ލޯނު ދައްކަން 1.1 ބިލިއަން ހަރަދުކޮށްފި

މާލޭގެ މަގުތަކުން މީހުން ހުސްވެ، ހިމޭންކަން ވެރިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ލޯނުތައް ދެއްކުމަށް މި އަހަރުގެ މިހާތަނަށް 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ 51 ވަނަ ހަފްތާގެ ނިޔަލަށް ދައުލަތުން ވަނީ 26 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 5.1 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފައެވެ. ޓީބިލު ވިއްކުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާ ޝޯޓް ޓާމް ފައިނޭންސިން މެތަޑެކެވެ.

ފިނޭންސްގެ ހިސާބުތައް ދައްކާގޮތުން ދިވެހި ރުފިޔާ އާއި ޑޮލަރުންވެސް ޓީބިލު ވިއްކާފައި ވެއެވެ.

މިއަހަރުގެ އެހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 14 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި 844 މިލިއަން ރުފިޔާ އެ މުއްދަތުގައި ދައުލަތަށް ލިބިފައި ވެއެވެ.

ދައުލަތުގެ ހަރަދަށް ބަލާއިރު މުސާރަ އާއި އިނާޔަތްތައް ދިނުމަށް 9.8 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 8.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ޕީއެސްއައިޕީ ޕްރޮޖެކްތުތަކަށް 4.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

comment ކޮމެންޓް