ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސިވިލް ސާވިސްއިން ވަޒީފާ ހާއްސަކޮށް ލުއިތަކެއް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސިވިލް ސާވިސްއިން ވަޒީފާ ހާއްސަކޮށް، އެފަދަ މީހުންނަށް ލުއިތަކެއް ދިނުމަށް ސިވިލް ސާވިސްގެ ގަވައިދު އިސްލާހުކޮށްފި އެެވެ.

ސިވިލްސާވިސް ކޮމިޝަނުން މިއަދު ގެޒެޓްކޮށްފައިވާ އެ އިސްލާހުތަކުގައި ބުނާ ގޮތުން، ސިވިލް ސާވިސްގެ ބައެއް މަގާމުތަކަކީ، ހަމައެކަނި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަގާމުތަކެއްކަމުގައި ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެ ތެރެއިން ކަނޑައެޅުމަށް ހުރަހެއް ނެތެވެ.

އޭގެ ބޭނުމަކީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި ވަޒީފާތަކަށް ކުރިމަތިލުމަށް އެފަދަ ފަރާތްތަކަށް ހުރި ހުރަސްތައްނައްތާލުން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި ވަޒީފާގެ މާހައުލަކީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ފަދަ މާހައުލަކަށް ހެދުމަކީ ވެސް އެ އިސްލާހުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.

ދެން ގެނައި މައިގަނޑު ބަދަލަކީ، އުފެދުމުގައި ހުންނަ ދާއިމީ ބައްޔެއްގެ ސަބަބުން އަދި ދިގު މުއްދަތަކަށް ބައްޔަކަށް ބޭސް ކުރަން ޖެހޭ ސިވިލް ސާވެންޓުންނަށް ލުއި ދިނުމެވެ. އެގޮތުން ޓާމިނަލް އިލްނަސް އާއި ކްރޮނިކް ކޮންޑީޝަނެއް ހުންނަ މީހުން އަދި ބޯންމެރޯ ހަދާ މީހުންނަށް ބައެއް ލުއިތަކެއް ދިނުމަށް ހިމަނާފައިވެ އެވެ.

އެގޮތުން ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، އަހަރަކު އިތުރު 30 ދުވަސް ދެވިދާނެ އެވެ. ހަމަ އެގޮތަށް ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާ ކުރާ މުވައްޒަފަކަށްވެސް 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

އެ ފަރާތްތަކަށް 30 ދުވަހުގެ ޗުއްޓީ ދެވޭނީ ބައްޔެއް ނުވަތަ ފަރުވާއެއް ހޯދާ ފަރާތެއްކަން ބަޔާންކޮށްދޭ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅުމުން ކަމަށް އިސްލާހުގައި ބުނެ އެވެ.

ބޯން މެރޯ ހަދާ މުވައްޒަފުން، ރިކަވަރީ މުއްދަތުގައި ގޭގައި ހުރެގެން މަސައްކަތް ކުރަން އެދޭނަމަ މުވައްޒަފަށް ރިމޯޓުކޮށް މަސައްކަތްކުރުމުގެ އިންތިޒާމު އެ އޮފީހަކުން ހަމަޖައްސަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެވޭ ލުއެއްގެ ގޮތުގައި ދެން އިސްލާހުގައި ހިމަނާފައިވަނީ، އެ ފަރާތްތަކަށް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ"އެއް ދިނުމެވެ. މުޅިން އަލަށް ދޭ އެ ޗުއްޓީއަކީ، ސަލާމުގެ ޗުއްޓީގެ އިތުރުން، މުސާރަ ލިބޭ ގޮތަށް އަހަރަކު، 60 ދުވަހަށް ލިބޭ ޗުއްޓީއެކެވެ. އޭގެ އިތުރުން ސެޓްފިކެޓް ހުށަހެޅުމުން އެ ޗުއްޓީ 60 ދުވަހަށްވުރެ އިތުރަށްވެސް ދެވިދާނެ ކަމަށް އިސްލާހުގައި ބުނެ އެވެ.

އެ ޗުއްޓީ ލިބޭނީ، ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގުމުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހޭ މީހުންނަށާއި ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވާ މީހުންނަށް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ޓާމިނަލް އިލްނަސް އާއި ކްރޮނިކް ކޮންޑިޝަން ކޮބައިކަންވެސް އިސްލާހުގައި މާނަކޮށްފައިވެ އެވެ.

އެގޮތުން ޓާމިނަލް އިލްނަސް އަކީ، ފުރާނަ ސަލާމަތް ކުރުމަށް ދޭންޖެހޭ ފަރުވާއާ ނުލައި، ކައިރި މުސްތަގުބަލެއްގައި މަރުވެދާނެ ފަދަ ނުވަތަ ދާއިމީ ގޮތެއްގައި ހޭނެތިދާނެ ފަދަ ރަނގަޅުނުކުރެވޭ ފަދަ ބައްޔެއް ނުވަތަ ހާލަތެކެވެ.

ކްރޮނިކް ކޮންޑިޝަން މާނަކޮށްފައިވާ ހާލަތްތައް:

  • ދާއިމީ ގޮތެއްގައި ދިގުދެމިގެންދާ ތެލަސީމިއާ ބަލި ފަދަބައްޔެއް ހުރުން
  • ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ބައްޔެއް ހުރުން
  • ނޮންރިވާސިބްލް ޕެތޮލޮޖިކަލް އަލްޓަރޭޝަނެއްގެ ސަބަބުން ކުރިމަތިވާ ބަޔެއް ހުރުން
  • ދިގުމުއްދަތަކަށް ސިއްހީ ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ބައްޔެއް ހުުރުން

ވަޒީފާއާ ބެހޭ ގާނޫނަށް މިފަހުން ގެނައި އިސްލާހާ ގުޅިގެން، މެޑިކަލް ސެޓްފިކެޓް ނެތި ސަލާމް ބުނެވޭ ދުވަހުގެ އަދަދު އަހަރަކު 15 ދުވަހަށް މަދު ކުރަން ވެސް ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ.

މި އިސްލާހުތަކަށް އަމަލު ކުރަން ފަށަނީ މާދަމާއިން ފެށިގެންނެވެ.

comment ކޮމެންޓް