އިންޑިއާއިން ރާއްޖެއަށް ބީސީޖީ ވެކްސިން ދިނީ ސްޓޮކް ހަމަވުމުން އަނބުރާ ދޭ ގޮތަށް

ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދޭ ބީސީޖީ ވެކްސިން --

ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދޭ ބީސީޖީ ވެކްސިން އިންޑިއާއިން ރާއްޖެއަށް ދިނީ، ރާއްޖޭގެ ސްޓޮކް ހަމަވުމުން އަނބުރާ އިންޑިއާއަށް ދޭ ގޮތަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ވަނީ ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ރާއްޖެއަށް 2400 ވައިލްގެ ބީސީޖީ ވެކްސިން ފޮނުވާފަ އެވެ.

ރާއްޖެއިން އެ ވެކްސިން ހޯދީ ރާއްޖޭގައި އެ ވެކްސިންގެ ސްޓޮކް އެކަށީގެންވާ ވަރަށް ނެތުމުން ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމަށް ދަތިވުމުންނެވެ.

އެ ވެކްސިން ފޯރުކޮށްދިނީ ރާއްޖެއަށް އެ ވެކްސިންގެ އަލުން ލިބި، ސްޓޮކް ބޭނުންވާ ވަރަށް ހަމަވުމުން އިންޑިއާއިން ފޯރުކޮށްދިން އަދަދަށް އެ ވެކްސިން އަނބުރާ އިންޑިއާއަށް ދޭން ޖެހޭ ގޮތަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ބޭހުގެ ސްޓޮކް މަދުވުމުން އިންޑިއާއިން ސްޓޮކް ފޯރުކޮށްދީފައިވެ އެވެ.

comment ކޮމެންޓް