ރެކޯޑު އަދަދަކަށް މިދިޔަ އަހަރު އަންހެން ޑައިރެކްޓަރުން

މިިދިޔަ އަހަރު އަންހެން ޑައިރެކްޓަރެއް އުފެއްދި ފިލްމެއް ކަމަށްވާ "ބާޑްސް އޮފް ޕްރޭ"

މިދިޔަ އަހަރުގައި ނެރުނު ހޮލީވުޑް ފިލްމުތަކުގެ ތެރެއިން ރެކޯޑު އަދަދަކަށް އަންހެނުން ފިލްމު ޑައިރެކްޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސެން ޑިއޭގޯ ސްޓޭޓް ޔުނިވާސިޓީގެ ސެންޓާ ފޮ ސްޓަޑީ އޮފް ވިމެން އިން ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނެރުނު ފިލްމުތަކުގެ 19 ޕަސެންޓް ފިލްމުތަކަކީ އަންހެން ޑައިރެކްޓަރުންގެ ފިލްމުތަކެވެ.

އެ އަދަދީ 2019 ވަނަ އަހަރަށްވުރެ ހަތް ޕަސެންޓް އިތުރު އަދަދެކެވެ. އެއީ 12 ޕަސެންޓެވެ. އަންހެން ޑައިރެކްޓަރުންގެ ފިލްމުތަކުގެ އަދަދު 2018 ވަނަ އަހަރުގައި ހުރީ ހަތަރު ޕަސެންޓުގަ އެވެ.

މިދިޔަ އަހަރުގެ އަންހެން ޑައިރެކްޓަރުންގެ އަދަދަކީ މީގެކުރީން އަންހެން ޑައިރެކްޓަރުންނަށް ލިބިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށް ސެންޑިއޭގޯ ސްޓޭޓް ޔުނިވާސިޓީއިން ބުނެ އެވެ.

އަލަށް ފެނިގެންދާ ޓްރެންޑުން އެނގިގެން ދަނީ އަންހެނުންގެ ބައިވެރިވުން ފިލްމު އިންޑަސްޓްރީގެ ޑައިރެކްޓަރުންގެ ލެވެލް އަދި ޕްރޮޑިއުސަރުންގެ ލެވެލްގައި އިތުރުވަމުންދާ ކަމަށް އެ ޔުނިވާސިޓީއިން ބުނެ އެވެ. އަދި އެއީ މުނިފޫހިފިލުވުމުގެ ދާއިރާގައި އަންހެނުންގެ ބާރުވެރިކަން އިތުރުވެގެންދާ ކަމުގެ ނިޝާނެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

މިދިޔަ އަހަރު އަންހެނުން ޑައިރެކްޓަރުކޮށްފައިވާ ބޮޑެތި ފިލްމުތަކުގެ ތެރޭގައި "ވޮންޑާ ވުމަން 1984" އާއި "ބާޑްސް އޮފް ޕްރޭ" ހިމެނެ އެވެ.

comment ކޮމެންޓް