ކާކުކަން ނޭނގޭގޮތަށް ސިޔާސީ ޕާޓީތަކަށް އެހީނުދެވޭގޮތަށް ހަދަން ލަފާ

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ކާކުކަން ނޭނގޭ ފަރާތްތަކާއި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުން އަދި ބިދޭސީ ފަރާތްތަކުން ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށް ނުދެވޭނެކަމަށް ގާނޫނުގައި ބަޔާން ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ދިރާސާއާ ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައި ބުނީ ޕާޓީތައް ހިންގުމަށް ފައިސާ އާއި އެހީ ހޯދޭނެކަމަށް ސިޔާސީ ޕަޓީތަކުގެ ގާނޫނުގައި ބަޔާންވެފައި އޮތްނަމަވެސް، ގާނޫނުން ކަނޑަޅާފައިވާ ފަރާތްތަކުގެ ކިބައިން ހޯދޭނެ ފައިސާ އާއި އެހީގެ މިންވަރާއި ބާވަތް ގާނޫނުގައި ކަނޑައެޅިފައިނުވާ ކަމަށެވެ. ވަކި ލިމިޓެއް ނެތި ފައިސާގެ އެހީ ހޯދޭނެ ގޮތަށް ގާނޫނު އޮތުމަކީ ޕާޓީތަކުގެެ މެދުގައި ވާދަވެރިކަން ކުޑަވެ، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެކަން އިސްލާހު ކުރުމަށް ތިން ކަމެއް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ޕާޓީގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން އަދި ވިޔަފާރީގެ މުއާމަލާތްތަކުންނާއި ދަރަނީގެ ގޮތުގައި ޕާޓީތަކަށް ފައިސާ އާއި އެހީ ދެވޭނެ މަތީ މިންވަރެއް ކަނޑައެޅުމަށް ވަނީ ހުށަހަޅައިފަ އެވެ.

ބިދޭސީ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން ޕާޓީތަކަށް ގިނަވެގެން ދެވޭނެ ފައިސާގެ ނުވަތަ އެހީގެ މިންވަރެއް ގާނޫނުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ކާކުކަން ނޭނގޭ ފަރާތްތަކާއި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުން އަދި ބިދޭސީ ފަރާތްތަކުން ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށް ނުދެވޭނެކަމަށް ޕާޓީތަކާ ބެހޭ ގާނޫނުގައި ސަރީހަ ބަހުން ބަޔާން ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ޕާޓީތަކަށާއި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ހަރަދުކުރާ ކަމުގެ 37 މައްސަލަ އެއް މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭސީސީ އަށް ހުށަހެޅިފައި ވެއެވެ. އިންތިހާބާ ބެހޭ އާންމު ގަވައިދުގައި، ކެންޑިޑޭޓުންނަށް ސަރުކާރު ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވީނަމަވެސް. އެކަން ގާނޫނުން މަނާކޮށްފައި ނޯންނާތީ، ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެންޑިޑޭޓުންނަށް ދޭ އެހީ ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން އޭސީސީ އިން ހުށަހަޅާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ސިޔާސީ ޕާޓީތަކަށް ހަރަދު ނުކުރެވޭނެކަމަށް ޕާޓީތަކުގެ ގާނޫނުގައި ސަރީހަ ބަހުން ކަނޑައެޅުމަށެވެ. އަދި ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި، ބުނާ ދަރަންޏަށް ފައިސާ ނެގޭނެ ގޮތްތަކާއި، ދަރަންޏާމެދު ޒިންމާވާނެ ފަރާތްތައް ތަފްސީލުކޮށް ބަޔާންކޮށް ޕާޓީތަކާއި ކެންޑިޑޭޓުންނަށް ދައުލަތުގެ ތަކެއްޗާއި ހިދުމަތް ދިނުމުގެ އުސޫލު އެކުލަވާލާ އެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ސިޔާސީ ޕަޓީތަކުގެ ދަފްތަރު ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި، ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ ސައްހަކަން ވެރިފައި ކުރެވޭނެ އިންތިޒާމެއް ނެތުމަކީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ނަޒާހަތްތެރިކަމުގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އޭސީސީ އިން ހުށަހަޅަފައިވަނީ އަހަރަކު ދެ ފަހަރު، ޕާޓީތަކުގެ ރަޖިސްޓްރީގައ ިތިބި މެންބަރުންގެ އަދަދު ކަށަވަރުކޮށް، ގަވައިދާ ހިލާފަށް ޕާޓީގައި މީހަކު ރެޖިސްޓްރީ ވުމަށް ހުށަހަޅާނަމަ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމަށާއި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް އިނާޔަތްދޭއިރު ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ޔަގީން ކުރުމަށެވެ.

އަދި ޕާޓތަކުގެ މެންބަރުންނަށް ވުމަށް ހުށަހަޅާ ފޯމުަތއް ވެރިފައިކޮށް ސައްކަން ކަށަވަރުކުރާނެ ނިޒާމެއް ގާއިމް ކުރަންވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ޕާޓީތަކުން ފައިސާ ހަރަދުކުރާނެ ގޮތުގެ ހަރުދަނާ އުސޫލެއްވެސް ނެތްކަން އޭސީސީ އިން ފާހަގަކޮށްފައި ވެއެވެ. އެ ކޮމިޝަނުން ބުނެފައިވަނީ އެކަން އެހެން އޮތުމުގެ ސަބަބުން ޕާޓީތަކުން ފައިސާ ހަރަދުކުރަނީ އެންމެ އެދެވޭގޮތުގައިތޯ ޔަގީން ނުކުރެވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޕާޓީތަކުގެ މަގުސަދުތަކުގެ ތެރޭ ނުހިމެނޭ ކަންތަކަށް ހަރަދުކުރުމުގެ ފުރުސަތާއި ވޯޓު ގަތުން ފަދަ ކަންތަކަށް މަގުފަހިވާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ޕާޓީތަކުން ހަރަދު ކުރެވޭނީ ކޮންކަންތަކަކަށް ކަން ގާނޫނުން ބަޔާންކޮށް، ކެންޑިޑޭޓުންނެކޭ އެއްގޮތަށް ޕާޓީތަކަށްވެސް ފައިސާ ހަރަދު ކުރެވޭނެ އެންމެ މަތީ އަދަދެއް ގާނޫނުގައި ކަނޑައަޅައި، ޕާޓީތަކާއި ކެންޑިޑޭޓުންގެ މާލީކަންތަކާ ގުޅޭ ޝަކުވާ ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

އަދި ޕާޓީތަކުން މާލީ ރިޕޯޓުތައް ހުށަހަޅަމުން ނުދިޔުމާއި، މާލީ ކަންތަކުގެ ދެފުށްފެންނަކަން ކުޑަކަން ފާހަގަކޮށް ބުނެފައިވަނީ، ޕަޓީތަކާއި ކެންޑޑޭޓުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މާލީ ބަޔާން ހުށަހެޅުން ލާޒިމް ކުރަން ހުށަހަޅާ ކަމަށެވެ. އަދި އެ މައުލޫމާތު ފަސޭހައިން ފެންނަގޮތަށް އާންމުކުރަންވެސް ހުށަހަޅާފަިއ ވެއެވެ.

comment ކޮމެންޓް