ސިޓީން އަދިވެސް މެސީ ގެނައުމުގެ އުންމީދު ދޫކޮށްނުލާ: ރިޕޯޓް

ގާޑިއޯލާ ބާސާއަށް ކޯޗްކޮށްދިންއިރު މެސީއާއެކު --- ފޮޓޯ/ ޔޫރޯ ސްޕޯޓްސް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އަންނަ އަހަރު ގެންދިއުމަށް ކުރާ އުންމީދުތައް އަދިވެސް މެންޗެސްޓާ ސިޓީން ދޫކޮށްނުލާ ކަމަށާއި، މެސީ ގެންދިއުމަށް ބޭނުންވާ ޕްލޭން ފަހި ކުރުމުގެ މަސައްކަތް އެކުލަބުން ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ވަނީ ރަސްމީކޮށް ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ. އެކަމަކު އޭރު އެކަން ހުއްޓުވީ ބާސެލޯނާގެ ބޯޑުންނެވެ. ބާސެލޯނާ ބޯޑުން ނިންމީ މެސީ އަށް ހިލޭ އެހެން ކްލަބަކަށް ނުދެވޭނެ ކަމަށާއި ކޮންޓްރެކްޓްގައި ބުނާ އަދަދު ކަމަށްވާ 700 މިިލިއަން ޔޫރޯ އޭނާ ގެންދާ ކްލަބަކުން ދޭން ޖެހޭނެ ކަމަށެވެ. ނިންމުން ބަދަލުކޮށް މެސީ ބާސެލޯނާގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ބުނީ އެންމެ ލޯބިވާ ކްލަބް ގޮވައިގެން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށެވެ.

ނަމަވެސް މި ސީޒަނުގެ ނިޔަލަށް މެސީގެ ބާސެލޯނާ ކޮންޓްރެކްޓް ނިމުމަކަށް އަންނަ އިރު، ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައޮ މެސީއަށް ހިލޭ ޓްރާންސްފާއެއްގައި ބޭނުން ކުލަބަކަށް ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެހެންމެ ކުރީ ސީޒަނުގެ ފަހު ކޮޅު އޭނާ ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށާއި، ބާސެލޯނާ ދޫކޮށް ދާނޭ ކަމަށް މެސީ ވަނީ ކުރިން ބުނެފަ އެވެ.

މެސީ އޭރު ކުލަބު ބަދަލު ކުރާ ވާހަކަތައް އެންމެ ގަދައަށް ދެއްކި އިރު، އޭނާއަށް ފާރަލައިގެން އޭނާ ގެންދިއުމަށް މާލީ ޕްލޭންތައް ހެދި އެއް ޓީމަކީ މެސީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ މިހާރު ކޯޗުކަން ކޮށްދެމުން އަންނަ ސިޓީ އެވެ. ސިޓީން އޭރު މެސީ ގެންދިއުމަށް ކުރި މަސައްކަތް ބާސެލޯނާއިން ނާކާމިޔާބުކޮށްލި ނަމަވެސް އެ ޓީމުން އަދިވެސް މެސީ ހޯދުމުގެ އުންމީދުގައި އޮތް އިރު، އަންނަ ޓްރާންސްފާ މާކެޓުގައި މެސީ ގެންދިއުމަށް ވަނީ ތައްޔާރުވާން ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީން މިހާރު ތައްޔާރުވަމުން އަންނަނީ ފަސް އަހަރުގެ ދިގު އެއްބަސްވުމެއް މެސީއާ ހަވާލު ކުރާށެވެ. އެ ފަސް އަހަރުގެ ތެރެއިން ތިން އަހަރު އިނގިރޭސިވިލާތުގައި މެސީ މަޑު ކުރާ އިރު، ބާކީ ދެ އަހަރަކީ އެ ކުލަބުން ބޭނުންވާ އެމެރިކާގެ އެމްއެލްއެސް ލީގުގައި މެސީ ކުޅޭނެ ދެ އަހަރު ކަމަށް ވެސް ރިޕޯޓްތަކުން ބުނެ އެވެ.

ނަމަވެސް މިފަހުން މެސީ ވަނީ އަނެއްކާވެސް އޭނާގެ ވާހަކަތަކުގެ ރާގު ބަދަލުކޮށްފަ އެވެ. މެސީ މިފަހަރު ދެއްކި ވާހަކަތަކުން އޭނާ ކުލަބުގައި މަޑުކޮށްފާނެ ކަމުގެ އިޝާރާތްތަކެއް ވަނީ ކޮށްފަ އެވެ.

"މިދިޔަ ސީޒަން ނިންމާލި ގޮތާއި، އެ ސީޒަންގެ ފަހުކޮޅު ދިމާވި ކަންތައްތަކުގެ ސަބަބުން އަހަރެންނަށް ވަރަށް ބޮޑެތި އަސަރުތަކެއްކޮށް ކުލަބު ދޫކޮށްލަން ބޭނުންވި. އަދި ފެކްސް ފޮނުވުމާއި ކަންތައްތަކުގެ ސަބަބުން މި ސީޒަނުގެ ކުރީކޮޅު ވެސް އޭގެ ނޭދެވޭ އަސަރުތައް ކޮންމެސް ވަރަކަށް އަހަރެންނަށް ކުރި،" މެސީ ބުންޏެވެ.

"އެހެން ނަަމަވެސް މިއަަދު އަހަރެން މިހުރީ ހިތްހަމަ ޖެހިގެން. ކުލަބު މިހާރު އޮތީ ވަރަށް ވެސް އުނދަގޫ ހާލަތެއްގައި. އެ ހާލަތުން އަރައިގަތުމަށް އަހަރެން އެހީވާން ބޭނުން. އަދި އެކަމަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަގީންކަން ވެސް ދެން،"

comment ކޮމެންޓް