އިންޑިއާގެ ބޯޑަރު ރަސްމީކޮށް ހުޅުވުން އަނެއްކާ ވެސް ފަސްކޮށްފި

އިންޑިއާގެ އެއާޕޯޓެއް--

އިންޑިއާގެ ބޯޑަރުތައް ހުޅުވައި އިންޓަނޭޝަނަލް ޝެޑިއުލްޑް ދަތުރުތަކަށް އެ ގައުމުގެ ބޯޑަރުތައް ހުޅުވާލުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

އެގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން ސޮއިކުރައްވައި ނެރުއްވި ސާކިޔުލާއެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެެ ޖޫން 26ގައި ނެރެފައިވާ ސާކިޔުލާގެ މުއްދަތު އިތުރުކޮށް 2021 ވަނަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް އެ ސާކިޔުލާ އަށް އަމަލު ކުރަން ނިންމާފައިވާ ކަމަށެވެ. މިއާ އެކު އިންޓަނޭޝަނަލް ޝެޑިއުލް ފަސިންޖާ ފްލައިޓުތަކަށް އިންޑިއާ އަށް ގޮސް އައިސްވުމުގެ ފުރުސަތު ލިބޭނީ އެ ގައުމުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

އެގޮތުން އިންޑިއާ އާއެކު އެއާ ބަބުލް އެގްރިމެންޓު ހަދާފައިވާ ގައުމުތަކަށް، އިންޑިއާ އަށް ފަސިންޖާ ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އޮންނާނެ އެވެ. މީގެ އިތުރުން ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ހުއްދަ ދޭ ހާއްސަ ފްލައިޓުތަކަށާއި އިންޓަނޭޝަނަލް ކާގޯ ފްލައިޓުތަކަށް އިންޑިއާ އަށް ގޮސް އައިސްވުމުގައި ހުރަހެއް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާ އިން އެއާ ބަބްލް އެގްރިމެންޓް ގާއިމްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި އަފްގާނިސްތާން، ބަހްރެއިން، ކެންޔާ، ކެނެޑާ، ފްރާންސް، ބޫޓާން، ޖަރުނަމު، އިރާގު، ޖަޕާން، އޮމާން އަދި ނެދަލެންޑްސްގެ އިތުރުން ގަތަރާއިޔޫއޭއީ، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެ އެވެ.

މި ގައުމުތަކާ އިންޑިއާ އާ ދެމެދު މިހާރު ވެސް ޝެޑިއުލް ދަތުރުތައް ބާއްވަ އެވެ.

comment ކޮމެންޓް