ތުރުކީއާއި އިނގިރޭސިވިލާތުގެ އެއްބަސްވުމަކީ ޔޫރަޕަށް ދިން ވަރުގަދަ ސިޔާސީ މެސެޖެއް

އެރުދުޣާން އާއި ބޮރިސް ޖޯންސަން

ތުރުކީއާއި އިނގިރޭސިވިލާތުން މިދިޔަ އަންގާރަދުވަހު ސޮއިކުރި މިނިވަން ވިޔަފާރީގެ ބޮޑު އެއްބަސްވުމަކީ އެދެގައުމުން ޔޫރަޕްގެ އިއްތިޙާދަށް ދިން ވަރުގަދަ ސިޔާސީ މެސެޖެއް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސިވިލާތާ އަދި ތުރުކީގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި ޝާއިޢުކޮށްފައިވާ ތަހްލީލީ ރިޕޯޓްތައް ބުނާގޮތުން މިފަދަ ބޮޑު އެއްބަސްވުމެއް އިނގިރޭސިވިލާތާއެކު ސޮއިކުރުމުގައި ތުރުކީން ޔޫރަޕަށްދޭ ވަރުގަދަ މެސެޖަކީ އެގައުމު ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިކުރުމަށް ދެކޮޅުހެދުމަކީ ތުރުކީއަށް އިގްތިސާދީ ފުރުސަތުތައް ގެއްލިގެންދާނެ ކަމެއްނޫން ކަމެވެ. އިނގިރޭސިވިލާތުން ޔޫރަޕަށް ދޭންބޭނުންވާ މެސެޖަކީ ބްރެކްސިޓް އަށްފަހު އިނގިރޭސިވިލާތް އިގްތިސާދީ ގޮތުން މިނިވަންވެފައިވާ ކަމާއި މިނިވަންކަމުގެ ބޭނުންހިފައިގެން އިނގިރޭސިވިލާތަށް މާ ފައިދާބޮޑު އެއްބަސްވުންތައް ދުނިޔޭގެ ގައުމުތަކާއެކު ހެދޭނެކަމުގެ މެސެޖެވެ.

ތުރުކީއާއި އިނގިރޭސިވިލާތުން މިދިޔަ އަންގާރަދުވަހު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ 25.18 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ. މިއެއްބަސްވުން ބިނާވެފައިވަނީ ވެހިކަލް ތަކުގެ ވިޔަފާރިއާއި ސްޓީލްގެ ސިނާއަތާއި ރީއެކްސްޕޯޓް ކުރުމާއި ކާބޯތަކެއްޗާއި، ޓެކްސްޓައިލް އާއި ޕެޓްރޯކެމިކަލްސް ގެ އުފެއްދުންތަކާއި ޓްރޯނިކްސް އުފެއްދުންތަކުގެ އިންޕޯޓް އެކްސްޕޯޓްގެ މައްޗަށެވެ.

ތުރުކީއަށް މެންބަރުކަން ދިނުމަށް ޔޫރަޕްގެ އިއްތިޙާދުން ދެކޮޅުހަދަމުންގެންދާތާ 30 ވަރަކަށް އަހަރުވެފައިވާއިރު އެއިއްތިޙާދުގެ މެންބަރުކަން ލިބޭނެކަމަށް ތުރުކީ ކުރިއުންމީދުތައްވަނީ ގެއްލިގެން ގޮސްފައެވެ. ތުރުކީއަކީ އެއްބައި ޔޫރަޕްގެ ބައްރުގައި އަނެއްބައި އޭޝިއާގެ ބައްރުގައި އޮންނަ ގައުމެކެވެ.

ތުރުކީއަށްވުރެ އިގްތިސާދީ ގޮތުންނާއި އިންފްރާސްޓްރަކްޗާ ގެ ގޮތުން މާބޮޑަށް ބަލިކަށި ގައުމުތައް ކަމަށްވާ ގްރީސްއާއި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ފަސޭހައިން ލިބިފައިވާއިރު ތުރުކީއަށް މެންބަރުކަން ދިނުމަށް ޔޫރަޕްގެ ނުފޫޒުގަދަ ގައުމުތަށް ކަމަށްވާ ޖަރުމަނާއި ފަރަންސޭސިވިލާތްފަދަ ގައުމުތައް ދެކޮޅު ހަދަނީ ޔޫރަޕްގެ އިއްތިޙާދަކީ ނަސާރާ ގައުމުތަކުގެ އިއްތިޙާދަކަށްވެފައި ތުރުކީއަކީ އިސްލާމީ ގައުމަކަށްވާތީ ކަމަށް ތުރުކީގެ ގިނަބަޔަކު ދެކެއެވެ. މިކަން ދޭހަވާފަދަ ބަޔާންތައް ޖަރުމަނާއި ފަރަންސޭސިވިލާތުގެ ލީޑަރުން ދެއްވާފައިވެސް ވެއެވެ. ތުރުކީގެ އަމާޒު މިހާރު ހުރީ ޔޫރަޕްގެ އިއްތިޙާދުގެ ބަދަލުގައި އޭޝިއާގެ ގައުމުތަކާ ދިމާއަށެވެ. ޗައިނާއާއި އިންޑިއާއާއި ޖަޕާންފަދަ އޭޝިއާގެ އިގްތިސާދުތަކާ ދިމާއަށެވެ.

ތުރުކީއަކީ މިހާރު ވަރަށް އުފެއްދުންތެރި ގައުމެކެވެ. ދެކުނު ކޮރެޔާ ސިނާއީ ގައުމަކަށް ބަދަލުވި ގޮތަށް ބާރު ސްޕީޑެއްގައި ސިނާއީ ގައުމަކަށް ބަދަލުވަމުންދާ ގައުމެކެވެ. ތުރުކީއާއެކު މިނިވަން ވިޔަފާރީގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކުރަން އިނގިރޭސިވިލާތުން ބޭނުންވި އެއްސަބަބަކީ ވެސް މިއެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ބޭރުވުމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި އޭނާގެ ބައިވެރިން ބޭނުންވެ އެކަން އެބޭފުޅުން ކާމިޔާބު ކުރައްވާފައިވާއިރު އިނގިރޭސިވިލާތަކީ މިހާރު ދުނިޔޭގެ އިގްތިސާދީ އެއްވެސް ޖަމާއަތެއްގައި ނުހިމެނޭ އެކަހެރި ގައުމެކެވެ.

ތުރުކީއެކޭ އެއްގޮތަށް ދުނިޔޭގެ ގިނަ ގައުމުތައް މިހާރު ބޭނުންވަނީ އިގްތިސާދީ ބޮޑެތި ޖަމާއަތްތަކުގައި ބައިވެރިވުމަށެވެ. ނަމަވެސް ބޮރިސް ޖޯންސަންއާއި އޭނާފަދަ ޕޮޕިއުލިސްޓް ފިކުރު ގެންގުޅޭ އިނގިރޭސި ބައެއް ލީޑަރުން ބޭނުންވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުގެ މެންބަރުކަމުން ވަކިވުމަށެވެ. އެ އިއްތިހާދުގެ މެންބަރުކަމުގައި އޮތުމަކީ އިނގިރޭސިވިލާތުގެ އަމިއްލަ ވަންތަކަމާއި ޒާތީ ޝަޚްސިއްޔަތު ގެއްލި ފައިދާއަށްވުރެ ބޮޑަށް ގެއްލުންލިބޭ ކަމެއްކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.

އިނގިރޭސިވިލާތް މިހާރު ޔޫރަޕްގެ އިއްތިޙާދުން ރަސްމީ ސިފައެއްގައި ވަކިވެފައިވާއިރު ބޮރިސް ޖޯންސަންއާއި އޭނާގެ ބައިވެރިން އެކަން ދެކެނީ އިނގިރޭސިވިލާތަށް މިނިވަންކަން ލިބުން ފަދަ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ތިންކްޓޭންކުން ދެކެނީ ޖޯންސަންއާއި އޭނާގެ ބައިވެރިންގެ އަސަރުގައި ރައްޔިތުންޖެހި އިނގިރޭސިވިލާތް މިއެޅި ފިޔަވަޅަކީ ވަރަށް ބޮޑަށް ފަހަތަށްއެޅި ފިޔަވަޅެއް ކަމުގައެވެ. މޮޔަ ފިޔަވަޅެއްގެ ކަމުގައެވެ.

މިކަމުގެ ގެއްލުން ދެތިން އަހަރެއްގެ ތެރޭގައި ވަރަށް ވޭންދެނިވި ގޮތެއްގައި އިނގިރޭސި އިގްތިސާދަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދައްކާނެކަމަށާ އިނގިރޭސީންގެ އިސްތިއުމާރީ ޒަމާނުގައި ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި އިނގިރޭސިވިލާތް އޮތް ދުވަސްވަރު އަދާކުރި ދައުރު އަދާކުރެވޭފަދަ ހަކަތަ (އިންޑިއާއަށްވުރެވެސް އިގްތިސާދީ ގޮތުން ބަލިކަށި) އިނގިރޭސިވިލާތުގައި މިހާރު ނެތް ކަމުގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް