޯ/ އޭޖީ

މިދިޔަ އަހަރު ބަންޑާރަނައިބު އޮފީސް، އޭޖީ އޮފީހުން އިން 800 އަށްވުރެ ގިނަ ފަހަރު މަތިން ގާނޫނީ ލަފާ ދީފައިވާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި 2020 ވަނަ އަހަރު، ދައުލަތުގެ މުއައްސަސާތަކުން 842 ކަމަކާ ގުޅޭގޮތުން އެ އޮފީހުންގެ ލަަފަޔަށް އެދުނެވެ.

އެ މުއްދަތު ތެރޭގައި 841 ކަމަކަށް ގާނޫނީ ލަފާ ދީފައިވާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

ޖެނުއަރީ 2020 އިން ޑިސެމްބަރު 2020 އިން އޭޖީ އޮފީހުން ދިން ލަފާގެ ތަފްސީލު:

  • ބިލު ތަސްދީގު ކުރުމާ ގުޅޭ 34
  • އެއްބަސްވުންތަކާ ގުޅޭ 267
  • ގަވައިދުތަކާ ގުޅޭ 102
  • އުސޫލުތަކާ ގުޅޭ 40
  • މުއާހަދާތަކާ ގުޅޭ 7
  • އެހެނިހެން 391

މިދިޔަ އަހަރު ދިން ލަފާތަކުގެ ތެރެއިން އެންމެ ގިނަ އަދަކަށް ލަފާ ދީފައި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެވެ. އެގޮތުން ފުރަތަމަ ހަ މަސް ދުވަހު 440 ކަމަކާ ގުޅޭގޮތުުން ލަފަޔަށް އެދުނު އިރު، 427 ކަމަކާ ގުޅޭ ގޮތުން ވަނީ ލަފާ ދީފަ އެވެ.

އެކި އެކި ކަންކަމާ ގުޅޭ ގޮތުން މިދިޔަ އަހަރު އޭޖީ އޮފީހުން 800 އަށްވުރެ ގިނަ ލަފާ ދިން އިރު، 2019ވަނަ އަހަރު އެ އޮފީހުން ހާހަކަށް އަށްވުރެ ގިނަ ލަފާ ދީފައި ވެއެވެ.

ދައުލަތުގެ މުއައްސަސާތަކަށް ގާނޫނީ ލަފާ ދިނުމަކީ، ބަންޑާރަނައިބު އޮފީހަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

comment ކޮމެންޓް