ޗައިނާއިން ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމަށްފަހު ހަވާލުކޮށްފި

ފޮރިން މިނިސްޓްރީގެ މައި އިމާރާތުގެ ތަޅުދަނޑި ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޗައިނާއިން ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމަށްފަހު އަލުން އެ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

އެ އިމާރާތުގެ މަސައްކަތް ކުރިއަށްދާތީ އެ މިނިސްޓްރީ ވަގުތީ ގޮތުން ބަދަލު ކުރީ ބޮޑުތަކުރުފާނު މަގު ހުޅުމާލެ ފެރީޓާމިނަލް ޖެހިގެން ހުންނަ އެމްޓީސީސީގެ އިމާރާތަށެވެ. މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް ދެމުން ދަނީ އެ އިމާރާތުންނެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމައި މިއަދު ޗައިނާއިން ވަނީ އެ އިމާރާތުގެ ތަޅުދަނޑި އެ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ޗައިނާގެ ފަރާތުން ތަޅުގަނޑި ހަވާލު ކުރީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލެވެ.

ފޮރިން މިނިސްޓްރީ -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ފޮރިން މިނިސްޓްރީއިން މިއަދު ބުނީ އެ މިނިސްޓްރީގެ އިމާރާތަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

އެެ އިމާރާތް މަރާމާތު ކުރީ އެ ތަނުގެ ޖާގައިގެ ދަތިކަން ހައްލު ކުރާށެވެ. މިނިސްޓްރީއިން މީގެ ކުރިން ބުނީ މަރާމާތުގެ މަސައްކަތް ނިމުމުން އެތަނުން ހިދުމަތް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް