ދިވާސް އިން އާ އަހަރަށް ރެޑް ކާޕެޓް އިވެންޓެއް

ދިވާސްގެ މޮޑެލްތަކެއް --- ފޮޓޯ : ދިވާސް

ރާއްޖޭގެ ފެޝަން އަދި މޮޑެލިން އޭޖެންސީއެއް ކަމަށްވާ "ދިވާސް" އިން އާ އަހަރާ ދިމާކޮށް މިރޭ ހާއްސަ ލައިވް ފެޝަން ޝޯއެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ދިވާސް އިން މިރޭ ބާއްވާ އިވެންޓަކީ މީގެކުރީން ފެނިގެން ގޮސްފައި ނުވާ ފަދަ އިވެންޓަކަށް ވެގެންދާނެ ކަމަށް އެ އޭޖެންސީއިން ބުނެއެވެ. އެގޮތުން އާންމުންނަށް ހުޅުވާލައިގެން ބައިވެރިވެވޭ އިވެންޓަކީ "ރެޑް ކާޕެޓް ވީއައިޕީ" އިވެންޓެއް ކަމަށް އެ އޭޖެންސީއިން ބުނެއެވެ.

ސޮލައިޓް ރެސްޓޯރެންޓްގައި މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ އިވެންޓުގައި އާންމުން ބައިވެރިވާނީ ރެޑް ކާޕެޓަކަށް ދާގޮތަށް ކަމަށް ދިވާސް އިން ވަނީ ބުނެފައެވެ.

ޓިކެޓެއް 500 ރުފިޔާއަށް ގަނެގެން ބައިވެވޭ އިވެންޓުގައި އެންމެ ރީތިކޮށް ހެދުން އަޅާ އަންހެނަކާއި ފިރިހެނެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެއިތުރުން ހުރިހާ އެންމެނަށްވެސް ކެއުމަށް ހާއްސަ ބުފޭއެއް އެ އިވެންޓުގައި ހުންނާނެއެވެ.

ދިވާސް އިން ބުނާގޮތުގައި އެ އިވެންޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެކި ފަރާތްތަކުންގެ ލައިވް ޕަފޯމެންސްތަކެވެ. އެގޮތުން ޓިކްޓޮކް އިން މަގުބޫލުވެފައިވާ ނެށުންތެރިޔެއް ކަމަށްވާ ނިމްޝާ އެ އިވެންޓުގައި ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެއިތުރުން ދިވާސް "އެލީޓް" އިންގެ ގޮތުގައި ހިމެނޭ ފަރާތްތަކުންވެސް އެ އިވެންޓުގައި ޕާފޯމް ކުރާނެ ކަމަށް ދިވާސް އިން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ހާލަތުގައި އެފަދަ އިވެންޓެއް ކުރިއަށްދާއިރު އެކަމަށް ސަމާލުކަން ދޭނެ ކަމަށް ދިވާސް އިން ބުނެއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ދިވާސް އިން ވަނީ ބުނެފައެވެ.

ދިވާސްގެ އާ އަހަރުގެ އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ އޭޖެންސީގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް