މެގްނޯލިއާ 9

މާތްﷲ ސުބުހާނަހޫ ވަތައާލާ ގުރުއާނުގެ ޒުމަރު ސޫރަތުގެ ސާޅީސް އެއްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ (إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ ) މާނައަކީ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި حق ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ."

***

"އޯމައިގޯޑް. އޭނަ ލޭ ބޮނީ..ގަޒަލް ބުނީ ހަމަ ތެދެއް. އެއީ އިންސާނެއް ނޫން..." ރެއިނާ ވައި އަޑަކުން ބުނެލިއެވެ. އަދި ފިނިވެ ގަނޑުފެންކޮޅެއްހެން ވެފައިވާ އަތުން ގަޒަލްގެ އަތުގައި ބާރަކަށް ހިފަހައްޓައިލިއެވެ.

"އަހަރެން ބުނީމެއްނު އެއީ ސުޕަނެޗުރަލް އެއްޗެކޭ. ޖިންނި އެއް ނޫނީ ފުރޭތައެއް. ޔަގީންވާ ކަމަކީ އިންސާނެއް ނޫންކަން. މަންމަމެން ގަބޫލުކުރާނެ ނަމަ..." ރެއިނާ އަވަސް އަވަހަށް ގަޒަލް އިން ގޮނޑި ދުއްވަމުންގޮސް މިލާންއަށް ނުފެންނަ ހިސާބަށް ގޮސްފައި ފުން ނޭވައެއްދޫކޮށްލިއެވެ.

"ކީއްވެގެންނޯ އޭނަ އެޓިކަށް ލާފައި އެހެރީ. އޭނައާއިމެދު ޝައްކު ކުރެވޭތީނު.." ރެއިނާ ގާފޮޅުމަތީ އިށީދެ ހަށިގަނޑުގައި ދެއަތުން ވަށައިލިއެވެ. ފިނިވައި ޖެހުމުން ހީކަރުވައިގެން ހަލާކުވަނީ އޭނަގެ ފެޓްސެލް ތައް މަދުވީމަކަމުގައި ދެކުނެވެ.

"އެހެނެއްނޫން. އާންޓްގެ ދަރިފުޅު މީހަކު މަރައިލީ..އެކަހަލަ ޑެވިލްއެއް ވީމަ މީހަކު މަރައިލަން ކެރޭނީ. ސޯ ޑެވިލްވެސް އެކަހަލަ މީހެއް ވިއްޔާ ޕޮސެސްކުރާނެ. އޭނަ ގައިތެރެއަށް ޝައިތޯނާ ވަދެ އެކަންތައް ކުރުވާކަމަށް އަހަރެން ދެކެނީ. މަންމަމެން ހީކޮށްފާނެ މިލާން ސައިކޯއަކަށް ވީމަ ކިލަރ އަކަށް ވީއޯ. އެނީވޭސް އޭނަ ފެނުނަސް ގައިން ހުޅު ރޯވޭ." ގަޒަލްގެ ކޮންމެ ލަފުޒެއްގައި ނަފްރަތުގެ އަސަރެވެ. އޭނަ ގޮނޑީގެ އަތް ގަނޑުގައި ދެއަތުން ތަޅައިގަތެވެ.

"އެހެންވިއްޔާ ހިތަށް އަރަނީ ގަޒަލް ތި ގޮނޑީގައި އިންކަމީ މިލާންގެ ނަސީބޭ..."

"ރެއިނާ ނާހާނަންތަ؟ " ގަޒަލްގެ ރީތި ދެލޮލާއި ރެއިނާގެ ބޮޑު ދެލޯ ގުޅުނެވެ.

"ކޯންޗެއް؟ "

"މިލާން މަރައިލީ ކާކުހެއްޔޭ؟ " ގަޒަލް އެހިއެވެ.

"އަހަން ބޭނުން. އެކަމަކު ގަޒަލް ބުނަންދެން ހަމަ މިހިރީ. އެއީ ކާކުތަ؟ " ރެއިނާއަށް ހިތްވަރު ލިބުނެވެ.

"އަހަރެންގެ ޓްވިން ގުޒް..... ގުޒްލާން......"

"ވަ.....ވަޓް؟ " ރެއިނާއަށް ފުންމައިގެން ތެދުވެވުނުގޮތަށް ބޮޑު ދެލޯ ކުރިއަށްވުރެ ބޮޑުކޮށްލެވުނެވެ.

ގަޒަލް މިލާންއަށް އެގޭގެ އެޓިކްއިން ޖާގަ ލިބުނު ގޮތް ބަޔާންކޮށް ދިނުމުން ރެއިނާ ބޯ ހޫރައިލިއެވެ. ނަމަވެސް ގުޒްލާންގެ މަރުގެ ތަފްސީލް ކިޔާދޭނެ ހިތްވަރެއް ނުލިބުނީކަން ނޭގެއެވެ. އެވާހަކަ ދައްކަން ގަޒަލް އުޒުރުވެރިވިއެވެ.

"އެންމެނަށް ތި ޑިޒިޝަން ނަގަން އުދަގޫވާނެވަރު ފީލްވެއްޖެ. ލޯބިވާ ގާތް މީހެއްގެ ގާތިލަކަށް އެބަޔެއްގެ ހިޔާވަހިކަން ދިނުމަކީ ބުއްދި ގަބޫލުކުރާ ޒާތުގެ ކަމެއްނޫން. އަޖައިބުކުރުވަނިވި ވަސިއްޔަތެއް. ގަޒަލްގެ ބޭބެ ބުނިފަދައިން ކާފަ ނިޔާވިއިރު ބުއްދި އެހާ ރަގަޅުނުވެ ހިނގައިދާނެއެއް ނު. ދުނިޔޭގައި ހުރިއިރު އެފަދަ ވަސިއްޔަތެއްނުކޮށް އެދުވަހު ކުރަން ޖެހުނީ ކީއްވެބާވައޭ ހިތަށް އަރަނީ. ސުބުހާނަﷲ. ހަމަ ސްޕީޗްލެސް..." ރެއިނާ އަނގަޔަށް ގޮތެއް ހެދިއެވެ.

"ދުނިޔޭގައި ހުރިއިރު ކާފަމެން އޭނަދެކެ ލޯބިވެ ކާފަމެންނަށް ލިބުނުހާ ފައިސާއަކާއި ގެދޮރުވެސް ދިނީ. އެގެވެސް މިލާންއަށް ދިނީ. ރެއިނާއަށް އަހަރެމެން މިއީ މުއްސަދި ބަޔެކޭ ހިތަށް އަރާފާނެ. ގެ ބޮޑުވެފައި ކިތަންމެ އަރާމަސް އަހަރެމެންނަކީ އެހާ މުއްސަދި ބަޔެއްނޫން. މަންމައާއި ބައްޕަ ޖޮބަށްގޮސް ލިބޭ ފައިސާއިން މިހާވަރަށް އުޅެވެނީ. ބޭބެމެން ގެ މުސާރައިން ބައްޕަމެން އަތުނުލާ. އެކަމަކު ބައްޕަ ފަރާތު ފެމިލީއަކީ އެންމެ ބޮޑެތި މަހުޖަނުން. އެމީހުންގެ އެތައް އެސްޓޭޓަކާއި ބިންތަކާއި ކުންފުނިތައް އަދި މިލްކިއްޔާތުގައި ބިލިއަނުން ޑޮލަރު ހުއްޓަސް ބައްޕަ އަށް އެ ނަސީބެއް ނުލިބުނު، ބައްޕައާއި އެ ފެމިލީގެ އޮތް މައްސަލަތައް ބޮޑުވެ ފެމިލީ ދޫކޮށް ބައްޕަ ކެނެޑާއަށް ހިޖުރަ ކުރީ. ދެން ހުރީ މަންމަ ފަރާތު އާއިލާ. އެއީވެސް އެހާ ފޯރުންތެރިކަން ހުރި އާއިލާއެއް ނޫން. ކާފަމެންގެ ގެ މިލާންްއަށް ދިނީމަ އާންޓްވެސް އެކަމާއި ހިތްހަމަނުޖެހިގެން އުޅުނު. އާންޓް ކުޑައިރުއްސުރެ ޕްރިންސެސްއަކަށް ނުވެގެން މުއްސަދި ދިރިއުޅުމެއްގައި ނޫޅެވިގެން އުޅުނީ. ފައިނަލީ އާންޓް ބޭނުންވާފަދަ ލައިފެއް ލިބެން އެބައުޅޭ. އައިމް ހެޕީ ފޯ ހާ...." ގަޒަލް މަޑުމަޑުންގޮސް އާއިލާގެ ވާހަކަތައް ހިއްސާކުރަން ފެށުމުން ރެއިނާގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ.

އޭނައަށް ގަޒަލްގެ އެކުވެރިކަން ލިބުނީހެއްޔެވެ؟ އެކުވެރިއެއްކަމަށް ނުދެކޭނަމަ އެހުރިހާ ވާހަކަތައް ހިއްސާކުރާނެއޭ ރެއިނާގެ ހިތެއް ނުބުނެއެވެ.

***

އާދައިގެ މަތިން ރޭގަނޑު ކާން ފަށާފައި މިރޭ ސަބީނާ ރެއިނާއަށް ގޮވާ ގެނައެވެ. އެކީ ކާން ދައުވަތު ލިބުމުން ލަދުން މަރުވާވަރުވިއެވެ. ސަބަބަކަށްވީ ކައިޔާންއާއި އެއް މަޖުލީހެއްގައި ކާން ޖެހުމެވެ. ސަބީނާގެ ހެޔޮކަމުން ރެއިނާއަށް އެދިން ޝަރަފު އޭނަ ހިތުން ގަބޫލުކުރިއެވެ. ނޫނެކޭ ނުބުނީ ކޮންމެހެން ޝަރަފު ލިބިގެނެއް ނޫނެވެ. ކައިޔާން ކިތަންމެ ސިއްރު ކުރިޔަސް އޭނަގެ އަންހެނުން ކަމަށް ވާއިރު އެ ހައްގު އޮތްކަމަށް ގަބޫލު ކުރެވުނީއެވެ. ކައިޔާންއާއި ދިމާލަށް ބަލާ ނުލިޔަސް އޭނަ އެތާ އިން ކަމަށްޓަކާ ރެއިނާ "ކްލަމްޒީ"ކަމުން އެންމެންގެ ސަމާލުކަން ލިބުނެވެ. އުލާއި އެއްޗެހި ބޭނުންކޮށް ކެއުމަށް އޭނައަށް ފަސޭހައެއް ނޫނެވެ. ސްޓޭކް ކާން އުޅުމުން އޭތިކޮޅު ވިއްސައިގެންގޮސް ޖެހުނީ ސަބީނާގެ އުނގުގައެވެ. ތަށްޓަށް ސޯސް އަޅާފައި ހެދުނު ގޮތަކުން ބުރަބުރައިގެން ދިޔައެވެ. ޖޫސްތަށި ވެރުނެވެ. ރެއިނާ ލަދުން މަރުވިޔަސް އޭނަ އެހެން މީހުންނާއި ބައިވެގެން ހުނެވެ. ކެއުމަށްފަހު އެ އާއިލާއިން ޓީވީ ބަލާ ގަޑީގައި އެތާ އިންނަންވެސް މިރޭ ގަޒަލް ދައުވަތު ދިނެވެ. މިއީ އާއިލާގެ ކޮންމެ ރެއެއްގެ އާދައެއްކަން ރެއިނާ ދަނެއެވެ. ކައިގެން އެކީ ޓީވީ ބެލުމަށްފަހު ތާސްކުޅުން ނޫނީ ޕަޒްލްފަދަ އެއްޗެއް ހެދުން މަޖާ ނޫނީ ބިރުވެރި ވާހަކަތައް ކިޔުމުގައި ވަގުތު އެކީ ހޭދަކުރުމެވެ. ނޭގި ނަމަވެސް މި އާއިލާގެ ޙާއްސަ ވަގުތެއްގައި ބައިވެރި ކުރެވި އޭނަ ބަލައިގަނެވުނީއެވެ.

"ކައި ގަބޫލުކުރިޔަސް ނުކުރިޔަސް އަހަންނަކީ ހަމަ މިގޭ ޅީ ދަރިއެއް..ކައިޔާން ހަދާން ނައްތާލިޔަސް އަދިވެސް މިއީ ހަމަ ޔޯ ވައިފް. ކިތަންމެ ނިކަމެތި ވިޔަސް މެއިޑަކަށްވިޔަސް އެ ޝަރަފް ލިބިއްޖެ. ވަރި ކުރަންދެން............." ރެއިނާ އަމިއްލަ ނަފުސަށް ބުނެލިއެވެ. ވަރި އެ ލަފުޒު ހިތަށް އެރުމުން ހިތް ހުއްޓުނުފަދަ ނުބައި އިހުސާސެއް ކުރެވުނެވެ.

ރެއިނާގެ ލޯ ޓީވީ ސްކްރީނަށް ހުއްޓިފައި ވިޔަސް ހިތް އެހެން ދިމާލެއްގައި ބުރު ޖަހަމުން ދިޔައެވެ. ސިއްރުން ކައިޔާންއާއި ދިމާލަށް ބަލައިލެވުނެވެ. އޮރެންޖް ކުލައިގެ ސްވެޓަރަކާއި ނޫ ޖިންސެއްގައި އޭނަ ފެންނަލެއް ހާދަ ސްމާޓެވެ. އިސްތަށިގަނޑު މައްޗަށް ފުނާ އަޅާފައެވެ. ތަނަވަސް ނިތުކުރިއާއި ގަދަ ބުމަ އަދި ދެލޮލުގެ ރީތިކަމުން ރެއިނާގެ ނޭވާވެސް ހުއްޓުނެވެ. ފިލްމުތަކުން ފެންނަ ތަރިއެކޭ ތަފާތެއް ނެތެވެ. ލޮލުން ކަރުނަ ހިލޭގޮތްވީ ކައިޔާން ބުނެލާފައިވާ ބަސްތައް ޓަނެއްގެ ބުރަދަނާއެކު ހިތުގައި ޖެހިގަނެ ތަދުކުރުވަން ފެށީމައެވެ. ދެވަނަ ފަހަރަށް ބަލައިލައިފިއްޔާ ހިތް ފަޅައިގެން ހިގައިދާނެއެވެ. ބެލުން މަނާ އެއްޗަކަށް ބެލުނު ކަހަލަ އިހުސާސެއްވީ އަދި ކައިޔާންގެ ސީރިޔަސް އިންޒާރުގެ ނަޒަރު އޭނައަށް ހުއްޓުނުތަން ފެނިފައެވެ. ފަޅި ސިކުންތުކޮޅެއްވެސް ނުވާނެއެވެ. އެ ހިނދުކޮޅު ބަސްމޮށުމަކާ ނުލާވެސް އޭނައަށް އިންޒާރުކޮށްފިއެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އެތަނުން ދުވެ ފިލަން ބޭނުންވިއެވެ. އިސްޖެހުނެވެ.

ރެއިނާ އޭނަގެ މަގާމު ހަދާންކޮށްދީގެން ދުރު ބަލައިލިއެވެ. ދެވަނަ ފަހަރަށް ޓީވީއިން ނަޒަރު ވަކިކޮށެއް ނުލައެވެ.

ޓީވީ ބަލާ ނިމިގެން ޗެސްކުޅުނެވެ. ރެއިނާ ބައިވެރި ކުރާން އުޅުމުންވެސް ނޭގެއޭ ކިޔާފައި އޭނަ މަނާވެގަތެވެ.

ބީރައްޓެހި ކުއްޖެއް ފަދައިން ކަނުގައި ހުރި ސޯފާގައި ހިރިލާން ނުކެރި އާއިލާގެ އެހެން މީހުން އުފާކުރާތަން ދެކެން އިނެވެ.

ހިތުގައި ހަސަދައިގެ ކުޑަ ކަށްޓެއް ހެރިއްޖެއެވެ.

އެފަދަ އުފަލެއް އޭނައަށް ނުދެއްވަނީ ކީއްވެތޯ ޝަކުވާ ކުރެވުނެވެ. އެފަދަ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ބަޔަކު އޭނައަށް މިންވަރު ނުކުރެއްވީ ކީއްވެބާވައެވެ. ގަޒަލް ހާދަ ނަސީބުވެރިއެވެ.

އެރޭވެސް ސަބީނާ ގަޒަލް ނިދަން ތައްޔާރުކުރުމުން އިއާން ގަޒަލް އެނދަށް ލާ ދިނެވެ. ސަބީނާ ރަޖާ އަޅާދީފައި ރޭގަނޑުގެ ސަލާމްކުރުމަށްފަހު ނުކުތުމުން ވެފައި ހުރު ވަރުބަލިކަމާއެކު ހީފިލުވައިލަން ރަޖާގެ ހިމާޔަތް ހޯދަން ހިތް އެދުނެވެ. ގަޑިއެއްހާއިރުފަހުން ހޭލެވުނީ ގަޒަލްގެ ތޫނު ހަޅޭކުގެ އަޑަށެވެ. ރެއިނާ އަވަހަށް ބޮކި ދިއްލައިލިއިރު އަތުގައި ހުރީ ވަކި އަޅާފައި ހުރި ތަންކޮޅެކެވެ.

"އޭނަ ވަކި އެޅީ..." ގަޒަލް ބުނެލިއެވެ.

"ކާކުތަ؟ " ރެއިނާގެ ހިތް ޑަންޑަން ލާފައި ތެޅެނީއެވެ.

"މިލާން....އެމިލާން ގަނޑު ދޮރު ހުޅުވާލާފައި ވަދެގެން އައީ...." ގަޒަލް ގެ ލޮލުން ކަރުނަ އޮހިގަތެވެ.

ރެއިނާ ޗެކްކުރިއިރު ދޮރު ހުރީ ތަޅުލާފައެވެ.

"ރެއިނާ. އަހަރެން ރުޅިނާރުވާ... އޭނަ އަތުގައި އޮތް ތަޅުދަނޑިން ތަޅުލާފައި އެދިޔައީ...." ގަޒަލް ރެއިނާއާއި ދިމާލަށް ކަޅިއަޅައިގެންފާ ސައިޑްޓޭބަލް މަތީ އޮތް ފޮތެއްވެސް އޭނައާއި ދިމާލަށް ހޫރުވާލައިފިއެވެ. ގަޒަލް އިސްތަށިގަނޑު ހާވާލައިގެން އެގޮތަށް ރުޅިގަދަވެ ލޯ އަޅައިގެން އިނުމުން ރެއިނާއަށް ހީކުރެވުނީ ގަޒަލްއާވެސް އެ ބުނާ ޝައިތާނަކު އަވަލީކަމަށެވެ. އެވަގުތު ސަބީނާއާއި ސުފްޔާން ދޮރު ހުޅުވާލާފައި ވަދެ ސުވާލުކުރަން ފެށިއެވެ. އެމީހުންނަށް ހަޅޭކުގެ އަޑު އިވިފައި އަރާމު ތަންމަތި ދޫކޮށް ދަރިފުޅުގެ ގާތަށް ވަގުތުން އައީއެވެ. ގަޒަލް މިލާންގެ ނަމެއް ނުބުނެ ބިރުވެރި އެއްޗެއް އަތުގައި ވަކި އަޅައިގަތީކަމުގައި ބުނެ ވައަތް ދައްކާލައިފިއެވެ. ސުފިޔާން ދަރިފުޅުގެ ނިތުގައި ބޮސްދިނެވެ.

"ރެއިނާ ކޮޓަރިއަށް ނިދަން ދާންވީނު....." ސަބީނާ އެދުނެވެ. އެއާއެކު ގަޒަލްގެ ގައިގާ ބައްދައިލިއެވެ. "މަންމަ މިރޭ މިކޮޓަރީގައި ނިދާނީ. އޭރަށް އެ ޑީމަންއަކަށް ނާދެވޭނެ..."

"އަހަންނަށް އެނގޭ. މަންމަމެން ޖިންނިން އުޅޭކަމަކަށް ގަބޫލެއް ނުކުރޭ. އެކަމަކު ގޫގުލްކުރިއިރު ސްލީޕް ޕެރެލެސިސްއާއި ބެހޭގޮތުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ހަމަ ގަބޫލުކުރާ ހަގީގަތެއް ވޭ. އެންމެން އެކި ތަންތާ އެ ޖިންނިއަށް ތަފާތު ނަން ދީފައިވޭ، ސައިންޓިސްޓުން ސްލީޕް ޕެރެލެސިސް ކިޔާ ނަމެއް ހެދިޔަސް މިއީ ހަމަ ރޫހާނީ ކަމެއް. އަޅުގަނޑު އަތުގައި މިހުރީ ވަކި އަޅާފައި. ބައްޕާ. ކިހިނެއް މިކަންތައް އެކްސްޕްލެއިން ކުރާނީ....." ގަޒަލް މަގަތުގައި އިށީދެލައިގެން އިން ބައްޕައަށް އަތް ދައްކައިލީ ދެވަނަ ފަހަރަށެވެ. "މިއީ ހެކި.....އޭތި ވަކި އެޅީ...."

"ދަރިފުޅު ތިހެން ބުނެފިއްޔާ....." ސުފިޔާން ޖުމްލަ މެދު ކަނޑައިލިއެވެ.

"ބައްޕަ ހީކުރައްވާނީ ޑްރީމަކުން ކަމަށް. ނައިޓްމެއާއެއް ފެނުނީކަމަށް. ކޮންމެވެސް ތަނެއްގައި ޖެހި އަނިޔާވެފައި ހުރި ތަންކޮޅެއްކަމަށް. އެންމެ ކުރިން އިވުނީ ފިޔަވަޅުތަކުގެ އަޑު. އަޅުގަނޑު ހަމަ ރީތިކޮށް ބަލަން އޮތްވާ ދޮރު ހުޅުވައިލީ. ބައްޕާ. ގަބޫލުކުރައްވާ. މިގޭގައި ރޫހާނީ ކަމެއް އެބައުޅޭ...." ގަޒަލް ކިޔާދިނަސް ބައްޕަމެން އެހާވަރަށް ގަބޫލުނުކުރާނެކަން އޭނައަށް އެނގެއެވެ. ކޮންމެ ކަމެއް ނަފްސާނީ ސަބަބަކާއި ގުޅުވައިލެވެނީއެވެ. ސިކުނޑިއަށް ފެންނަ މަންޒަރުތައް ކަމުގައި ދެކެވެނީއެވެ. އޭތީގެ ގޯނާތައް އެހެން މީހުންނަށް އަމާޒުނުވެ އޭނައާއި ދިމާކޮށްލައިގެން އުޅޭ ސަބަބެއް ނޭގުނެވެ. ނަމަވެސް އޭނައާއި އަޅައިގަނެގެން އުޅޭ މަޚުލޫގަކު ގަޔަށް އަތް ފޯރުކުރާ ހިސާބަށް ހިގައްޖެއެވެ. އަތުގައި މިހިރީ އަނިޔާގެ ނިޝާންތަކެވެ.

***

ރެއިނާ ހުރީ ކައިޔާންއާއި އެކަނިވެލާނެ ފުރުސަތަކަށް ބަލަބަލައެވެ. ހެދުނު ނާސްތާ ނިމުމުން ތަށިތައް ނަގާފައި ހެދުންތައް ދޮންނަންވެސް އޭނަ އެހީތެރިވިއެވެ. ގޭތެރެ ސާފުކުރުމުގައި އުޅުނެވެ. އޭރު ސުފިޔާން ސަބީނާ އަދި ދެފިރިހެންކުދިން ވަޒީފާތަކަށް ދާން ކާރުގައި ނުކުމެއްޖެއެވެ. ކައިޔާން ކޮޓަރިން ނުކުތުމުން ރެއިނާ ފިނިވިއެވެ. ޗޮކްލެޓްކުލައިގެ ސްވެޓަރެއްފަދަ ބޯ ހެދުމަކާއިއެކު ޖިންސްލައިގެން ކަރުގައި ސްކާފް އޮޅާލައިގެން ހުރުމުން ހާދަ ހިތްގައިމެވެ.

