އިސްތިއުފާ ދެއްވައިފައިވާ ވަޒީރުންނަށް އަލުން ފަތްކޮޅު ދެއްވައިފި

17:00


އިސްތިއުފާ ދެއްވައިފައިވާ ވަޒީރުން އަލުން އެ މަގާމްތަކަށް ހަމަޖައްސަވައި އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ފަތްކޮޅު ދެއްވައިފި އެވެ.


މިއަދު ހަވީރު 4.30 ގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ހުވާލައިދެއްވީ، މަދަނީ ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛު ޢަލީ ސަމީރެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.


މި ފަހަރުގެ ކެބިނެޓުގައި ބަދަލު އައިސްފައި ވަނީ އެންމެ މަގާމަކަށެވެ. އެގޮތުން ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން އެންޑް ސިވިލް އޭވިއޭޝަންގެ މަގާމު ފުރުއްވި މަހްމޫދު ރާޒީ މިއަދު ހުވާކުރައްވާފައި ވަނީ މާ ކުރިއްސުރެ ހުސްވެފައިވާ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަގާމަށެވެ. އަދި ކޮމިއުނިކޭޝަން އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ ދެން ހިންގަމުން އަންނާނީ ކުރިން ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޓްރާންސްޕޯޓާއެކު ހިމަނައިގެން ވަކި ވުޒާރާއެއްގެ ގޮތުގައި ކަމަށާއި އެ މިނިސްޓްރީގެ ވަޒީރު ކަމަށް ގާބިލު ބޭފުޅަކު ހޯއްދެވުމަށްފަހު އައްޔަންކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.


އަލުން ހުވާ ކުރެއްވި މިނިސްޓަރުންނަށް ފަތްކޮޅު ދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭނީ ރުހުމެއް ކަމަށާއި އަދި އެއީ މަޖިލީހުގައި އެންމެ މެމްބަރަކު އިށީންނަވައިގެން ވޯޓް ދެއްވައިގެން ނިންމަވާ ގޮތަށް ވޯޓް ދެއްވައިގެން ނިންމަވާ ގޮތަކަށް ގާނޫނު އަސާސީގައި އޮންނަ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރިން ސިވިލް އޭވިއެޝަން މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި މަހުމޫދު ރާޒީ އިކޮނަމިކް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރެއްވުމާއި ގުޅިގެން ސިވިލް އޭވިއޭޝަން މިނިސްޓަރ ކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ވަރަށް އަވަހަށް އެކަށީގެންވާ ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު