ލަންކާއިން މުސްލިމުންގެ ހަށިތައް އަންދާ މައްސަލަ އދ.އަށް ހުށަހަޅަނީ

ލަންކާއިން ކޮވިޑުގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާ މައްސަލައަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޑިސެމްބަރު 31): ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އަންދާ މައްސަލަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާނެ ކަމަށް އިނގިރޭސިވިލާތުގެ މުސްލިމް ކައުންސިލް (އެމްސީބީ)އިން ބުނެފި އެވެ.

އެމްސީބީން ނެރުނު ބަޔާނެއްގައިވާ ގޮތުން ލަންކާއިން އަމަލު ކުރަމުންދާ "ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް މަޖުބޫރުން އެންދުމުގެ" ސިޔާސަތުގެ ދަށުން މިހާތަނަށް ތުއްތު ކުއްޖަކާއި 100އަށް ވުރެ ގިނަ މުސްލިމުންގެ ހަށިތައް އަންދާފައިވާ ކަމަށް އެ ކައުންސިލަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެހެންކަމުން އެ މައްސަލައާ ގުޅިގެން އެމްސީބީން ވަނީ އިނގިރޭސިވިލާތުގައި ލަންކާ ތަމްސީލު ކުރާ ޖަމިއްޔާތަކާއި ވަކީލުންނާއި ސިއްހީ މާހިރުން ހިމެނޭ ޓާސްކްފޯހެއް އެކުލަވާލާފަ އެވެ. އަދި ބަލީގައި މަރުވާ މީހުން ވަޅުލެވޭނެ ގޮތެއް ހެދުމަށް ގާނޫނީ ހައްލެއް ހޯދަން އެ ޓާސްކްފޯހުން މަސައްކަތް ކުރާނެ އެވެ.

އެ ބަޔާނުގައި، ލަންޑަނުގެ ލޯ ފާމެއްގެ ޕާޓްނަރެއް ކަމަށްވާ ތައްޔަބް އަލީ ވިދާޅުވި ގޮތުގައި ލަންކާގައި މުސްލިމުންގެ ހަށިތައް މަޖުބޫރުން އެންދުމަކީ ދީނީ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މައްސަލަ ބޭރުކޮށްފައި ވާތީ ރައްޔިތުންނަށް އަމިއްލަ ގައުމުގައި އެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ވަނީ ނެތިފަ އެވެ.

"[އެ މައްސަލައިގައި] މަރުވި މީހުންގެ އާއިލާގެ މެމްބަރުން ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް އެ މައްސަލަ ކޯޓުން ބޭރުކޮށްފައި ވާތީ އެކަމަށް ދާހިލީ ހައްލެއް ހޯދޭނެ ގޮތެއް ވަނީ ނުވެފައި. އަޅުގަނޑުމެން މިހާރު ދަނީ މިކަން އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ސަމާލު ކަމަށް ގެނައުމަށް ތައްޔާރު ވަމުން،" އަލީ ވިދާޅުވި އެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ. އަދި ލަންކާ ސަރުކާރުން އައްޔަން ކުރި މާހިރުންގެ ކޮމިޓީއަކުންވެސް ވަނީ ކޮވިޑުގައި މަރުވާ މީހުން އެންދުން ނޫން ގޮތެއް ނެތް ކަމަށް މީގެ ކުރިން ނިންމާފަ އެވެ.

އެ ސިޔާސަތުގެ ދަށުން ލަންކާއިން ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އާއިލާގެ ހުއްދައާ ނުލައި އަންދާތީ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އަދި ބަލީގައި މަރުވާ ބައެއް މުސްލިމުންގެ އާއިލާތަކުން އެ މީހުންގެ ހަށިގަނޑު އެންދުމުގައި ބައިވެރިވި ނުވުމުގެ ގޮތުން، މަރުވާ މީހުންގެ ހަށިގަނޑާ ހަވާލުވާން ދެކޮޅު ހަދަން ފެށި އެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން ލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް އެސޯސިއޭޝަނުގެ ސެކްރެޓަރީ އެމް ބަލަސޫރިޔާ ވަނީ ކޮވިޑުގައި މަރުވާ މުސްލިމުންގެ ހަށިގަނޑު މަޖުބޫރުން އެންދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް މި މަހުގެ 14އިގައި ވިދާޅުވެފަ އެވެ. އަދި އެއްވެސް މީހަކު ހަވާލު ނުވާ ނުވަ މީހެއްގެ ހަށިގަނޑު ކޮލަމްބޯގެ މޯޗާރީގައި އޮތް ކަމަށާއި އޭގެ ތެރޭގައި ގިނައީ މުސްލިމުންގެ ހަށިތައް ކަމަށް ވިދާޅުފަ އެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު ލަންކާގެ މީޑިއާތަކުން ވަނީ އެގައުމުގެ މޯޗަރީގައި އޮތް މުސްލިމުންގެ ގަބުރުތަކެއް އެގައުމުގެ ޗީފް ޖުޑިޝަލް މެޑިކަލް އޮފިސަރުގެ އަމުރަށް އަންދާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން، ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ލަންކާ ސަރުކާރުން ދިވެހި ސަރުކާރުގެ އެހީއަށްވެސް އެދުނެވެ. ނަމަވެސް ފަހުން ލަންކާ ކެބިނެޓްގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލާ ވަނީ އެގައުމުން އެ ވިސްނުން ދޫކޮށްލާ، މުސްލިމުންގެ ހަށިތައް ކޮންކްރީޓު ވަޅުތަކެއްގައި ވަޅުލަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ ސަރުކާރުން ވަނީ ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލުމާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް، ވައިރޮލޮޖިސްޓުންނާއި އެހެން ސިއްހީ މާހިރުން ހިމެނޭ 11 މެމްބަރުންގެ އާ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އަދި އެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓެއް މިދިޔަ އަންގާރަ ދުވަހު ހެލްތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް