ދުއްވުން މަނާ ގަޑިތަކުގައި ޒަރޫރީ ބޭނުންތަކަށް ދޫކުރާ ހުއްދަ މާދަމާ ދޫކުރާނެ

މާލޭގެ މަގުތަކުން މީހުން ހުސްވެ، ހިމޭންކަން ވެރިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ އަހަރު ފެށުމާ ދިމާކޮށް އަހަރުގެ ފުރަތަމަ ދުވަހުގެ ހަވީރު މާލެއާއި ވިލިމާލޭގެ މަގުމަތީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ޒަރޫރީ ބޭނުންތަަކުގައި ދުއްވާ އެއްޗެހި ދުއްވުމަށް ދޫކުރާ ހުއްދަ މާދަމާ ދޫކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ދުއްވުން މަނާ ގަޑިތަކުގައި ޒަރޫރީ ބޭނުންތަކުގައި ދުއްވާ އެއްޗެހި ދުއްވަން ޖެހޭ ފަރާތްތަކަށް ބޭނުންވާ ހުއްދަ މާދަމާ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ކައުންސިލުގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިން ދުކުރާނެ ކަމަށެވެ.

އާ އަހަރު ފެށުމާ ދިމާކޮށް ޖެނުއަރީ އެއްވަނަ ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ސިޓީ ކައުންސިލިން ވަނީ ހަމަޖައްސައިފައެވެ.

އެގޮތަށް ހަމަޖެއްސީ، މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރުފަތުރުކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހުނު އަހަރަކަށްވާތީ، މި ބަލިމަޑުކަމުގެ ސަބަބުން މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވޭ ކަމަށާއި މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާތީ ކަމަށެވެ.

އެގޮތުން ޖެނުއަރީ އެއްވަނަ ދުވަހުގެ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުން މަނާވާނެއެވެ.

އަދި އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ބުންޏެވެ.

ވެހިކަލްތަކުން ފުރިފައިވާ މާލެ ސަރަހައްދުގައި މީގެ ކުރިންވެސް އީދު ފަދަ މުނާސަބަތުތަކާ ގުޅިގެން ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުގެ ގޮތުގައި ދުވަހުން ބައެއް ކަނޑައަޅައެވެ.

comment ކޮމެންޓް