ޗައިނާއިން ހޮންކޮންގްގެ 10 އެކްޓިވިސްޓަކު ޖަލަށް ލާން ހުކުމްކޮށްފި

ހޮންކޮންގްގެ 12 މީހަކު ޗައިނާއިން ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ގެޓީ

ހޮންކޮންގް (ޑިސެމްބަރު 30): ހޮންކޮންގްއިން ޓައިވާނަށް ބޯޓެއްގައި ގަވާއިދާ ހިލާފަށް ދާން މަސައްކަތް ކުރި 12 މީހެއްގެ ތެރެއިން 10 މީހަކު ޖަލަށް ލާން ޗައިނާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ޗައިނާއިން މިދިޔަ އޮގަސްޓު މަހުގެ 23ގައި ހައްޔަރު ކުރި އެ 12 މީހުންގެ ތެރެއިން އަށް މީހެއްގެ މައްޗަށް ކުރީ ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސް ކުރުމުގެ ދައުވާ އެވެ. އަދި ދެ މީހެއްގެ މައްޗަށް ކުރީ ބޯޑަރު ހުރަސް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ކަމުގެ ދައުވާ އެވެ.

އޭގެ ތެރެއިން ބޯޑަރު ހުރަސް ކުރިއަށް މީހުން ހަތް މަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި އިންތިޒާމުތައް ހަމަޖެއްސި ދެ މީހުން ތިން އަހަރާއި ދެ އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

އެ 12 މީހުންގެ ތެރޭގައި 16 އަހަރާއި 17 އަހަރާ ދެމެދުގެ ދެ ކުދިން ހިމެނެ އެވެ. އަދި އެ ދެ ކުދިންގެ ޝަރީއަތް ވަކިން ކުރިއަށްގެންދާނެ ކަމަށް މީގެ ކުރިން ޗައިނާއިން ބުނި ނަމަވެސް މިއަދު އެ ދެ ކުދިން ވަނީ ހޮންކޮންގްއާ ހަވާލުކޮށްފަ އެވެ.

އެ 12 މީހުން ޓައިވާނަށް ދާން މަސައްކަތް ކުރީ މިދިޔަ އަހަރު ހޮންކޮންގްގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކާ ގުޅިގެން އެ މީހުންގެ މައްޗަށް ދައުވާ ކުރަން އުޅެނިކޮށެވެ. އޭގެ ތެރޭގައި ހަމަނުޖެހުން ހިންގުމާއި އަމަނާ ބެހޭ ގާނޫނާ ހިލާފުވުމުގެ ދައުވާ ހިމެނެ އެވެ. އަދި ހޮންކޮންގްއާ މިހާރު ހަވާލުކޮށްފައިވާ ދެ ކުދިންނާ ދެކޮޅަށް އެ މައްސަލައިގައި ދައުވާ ކުރާނެ ކަމަށް އެ ސިޓީގެ ފުލުހުން ބުންޏެވެ.

އެ މައްސަލައަކީ ޗައިނާއިން ހޮންކޮންގްގެ ރައްޔިތުންތަކެއް ހައްޔަރު ކުރި މައްސަލައެއް ކަމުން އެ ޝަރީއަތަށް ބޭރު ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

އެ ޝަރީއަތް ފެށުމުގެ ކުރިން އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި ވަނީ އެ 12 މީހުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ މީހުންނަށް އަމިއްލައަށް ވަކީލުން ހިޔާރު ކުރުމުގެ ފުރުސަތު ނުދޭ ކަމަށާއި އެ ޝަރީއަތް އިންސާފުވެރި ގޮތަކަށް ކުރިއަށް ދިޔުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން 150 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ހޮންކޮންގް 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ.

ނަމަވެސް މިދިޔަ އަހަރު ހޮންކޮންގްގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކާ ގުޅިގެންނާއި ޗައިނާއިން މިދިޔަ ޖޫން މަހު ފާސް ކުރި އެ ސަރަހައްދުގެ އަމަނާ ބެހޭ ގާނޫނާ އެކު ހޮންކޮންގްގެ ޑިމޮކްރަސީއަށް މަސައްކަތް ކުރާ އެކްޓިވިސްޓުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް