އެމްޕީއެލްގެ ހިޔާ ފްލެޓުތައް ލިބޭ މުވައްޒަފުންގެ ދާއިމީ ލިސްޓު އިއުލާނުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލްއިން އަޅާ ފްލެޓުތައް: އެ މަޝްރޫއުގެ 63 ޕަސެންޓު މިހާރު ވަނީ ނިމިފައި -- ފޮޓޯ/ އެމްޕީއެލް

ހިޔާ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިމާރާތް ކުރާ ފްލެޓުތައް ލިބޭ އެ ކުންފުނީގެ މުވައްޒަފުންގެ ދާއިމީ ލިސްޓު މިއަދު އިއުލާނުކޮށްފި އެވެ.

އެމްޕީއެލްއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ތިން އިމާރާތް އަޅަ އެވެ. 566.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ އިމާރާތްތަކުގައި ހުންނަނީ އެއް ކޮޓަރީގެ 204 ފްލެޓާއި ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 330 ފްލެޓެވެ.

އެމްޕީއެލްއިން މިއަދު ބުނީ، އެ ކުންފުނީގެ ފްލެޓު ލިސްޓު މިއަދު ހުރިހާ މުވައްޒަފުންނަށް ފެންނަހެން އާންމުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގެ ހިޔާ ފްލެޓުތަކުގެ ކެޓަގަރީތަކާއި އަގުތައް --

ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓު ގަންނަން ތިން ގޮތެއް އޮވެ އެވެ. އެއީ އެކީ އެއްފަހަރާ ފައިސާ ދެއްކުން، ނުވަތަ އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުން، ނުވަތަ ބޭންކް ނޫނީ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ.

އެކީ އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކުން ތިން މަސް ތެރޭގައި ފައިސާ ދައްކަން ޖެހޭ އިރު ފްލެޓުގެ އަގުން ހަތް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެއް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން އަގުގެ 20 ޕަސެންޓު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. ބޭންކް ނޫނީ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖައްސަން ބޭނުންނަމަ ލިޔެކިޔުން ފުރިހަމަ ކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްގެ ފްލެޓުތައް ދިނުމަށް 2018ގައި ވަގުތީ ލިސްޓެއް އާންމު ކުރި އެވެ. ނަމަވެސް، މި ސަރުކާރުގައި އެ ލިސްޓު ބާތިލުކޮށް އަލުން އެކުލަވާލީ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ ޓަވަރުތަކުގެ ކުރެހުމެއް --- ފޮޓޯ/ އެމްޕީއެލް

އެމްޕީއެލްއިން މިއަދު ބުނީ، މި ސަރުކާރުގައި ހަވާލުވި މެނޭޖްމަންޓުން ފްލެޓުތައް ދިނުމުގައި ޕޮއިންޓު ދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައި، ހަމަހަމަ އުސޫލެއްގެ ދަށުން ފްލެޓުތައް ދިނުމަށްޓަކައި އޭރުގެ ވަގުތީ ލިސްޓު ކެންސަލްކޮށް އަލުން އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލި ކަމަށެވެ.

އަދި އެޕްލިކޭޝަން ހަވާލުކުރުމާއެކު ވަގުތުން ދޫކުރެވޭ ސްލިޕުގައި ލިބޭ މާކްސް ހިމެނިފައިވާ ކަމަށް ބުނެފައިވެ އެވެ. ވަގުތީ ލިސްޓު އިއުލާނުކުރުމަށްފަހު ޝަކުވާއަށް އެކަށީގެންވާ ވަގުތު ދީ، ހުށަހެޅުނު ޝަކުވާތައްވެސް ބަލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްގެ އިމާރާތްތައް ނިންމަން ހަމަޖެހިފައި އޮތީ މި އަހަރުގެ ސެޕްޓޭމްބަރު މަހަށެވެ. ނަމަވެސް، ކޮވިޑްއާ ހެދި އެ މަޝްރޫއު ނިންމުން 2021ގެ އޮގަސްޓަށް ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ. އެމްޕީއެލްއިން ބުނީ މިހާތަނަށް މަޝްރޫއުގެ 63 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

comment ކޮމެންޓް