"ބޭނުން ވާހަކައެއް ބުނެލަން..އެންމެ މިނިޓެއް ދެވިދާނެތަ" ރެއިނާ ކަރުކެހިލިއެވެ.

"އަހަރެން ބުނީމެއްނު ވާހަކަ ނުދައްކާށޭ. މަށަށް ފެންނަ ހިސާބަށް ނާންނާށޭ." ކައިޔާންގެ ނަޒަރުގައި ހުރި ބީރައްޓެހިކަމުން ރެއިނާގެ ހިތަށް ނުބައި އަސަރެއްކޮށް ފާރަށް ލެނގިލެވިއްޖެއެވެ.

"ކައިޔާންއަށް އެނގެން ޖެހޭ ވާހަކައެއް ވީމަ ބުނަން އެބަޖެހޭ. ހަޔާތުން އެ ޗެޕްޓާ ފޮހެލަން ބޭނުންވިޔަސް އެ ދުވަސްތަކެއް ނުފޮހެވޭނެ. އެވަރުގެ މެމޮރީއެއް ދޫކޮށްފައި ކައިޔަން ދިޔައީ...." ރެއިނާގެ ލޮލުގައި ކަރުނަތައް ވިދަންފެށުމުން އިސްޖެހުނެވެ. ކައިޔާންގެ ކުރިމަތީގައި ރޮއިގެން އެހިތަށް އަސަރުނުކުރާނެކަން ޔަގީންވެއެވެ. ހަމްދަރުދީއެއް ނުލިބެންޏާ ރުއިމުގެ މާނައެއްވެސް ނެތެވެ. ނަމަވެސް ކަރުނައަށް ބާރު ނުފޯރުނީއެވެ. ކައިޔާންގެ ކުރިމަތީގައި ކަރުނަ އޮއްސަން އޭނަގެ ބަސްނާހާ ހިތް މަޖުބޫރުކުރުވައިފިއެވެ.

ކައިޔާން ރެއިނާގެ ކޮލުގައި ހިފާ ފިތައިލިއެވެ.

"މި ބުނަނީނު ދެވަނަ ފަހަރަށް އަހަންނާއި ދިމާލަށް ބަލައިގެންވެސް ނުވާނެއޭ. އެއީ ފެނުނު ހުވަފެނެއް...ހަދާން ނައްތާލާ......"

މީހަކު ހިތް ހަރުވާނީ އެވަރަށް ނޫންހެއްޔެވެ؟ އޭނައަކީވެސް އަންހެންކުއްޖެކެވެ. އޮތީ މަހާއި ލެއިން ހައްދަވާފައިވާ ހިތެކެވެ. އެހިތުގައި ވިންދުޖަހައެވެ. އޭނަ ނިކަމެތި ކުއްޖަކަށްވީމަ އެންމެން އެހާ ނަފްރަތުކުރުމަކީ އިންސާފެއް ހެއްޔެވެ؟ ކައިޔާންގެ އަތް ޖެހުމުން ހީކަރުވައިލިގޮތަށް ހީބިހިވެސް ނެގިއެވެ. އެހާ ގާތުން ލޯ ފެނުމުން އަދި ހުއްޓުން އަރާފައި ހުރެވުނީއެވެ. ކުއްލިއަކަށް ރެއިނާގެ ހިތާމަތައް އެއްފަރަތްކޮށްލާފައި އޭނަވެސް ކައިޔާންއާއި ދިމާލަށް އެއްޗެކޭ ބުނެލަން ބޭނުންވިއެވެ. އޭނަ އަތުން ދެން ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތެވެ. ލިބުނު އަގުބޮޑު ހަދިޔާ އަތުން ބީވެއްޖެއެވެ.

"ލޯ ހުރެއްޖެއްޔާ ފެންނާނެ. އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ނުބަލާ ދެން ކާކަށްތަ ބަލަންވީ؟ "

ނުނިމޭ

comment ކޮމެންޓް