ގަން އެއާޕޯޓަށް ޖެޓު ޕާކިންގެ ރެކޯޑެއް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

މި އަހަރަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްފަހަރާ އެންމެ ގިނަ ޕްރައިވެޓް ޖެޓު ޕާކު ކުރާނެ އަހަރު ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ގައިސް ނަސީރު ހޯމަ ދުވަހު "ސަން" އަށް ވިދާޅުވީ އެ އެއާޕޯޓުގެ ތާރީހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ޖެޓް ހޭންޑްލް ކުރާ އަހަރަށް މި އަހަރު ވާނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މި އަހަރުގެ ކުރިން އެންމެ ގިނަ އަދަދެއްގެ ޖެޓު އެ އެއާޕޯޓުން ޓޫރިޒަމް ސީޒަނުގައި ހޭންޑްލް ކުރީ 2015 ވަނަ އަހަރު އެވެ. އެ އަހަރު އައްޑޫ އެއާޕޯޓުގައި 26 ޖެޓު އެއްފަހަރާ ޕާކު ކުރި އެވެ.

މި ޑިސެމްބަރު މަހުގެ ހަޔަކުން ފެށިގެން އެވްރެޖުކޮށް ދުވާލަކު ހަ ޖެޓު އެ އެއާޕޯޓުގައި ޕާކު ކުރެ އެވެ. އައްޑޫ އެއާޕޯޓުގައި އެއްފަހަރާ 25-30 ޖެޓު ޕާކު ކުރެވޭއިރު މި ދުވަސްވަރު، ކޮންމެ ދުވަހަކުވެސް ދެތިން ހަތަރު ޖެޓު އައިސްގޮސް ހަދާ ކަމަށް އައްޑޫ އެއާޕޯޓުން ބުންޏެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

ޑިސެމްބަރު މަހު 100 އަށްވުރެ ގިނަ ޖެޓް އެ އެއާޕޯޓަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. މިހާރުވެސް 36 ޖެޓު އެ އެއާޕޯޓުގައި އޮތްއިރު، ޖެނުއަރީ އެއްވަނަ ދުވަހު މި އަދަދު 40 އަށް އަރާނެއެވެ.

އައްޑޫ އެއާޕޯޓުގައި ޕްރައިވެޓު ކުދި ޖެޓުތަކުގެ އިތުރުން އޭ320، އަދި ބޮއިން 752 މަރުކާގެ ޕްރައިވެޓު ބޯޓުތައްވެސް ޕާކުކޮށްފައި އެބަހުއްޓެވެ. ޖެނުއަރީ 15 އާ ހަމައަށް އެ އެއާޕޯޓަށްވެސް ވަރަށް ބާރުބޮޑުވާނެ އެވެ.

"ޓޫރިޒަމްގެ ހަބަރުތަކަށް ބަލާއިރު ރާއްޖެއަށް ޓްރެޑިޝަނަލް ލޯ ސީޒަނެއް ނައިސް ދާނެ. އަންނަ އަހަރުގެ ތެރޭގައިވެސް މި ޕްރައިވެޓް ޖެޓުގެ ޓްރެންޓު އޮންނާނެ ކަމަށް ބެލެވޭ،" އައްޑޫ އެއާޕޯޓުން ބުންޏެވެ.

އައްޑޫ ސިޓީ ގަން އެއާޕޯޓުގައި އޮންނަނީ 3.4 ކިލޯ މީޓަރުގެ ރަންވޭއެކެވެ. އެ އެއާޕޯޓުގެ ރަންވޭއަކީ ބޮއިންގް 777 ގެ ބޯޓު ފަހަރާއި އޭ380 މަރުކާގެ ބޯޓުފަހަރުވެސް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.

comment ކޮމެންޓް