ފައިރޫޝްއަށް ޝުކުރު އަދާކުރުމުން އެމްޑީޕީ އިސްބޭފުޅުން ރަތަށް

ޑރ. ފައިރޫޝް ހިދުމަތުން ރިޓަޔާ ކުރެއްވުމުން ފެއާވެލް ކޭކް ފަޅަނީ -- ފޮޓޯ/ ޕޮލިސް

ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝްގެ ހިދުމަތަށް ފުލުހުންގެ މުއައްސަސާއިން އަގު ވަޒަންކޮށް ޝުކުރު އަދާކުރުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމްޑީޕީގެ ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވި ކަމުގެ ލިޔުން އޭނާއާ ހަވާލުކުރާ ފޮޓޯއާ އެކު ޕޮލިސް ކޮމިޝަނަރު ހަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ފައިރޫޝް ފުލުހުންގެ ހިދުމަތުގައި 20 އަހަރު ދުވަހު ކުރެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވައި އޭނާއަށް ތައުރީފް ކުރައްވައިފަ އެވެ. އަދި ފައިރޫޝްއަށް ކޮމިޝަނަރު އިއްޔެ ވަނީ ފެއާވެލް ޕާޓީއެއް ވެސް ހެޑް ކުއާޓަރުގައި ބާއްވަވައިފަ އެވެ.

ފައިރޫޝްއަކީ ފެބުރުއަރީ 7، 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާ އެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް މިހާރުގެ ކޮމިޝަނަރު ހަމީދުވެސް ވަނީ މީގެ ކުރިން ތުހުމަތުކުރައްވައިފަ އެވެ.

ކޮމިޝަނަރު ހަމީދު ފައިރޫޝްއަށް ޝުކުރު އަދާކޮށް ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ހަސަން ލަތީފު ސީޕީ ހަމީދު ޓެގް ކުރައްވާ ވިދާޅުވީ "ސީޕީ ލަދު ގަންނަން" ޖެހޭ ކަމަށެވެ.

މީގެ އިތުރުން ވެސް އެމްޑީޕީގެ އެކި ލެވަލްގެ ބޭފުޅުން ގެންދަނީ ސީޕީ ހަމީދަށް ފާޑު ވިދާޅުވަމުންނެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ސީޕީ ހަމީދު ފައިރޫޝްއަށް ތައުރީފް ކުރެއްވުމުން ދޭހަވަނީ ފެބުރުއަރީ 7 އަކީ ބަގާވާތެއް ނޫން ކަމެވެ. ނަަމަވެސް އެއީ ރައްޔިތުންނަށް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ލަދުވެތި،" ޔައުގޫބް ވެސް ޓްވީޓް ކުރެއްވި އެވެ.

އެ ޓްވީޓާ ގުޅިގެން ހިޔާލު ފާޅުކުރި އެމްޑީޕީ އެކްޓިވިސްޓުން ބުނީ، ސީޕީ ހަމީދު އުޅުއްވަނީ ހަތުރުން މާ ބޮޑެތި މިތުރުންނަށް ހަދައިގެން ގާތްކޮށްގެން ކަމަށެވެ. އަދި މީގެ ކުރިން ފައިރޫޝް ގޯސްވެ ވާހަކަ ދެއްކެވިއިރު ސީޕީ ހަމީދަށް މިއަދު ފައިރޫޝް ރަނގަޅުވުން ގަބޫލު ނުކުރެވޭ ކަމަށް ވެސް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށްފައިވެ އެވެ.

ކިޔެވުމަށް އޮސްޓްރޭލިޔާގައި ހުންވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ފައިރޫޝް ފުލުހުންގެ ހިދުމަތުން 2017 ވަނަ އަހަރު ވަކިކުރީ، އޭރުގެ ސަރުކާރު ބަދުނާމުވާ ގޮތަށް ހިޔާލުފާޅު ކުރާ ކަމަށް ބުނެ އެވެ. ނަމަވެސް ސަރުކާރުގެ ބަދަލުވުމާ އެކު ޑިސެމްބަރު، 2018 ގައި ފައިރޫޝްއަށް އަލުން ވަޒީފާދޭން ކޯޓުން އަމުރުުކުރުމާ އެކު އެސިސްޓެންޓް ކޮމިޝަނަރެއްގެ މަގާމުގައި އޭނާގެ ވަޒީފާ އަނބުރާ އިޔާދަ ކުރި އެވެ.

އެކަމާ ގުޅިގެން ވެސް އޭރު އެމްޑީޕީގެ އިސް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔެވެ.

ފައިރޫޝް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފުލުހުންގެ ހިދުމަތުން ޖެނުއަރީ، 2، 2021ގައި ރިޓަޔާ ކުރައްވަން ނޯޓިސް ދެއްވީ ހަތް މަސް ކުރިން މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހު ކަމަށެވެ.

ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވި އިރު ފުލުހުންގެ އާ ގާނޫނަކަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އެ ގާނޫނާ އެކު ރައީސް އެކުލަވާ ލައްވާ ފުލުސް ބޯޑުން ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބަލައި ތުހުމަތުވާ އޮފިސަރުން މަގާމުން ވަކިކުރުމުގެ ބާރު އެ ބޯޑަށް ލިބެ އެވެ.

comment ކޮމެންޓް