ރާއްޖެއިން އޮކްސްފޯޑު ވެކްސިން ގަންނަން ނިންމާ އެއްބަސްވުމުގައި ސޮއިކުރަނީ

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ގަންނަން ނިންމައި އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރާނެކަން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިބާރްހިމް އަމީރު ސޮއިކުރައްވާ މިއަދު އާންމު ކުރެއްވި "މާލިއްޔަތާ ބެހޭ ޤަރާރު"ގައި ބުނަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އުފައްދާފައިވާ ވެކްސިން ގަތުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައި ވަނީ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ"އާ ދެމެދު ކަމަށެވެ. އެ ކުންފުންޏަކީ އޮކްސްފޯޑާ ގުޅިގެން ވެކްސިން އުފައްދާ ފާމަސޫޓިކަލް ކުންފުންޏެވެ.

ފިނޭންސް މިނިސްޓަރު މިއަދު އެ ގަރާރު ނެރުއްވީ ކޮވިޑް-19ގެ ވެކްސިނަކީ ވަކި ބައެއްގެ އަތުން ގަންނަން ލިބޭ އެއްޗަކަށްވުމާއި ވެކްސިން ދޫކުރަނީ ހާއްސަ ޕްރޮކިއުމަންޓް އުސޫލުތަކެއްގެ ދަށުން ކަމަށް ވާތީ ވެކްސިން ގަތުމުގެ މަސައްކަތްތަކުގައި މާލިއްޔަތު ގަވާއިދުގައި ބުނާ ބައެއް އުސޫލުތަކަށް އަމަލުކުރުން ނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ ގޮތުންނެވެ.

ވެކްސިން ހޯދުމަށް އެއްބަސްވުމުގައި ސޮއިކުރަން ނިންމުމާއެކު އަމަލު ކުރަން ނުޖެހޭގޮތަށް ނިންމި މާލިއްޔަތު ގަވައިދުގެ މާއްދާތަކަކީ:

(ހ) މާލިއްޔަތު ގަވައިދުގެ 10.43

(ށ) މާލިއްޔަތު ގަވައިދުގެ 10.52

(ނ) މާލިއްޔަތު ގަވައިދުގެ 10.67

(ރ) މާލިއްޔަތު ގަވައިދުގެ 10.71

އެ މާއްދާތައް ސަސްޕެންޑް ކުރުމުން މާލިއްޔަތު ގަވައިދުގައިވާ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލު ކުރާކަން ނުޖެހޭނެ އެވެ.

ގަރާރުގައިވާ ގޮތުގައި މި މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކާ އެސްޓްރާޒެނެކާ އާއެކު ސޮއިކުރާ އެއްބަސްވުމާ ގުޅޭގޮތުން، އެ އެއްބަސްވުމުގެ މުއްދަތަށެވެ.

"އެއްބަސްވުމުގެ މުއްދަތުގައި އަމަލު ކުރާނީ އެއްބަސްވުމުގައި ބުނާ ކަންތައްތަކަށް ކަމަށް ނިންމައި އެކަން އިއުލާން ކުރަމެވެ. މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓަނަލް އޮޑިޓެއް ފިނޭންސް އިން ކުރިއަށް ގެންދާނެކަން ފާހަގަކޮށް އެ ހަރަދުތައް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް އަންގަމެވެ،" މިނިސްޓަރުގެ ގަރާރުގައި ވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިން ބުނެފައިވަނީ މި ފެށޭ 2021 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ވެކްސިން ދޭން ފެށޭނެ ކަމަށެވެ. ރާއްޖެއިން ވަނީ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ގުރޫޕް "ކޮވެކްސް" މެދުވެރިކޮށް ވެކްސިން ހޯދުމަށްވެސް އެޕްލިކޭޝަން ހުށަހަޅައިފަ އެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ ވެކްސިނެއް ހޯދިއްޖެ ނަމަ އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް ޖާގަ އޮންނަ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އޮކްސްފޯޑު ވެކްސިން

އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެޔާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރުއޭ)އިން އޮކްސްފޯޑުގެ ވެކްސިން ރައްކާތެރި ކަމަށް ކަނޑައަޅައި އިއްޔެގެ ވަގުތެއްގައި ވަނީ އެ ވެކްސިން އާންމުންނަށް ދޭން ހުއްދަ ދީފަ އެވެ.

ކޮވިޑުން ރައްކާތެރިވާން މިހާރު ބޭނުން ކުރާ ފައިޒާ އާއި މޮޑާނާ ވެކްސިނަށް ވުރެ އޮކްސްފޯޑް ވެކްސިން އަގުހެޔޮވެފައި އެއްތަނުން އަނެއް ތަނަށް ގެންދަން ފަސޭހަ އެވެ. އެއީ މި ވެކްސިން ސްޓޭންޑަޑް ފްރިޖްތަކުގައި ރައްކާކުރެވޭތީ އެވެ.

އެސްޓްރާޒެނެކާއިން ބުނާ ގޮތުގައި އެ ވެކްސިން ދިނުމުން އެވަރެޖުކޮށް 70 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރި ވެއެވެ. އެ ވެކްސިންގެ ޓެސްޓްތަކުން ދެއްކި ގޮތުގައި ބައިވެރިންނަށް ދެ "ފުލް" ޑޯޒް ދިނުމުން 62 ޕަސެންޓު މީހުން ބަލިން ރައްކާތެރިވި އިރު، ދެބައިކުޅަ އެއްބައި ޑޯޒް ފުރަތަމަ ދިނުމަށް ފަހު ދެން ފުލް ޑޯޒްއެއް ދިނުމުން ރައްކާތެރިކަން 90 ޕަސެންޓަށް އަރަ އެވެ.

އިނގިރޭސިވިލާތުން ނިންމާފައި ވަނީ އޮކްސްފޯޑް ވެކްސިންގެ ދެ ފުލް ޑޯޒް ދޭ ގޮތަށެވެ. އަދި ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ 12 ހަފްތާ ފަހުންނެވެ.

އޮކްސްފޯޑު ވެކްސިންގެ ޑޯޒްއެއްގެ އަގަކީ ހަތަރު ޑޮލަރު (61.68 ރުފިޔާ) އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް