ފްރާންސުންވެސް ލޯނުތައް ފަސްކޮށްދީފި

ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ލަވޭޓޫ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ބޭއްވި ބައްދަލުކުރެއްވުުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހި ސަރުކާރާއެކު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އެއްބަސްވުމުގައި ސޮއިކޮށް، ފްރާންސުން ރާއްޖޭގެ ދަރިނިތައް ފަސްކޮށްދީފި އެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ބުނީ ފްރާންސާއި ރާއްޖެއާ ދެމެދު މިއަދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި އެ އެއްބަސްވުމުގައި ސޮއި ކުރީ ލަންކާގައި ހުންނަ ފްރާންސުގެ އެމްބަސީގަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. އަދި ފްރާންސްގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ލަވޭޓޫ އެވެ.

މި އެއްބަސްވުމާއެެކު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އަދި ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ފްރާންސް ހިމެނޭހެން ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފައެވެ.

އިއްޔެ ރާއްޖެއާއި އެމެރިކާއާ ދެމެދުވެސް ވަނީ މިފަދަ ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

comment ކޮމެންޓް