އާ އަހަރު އިދިކޮޅުން އެންމެ އިސްކަމެއް ދޭނީ ރައީސް ޔާމީން މިނިވަން ކުރަން

އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ފެށިގެން މިދާ 2021 ވަނަ އަހަރާއެކުގައިވެސް އެންމެ އިސްކަމެއް ދޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ބަޔާނެއްގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ފާއިތުވި އަހަރަކީވެސް ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގިނަ މަސައްކަތްތައް ކުރި އަހަރެއް ކަމަށެވެ. ރައީސް ޔާމީން އަށް ކޮށްފައިވަނީ އަނިޔާވެރި ހުކުމެއް ކަމަށް އިޝާރާތްކޮށް ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީން އަށް އިންސާފު ހޯދެއްވުމަށް ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީވެސް ކައުންސިލުން ބޮޑު އިސްކަމެއް ދީގެން ކުރާނެ މަސައްކަތެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާއެކެވެ.

އިތުރު ދައުވާގެ އަޑުއެހުން ކުރިއަށް ދާއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

comment ކޮމެންޓް