އެމެރިކާ ލޯނުތައްވެސް ފަސްކޮށްދޭން ނިންމައިފި

ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވް އެގްރިމެންޓުގައި ސޮއިކުރުން --- ފޮޓޯ: އެމްބެސެޑަރު ޓެޕްލިޓްޒް / ޓްވިޓާ

ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

އިއްޔެ ސްރީލަންގާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. އެމެރިކާ ސަރުކާރުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ.

މި އެއްބަސްވުމާއެެކު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވާނެ ކަމަށާއި ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެމެރިކާ ސަފީރު ވިދާލުވީ އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން 100،000 ޑޮލަރުގެ ދަރަނި ދެއްކުން ފަސްކޮށްދެވިގެންދާނެ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ.

ޖީ20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވްގެ ދަށުން ޗައިނާ އާއި ޖަޕާނުންވެސް ވަނީ ރާއްޖޭގެ ލޯނުތައް ފަސްކޮށްދޭން އެއްބަސްވެފައެވެ.

comment ކޮމެންޓް