ގަލްފް ސަމިޓަށް ސައުދީން ގަތަރުގެ އަމީރަށް ދައުވަތު އަރުވައިފި

ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީ -- ފޮޓޯ: އޭޕީ

ދޯހާ (ޑިސެމްބަރު 31): ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އިން ސައުދީ އަރަބިއާގައި ބާއްވާ ގަލްފް ސަމިޓަށް ވަޑައިގަންނަވަން ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީއަށް ދައުވަތު އަރުވައިފި އެވެ.

ޖީސީސީން ކުރި ޓުވީޓެއްގައިވާ ގޮތުން އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނާޔިފް ފަލަހް އަލް ހަޖުރަފް ވަނީ ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތެއް ޝޭހް ތަމީމަށް އަރުވާފަ އެވެ.

ޝޭހް ތަމީމް އެ ސަމިޓަށް ވަޑައިގަންނަވާނެ ކަމެއް އަދި ވިދާޅުވެފައި ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުވެސް އެ ދައުވަތު އެރުވުމުން އަމީރުގެ ބަދަލުގައި ވަޑައިގެންނެވީ އޭރުގެ ބޮޑުވަޒީރު އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އަލް ޘާނީ އެވެ.

ޖީސީސީގައި ސައުދީ އަރަބިއާ އާއި ގަތަރުގެ އިތުރުން ބަހުރައިން، އޮމާން، ކުވައިތު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް ހިމެނެ އެވެ.

ޖޫން 2017އިގައި ސައުދީ އަރަބިއާ، ޔޫއޭއީ، މިސްރު އަދި ބަހްރެއިން އިން ވަނީ ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލައި، އެގައުމަށް ކަނޑުންނާއި، އެއްގަމުންނާއި، ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލައިފަ އެވެ. އެގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ އެގައުމުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށާއި، ސަރަހައްދީ ގޮތުން އެގައުމުތަކާ އެންމެ ވާދަވެރި އީރާނާ ގާތް ގުޅުންތައް ބާއްވާ ކަމަށް ބުނެ އެވެ.

ނަމަވެސް ޝޭހް ތަމީމް ގަލްފް ސަމިޓަށް ވަޑައިގެންފި ނަމަ އެ ވާނީ ގައުމުތަކުގެ ގުޅުންތައް ރަނގަޅުވަމުންދާ ކަމުގެ ނިޝާނަކަށް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދީ ބްލޮކްތަކުގެ ތެރޭގައި ހިމެނޭ ޖީސީސީގެ ޖީޑީޕީ 1.6 ޓްރިލިއަން ޑޮލަރަށް އަރަ އެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމަށް ފަހު އެގައުމުތަކުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ސަރަހައްދުގެ އިގުތިސާދީ ކުރިއެރުމަށާއި ފްރީ ޓްރޭޑާ ގުޅުން ހުރި މަަޝްވަރާތަކަށާއި އެކުވެރި ގައުމުތަކާ އެކު ފައިދާ ހުރި ގުޅުންތައް ގާއިމު ކުރުމަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް