ހުޅުމާލޭގެ 14 ސަރަހައްދެއްގައި މަގުބައްތި ޖަހައި އަލިކުރަނީ

ހުޅުމާލޭގެ މަގެއް--

ހުޅުމާލޭގެ 14 ސަރަހައްދެއްގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭގައި އަލަށް އާބާދުވާ ސަރަހައްދުތަކާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އާންމުކޮށް ބޭނުންކުރާ ގިނަ މަގުތަކެއް އަނދިރިވެ، މަގުތަކުގައި ޖަހާފައި ހުންނަ މަގުބައްތި މަދުކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށެވެ.

އެ މައްސަލަ އަށް ހައްލު ހޯދުމަށް އެޗްޑީސީ އިން ހުޅުމާލޭ ސްޓްރީޓް ލައިޓިން ޕްރޮޖެކްޓު އެކުލަވާލާ، ފުރަތަމަ ފިޔަވަހީގައި މަގުބައްތީގެ މައްސަލަ ހުރި ސަރަހައްދުތައް ދެނެގަނެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ އެގޮތަށް ފާހަގަ ކުރެވުނު 14 ސަރަހައްދެއްގައި ހުރި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކޮށް ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭގޮތަށް އާ ބައްތި ހަރުކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ފާހަގަ ކުރެވިފައިވާ 14 ޒޯންއެއްގައި 1،330 ލައިޓު ހަރުކުރާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަނީ ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކް ކޯ ލިމިޓެޑް އާ ގުޅިގެން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ އާ ބައްތި ހަރުކޮށް މަގުބައްތި އިތުރު ކުރުމުގެ ޕްލޭން ފަރުމާ ކޮށްފައިވަނީ ވަކި ހަމަތަކަކަށް ބަލައިގެން ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުތަކުގައި ލައިޓް ޕޯސްޓް ޖެހުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިވަގުތު ހުރި ގަސް ތަކާއި ދިމާވާތީ، އެގަސްތައް ނެގުމަށް ފަހު އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީ އިން ބުނީ އެގޮތަށް ނަގާ ގަސްތައް ނެގުމުގައި އީޕީއޭގެ ގަވައިދުތަކަށް އަމަލު ކުރާނެ ކަމަށެވެ.

އަދި ގަސްތަކަށް ގެއްލުން ނުލިބޭނެހެން، މަގުތައް އަނދިރި ނުވާނެހެން މަގު ބައްތި ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ގަސް ނަގަން ޖެހިއްޖެ ހާލަތެއްގައި ނަގާ ގަސްތައް ހުޅުމާލޭ ފޭސް ދޭތްގެ ބީޗް ސަރަހައްދުގައި އަދި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އަލުން އިންދާނެ ކަމަށެވެ.

މަގުބައްތި ހަރުކުރުމުގެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވަނީ މި އަހަރުގެ ޖޫން އެއްވަނަ ދުވަހާއި ހަމައަށެވެ. އެ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއް، ދޭތް އަދި ތިނެއްގައިވެސް މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް