ކުލި ކުޑަކޮށް، ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިފި

މެއި 5، 2018: މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ޒަމާނީ ފެންވަރަކަށް ހަދާފައިވާ ފުޑް ކޯޓުތަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ އިން މާލޭގެ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އޭގެ އިތުރުން މި މަހުގެ ހަތްވަނަ ދުވަހު، ގޮޅިތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

އެކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ގޮޅިތަކުގެ ކުލި ކުޑަކުރެވިފައިވާ ކަމަށެވެ.

އަދި ކުރިން ނަގަމުން އައި ތިން މަހުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާރު ދެ މަހަށް ކުޑަކޮށްފައިވާ ކަމަށާއި ކުރިން ނަގާ 100،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ވެސް މިހާރު ނުނަގާނެ ކަމަށެވެ.

ހަމައެއާއެކު، ކުރިން ނަގާ އެޑްވާންސް ކުލި ނުނަގާއިރު، ކުރިން ބިޑު ކުރާއިރު ހުށަހަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލް ވެސް މިހާރު ބޭނުން ނުވާނެ ކަމަށެވެ.

އެސްޓީއޯ އިން ގޮޅިތަކުގެ ބޭސް ރޭޓު އާންމުކޮށްފައި ވާއިރު، ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން، ސެކިއުރިޓީ ޑިޕޮސިޓަށްވާ ދެ މަހުގެ ކުލި ދައްކަން ޖެހޭނީ އަކަފޫޓެއް 39 ރުފިޔާގެ ރޭޓުންނެވެ.

comment ކޮމެންޓް